Roadha Mihaaru
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރަނީ

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރަނީ

07 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، އދ. ގައި މިއަދު ވޯޓު ނަގަން ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، އދ. ގައި މިއަދު ވޯޓު ނަގަން ނިންމައިފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމުގެ މައްސަލަ އާންމު މަޖިލީހަށް ހުށަހެޅި އެމެރިކާ އިންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމުގެ މައްސަލައިގައި، އދ.ގެ އާންމު މަޖިލީހުގައި ވޯޓެއް ނެގުމަށް ނިންމީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށްބޭރު ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، ގިނަ އަދަދެއްގެ އާންމުން މަރާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ކިޔޭވްގެ ހުޅަނގުއުތުރުން އޮންނަ ބޫޗާއިން އެކަނި ވެސް، އާންމުންގެ 400 އަށް ވުރެ ގިނަ މީހުން މަރާލާފައިވަނިކޮށް ފެނިފައިވެ އެވެ. ނަމަވެސް ރަޝިޔާ އިން ބުނެފައިވަނީ އެފަދަ އަމަލެއް ނުހިންގާ ކަމަށާއި ބޫޗާގައި އާންމުން މަރުވެފައިވާ ނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫކްރޭން ސިފައިން ކަމަށެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވާ ގޮތުގައި، ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ކޮންމެ ސަރަހައްދަކުން ފެންނަނީ، ބޫޗާގައި ރަޝިޔާ ސިފައިން ހިންގާފައިވާ ޖަރީމާތަކާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ވެސް ނުރައްކާތެރި ޖަރީމާތަކެއް ހިންގާފައިވާ މަންޒަރެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ވޯޓެއް ނެގުމަށް ތާވަލުކުރި އިރު، އެ މައްސަލަ އެ ގޮތަށް ފާސްވާނެކަމާ މެދު ޝައްކެއް ނެތް ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ. އެއީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ރަޝިޔާއާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި މިހާތަނަށް ނެގި ދެ ވޯޓުގައި ވެސް ރަޝިޔާ ކުށްވެރިކޮށް ގިނަ އަދަދެއްގެ ގައުމުތަކުން ވޯޓު ދީފައިވަތީ އެވެ.

އދ.ގެ އާންމު މަޖިލީހުގެ މެމްބަރުންގެ ގޮތުގައި 193 ގައުމު ހިމެނޭއިރު، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ގައުމެއް ވަކިކުރަން ފާސްވާނީ، އދ.ގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ތިން ބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. މީގެ ކުރިން ނެގި ދެ ވޯޓުގައި ވެސް ރަޝިޔާއާ ދެކޮޅަށް ގާތްގަނޑަކަށް 140 ގައުމު ވޯޓު ދީފައިވުމުން، މިއަދު ނަގާ ވޯޓުގައި ވެސް އެއަދަދަށް ވޯޓު ލިބޭނެ ކަމަށް ބެލެވެ އެވެ.

ޔޫކްރޭން ހަނގުރާމައިގެ މައްސަލައިގައި އދ.ގެ ތަފާތު އިދާރާތަކުގައި މިހާރު ކުރެވެމުންދާ ބަހުސްތަކުގައި ވެސް، ރަޝިޔާ ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފަ އެވެ. އެމެރިކާ އިން ހޭދަކޮށްގެން ޔޫކްރޭންގައި ހިންގާ، ބަޔޮލޮޖިކަލް ހަތިޔާރުގެ އަޖުމަބަލާ ލެބޯޓެރީތަކެއް ހުރި ކަމަށް ރަޝިޔާ އިން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން، ސަލާމަތީ މަޖިލީހުގައި އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ވެސް، ރަޝިޔާ ވަރަށް ބޮޑަށް އެކަހެރިވެ ބާކިވި އެވެ.

އެފަދަ ލެބޯޓެރީތަކެއް ހުރި ކަމަށް ބުނާ ބުނުން ފިޔަވައި، އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ ހަރުދަނާ ހެއްކެއް ރަޝިޔާ އިން ނުދެއްކުމުން، ސަލާމަތީ މަޖިލީހުގައި މެމްބަރު ގައުމުތަކުން ވަރަށް ބޮޑަށް ރަޝިޔާ އަށް ފާޑުކިޔުންތަކާއި ނަފްރަތުގެ ބަސްތައް ރައްދުވި އެވެ.