Roadha Mihaaru
އާންމު މަޖިލީހުން ރަޝިޔާ ކުށްވެރިކޮށްފި

އާންމު މަޖިލީހުން ރަޝިޔާ ކުށްވެރިކޮށްފި

13 އޮކްޓޯބަރ 2022

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލާފައިވާތީ، އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން، ރަޝިޔާގެ އެ ނިންމުން އިއްޔެ ކުށްވެރިކޮށްފި އެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލާފައިވާތީ، އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން، ރަޝިޔާގެ އެ ނިންމުން އިއްޔެ ކުށްވެރިކޮށްފި އެވެ.

އާންމު މަޖިލީހުން ފާސްކުރާ ގަރާރަކީ، އޭގެ ޒާތުގައި އެއްވެސް ބާރެއް ހުރި އެއްޗެއް ނޫން ނަމަވެސް، ރަމްޒީ ގޮތުން މުހިންމު ނިންމުމަކަށް ވާތީ، ޗައިނާގެ އެ އަމަލާ މެދު ދުނިޔޭގެ ގައުމުތައް ދެކޭ ގޮތް ވަނީ ހާމަވެފަ އެވެ.

ހުސްވި އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރަޝިޔާއާ އެއްކޮށްލި ހަތަރު ސަރަހައްދަކީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން، އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްކް އެވެ. އެ ހަތަރު ސަރަހައްދު ރަޝިޔާއާ އެއްކޮށްލީ، އެ ސަރަހައްދުތައް ޔޫކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިދިޔަ މަހުގެ 23-27 އަށް ނެގި ވޯޓުގައި އެކަމަށް އަޣުލަބިއްޔަތު ލިބުމުންނެވެ.

އދ.ގެ އާންމު މަޖިލީހުގައި، އޮކްޓޫބަރު 12، 2022 ގައި ރަޝިޔާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާގެ ސަފީރު ވެސިލީ ނެބެންޒިއާ ބަހުސްކުރަނީ. --އޭއެފްޕީ

އދ.ގެ އާންމު މަޖިލީހުގައި، އޮކްޓޫބަރު 12، 2022 ގައި ރަޝިޔާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ރަޝިޔާގެ ސަފީރު ވެސިލީ ނެބެންޒިއާ ބަހުސްކުރަނީ. --އޭއެފްޕީ

ރަޝިޔާގެ އެ އަމަލު ކުށްވެރިކޮށް ޔޫކްރޭންގެ ފަރާތުން އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރީ، އދ.ގައި ހިމެނޭ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބަޔަށް ވުރެ ވެސް ގިނަ މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އދ.ގެ ޖުމްލަ 193 މެމްބަރުންގެ ތެރެއިން އެ ގަރާރު ފާސްކުރުމަށް 143 ގައުމުން ވޯޓު ދިނެވެ. ޗައިނާ، އިންޑިއާ، ޕާކިސްތާން އަދި ދެކުނު އެފްރިކާ ހިމެނޭ ގޮތުން، ޖުމްލަ 35 ގައުމެއް އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެ ވޯޓަށް ފާޅުގައި ދެކޮޅު ހެދީ، ރަޝިޔާގެ އިތުރުން ބެލަރޫސް އާއި އުތުރު ކޮރެއާ އާއި ސީރިޔާ އަދި ނިކަރާގުއާ އެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅައިލުމުގެ ގަރާރުތަކުގައި ސޮއިކުރީ، އެ ސަރަހައްދުތަކުގެ ވެރިންގެ ގޮތުގައި ރަޝިޔާގެ ފަރާތުން ކަނޑައަޅާފައި ތިބި ޔޫކްރޭންގެ ރައްޔިތުންނެވެ. އަދި އެ ސަރަހައްދުތަކުގައި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގީ ވެސް، އެ މީހުންގެ ބެލުމުގެ ދަށުން ހަމަޖެއްސި އިންތިޒާމުތަކެއްގެ ތެރެއިންނެވެ.

އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާ ކުށްވެރިކޮށް ގަރާރެއް މި ފާސްކުރީ، މިފަދަ ގަރާރެއް ފާސްކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ މަހު ކުރި މަސައްކަތް، ރަޝިޔާ އިން ވީޓޯގެ ބޭނުން ކުރުމުން ނާކާމިޔާބުވެފައި ވަނިކޮށެވެ.

އދ.ގެ އާންމު މަޖިލީހުގައި، އޮކްޓޫބަރު 12، 2022 ގައި ރަޝިޔާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ގައުމުތަކުންގެ މަންދޫބުން ބަހުސްކުރަނީ. --އޭއެފްޕީ

އދ.ގެ އާންމު މަޖިލީހުގައި، އޮކްޓޫބަރު 12، 2022 ގައި ރަޝިޔާއާ ދެކޮޅަށް ހުށަހެޅި ގަރާރަށް ގައުމުތަކުންގެ މަންދޫބުން ބަހުސްކުރަނީ. --އޭއެފްޕީ

އެ ގަރާރަށް ވޯޓު ނެގުމުގެ ކުރިން، ގަރާރާ ބެހޭ ގޮތުން ކުރި ބަހުސްގައި، ރަޝިޔާގެ ސަފީރު ވެސިލީ ނެބެންޒިއާ ވިދާޅުވީ އެ ގަރާރަކީ "ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ އަދި ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް" ކަމަށެވެ. އަދި މައްސަލަ އަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކުރަމުން އަންނަ ހުރިހާ މަސައްކަތެއް، އެ ގަރާރުގެ ސަބަބުން ނެތި ފަނާވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ސަފީރު ގެންގް ޝުއަންގް ވިދާޅުވި ގޮތުގައި އެ ގަރާރަށް ޗައިނާ އިން ވޯޓު ނުދިނީ، އެ ގަރާރުގެ ސަބަބުން މައްސަލައަށް އެއްވެސް ހައްލެ ނުލިބޭނެކަން ކަށަވަރުވާތީ އެވެ.

މި ގަރާރު އާންމު މަޖިލީހުގައި ފާސްކުރުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ބައިވެރިވެވަޑައިގެންނެވި އޮންލައިން ބައްދަލުވުމެއް، މިދިޔަ އަންގާރަ ދުވަހު، 100 ގައުމެއްގެ ޑިޕްލޮމެޓުންނާ އެކުގައި ބޭއްވި އެވެ. އެ ބައްދަލުވުމުގެ ނަތީޖާ ވެސް ރަނގަޅެވެ.

ރަޝިޔާ އިން 2014 ވަނަ އަހަރު ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ ގައުމުގެ ކްރީމިއާ ސަރަހައްދު ހިފައި ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުން، އެކަމާ ދެކޮޅަށް އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ 100 ގައުމުގެ ވޯޓުންނެވެ. ނަމަވެސް މިފަހަރުގެ ވޯޓުގައި 143 ގައުމު ބައިވެރިވި އެވެ.

އިއްޔެ ފާސްކުރި ގަރާރުގައި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލާފައިވަނީ، ރަޝިޔާ އިން ހިފައި ރަޝިޔާއާ އެއްކޮށްލާފައިވާ ޔޫކްރޭންގެ އެއްވެސް ބިމަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ގަބޫލު ނުކުރުމަށެވެ. އަދި ރަޝިޔާ-ޔޫކްރޭން މައްސަލަ ހައްލުކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ފެށުމަށާއި، ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލުމުގެ ނިންމުން އަނބުރާ ގެންދިއުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.