Roadha Mihaaru
ރަޝިޔާއާ ގުޅޭ ތަންތަނަށް ފުރިހަމަ ހިމާޔަތް ދެނީ

ރަޝިޔާއާ ގުޅޭ ތަންތަނަށް ފުރިހަމަ ހިމާޔަތް ދެނީ

25 ސެޕްޓެމްބަރ 2022

މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލުމަށް، އެ ބިންތަކުގެ ރައްޔިތުން ތާއީދުކޮށްފި ނަމަ، އެ ބިންތަކުގައި ދިރިއުޅޭ އެންމެންނަށް ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ އެއްކޮށްލުމަށް، އެ ބިންތަކުގެ ރައްޔިތުން ތާއީދުކޮށްފި ނަމަ، އެ ބިންތަކުގައި ދިރިއުޅޭ އެންމެންނަށް ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ފަރާތުން އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ ހިފާފައިވާ ބިންތަކުގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ރަޝިޔާ އިން އިހްތިރާމްކުރާނެ ކަމަށެވެ. ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ މެދު އެ ބިންތަކުގައި ދިރިއުޅޭ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ފެށީ، މިދިޔަ ހުކުރު ދުވަހު އެވެ.

ރަޝިޔާ އިން ބުނި ގޮތުގައި އެ ބިންތަކުގައި ދިރިއުޅޭ މީހުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަކީ، އެ މީހުންގެ ކުރިމަގު އަމިއްލައަށް ކަނޑައެޅުމަށް އެމީހުން އަމިއްލަ އަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ހިފާފައިވާ ބިންތަކުގައި ނަގާ ވޯޓަކީ، އެ ބިންތައް އަޅުވެތިކުރުމުގެ ބޭނުމުގައި ރަޝިޔާ އިން ދުރާލައި ރާވައިގެން ކުޅޭ ކުޅިގަނޑެކެވެ.

"މިހާރު ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު، އާ ނާޒީންގެ އަނިޔާތައް އެތައް އަހަރެއް ވަންދެން ތަހައްމަލުކުރަމުންދާ އެ މީހުންގެ ނިންމުމަށް، ރަޝިޔާ އިން އިޙްތިރާމަކުރާނެކަން ކަށަވަރު،" ލަވްރޯވް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފަހު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 24، 2022: އދ.ގެ އާންމު މަޖިލީހުގައި ރަޝިޔާގެ ފަރާތުން ތަގުރީރު ކުރެއްވުމަށް ފަހު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ޔޫކްރޭނުން ބުނާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ވޯޓުލުމުގައި ބައިވެރިވުމަށް ރަޝިޔާ ސިފައިން ދަނީ ބިރުދައްކައި މަޖުބޫރުކުރަމުންނެވެ. ނަމަވެސް ރަޝިޔާ އިން އެކަން ދޮގުކުރެ އެވެ.

ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް ދިފާއުކުރުމުގެ ގޮތުން، ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެތޯ ސުވާލު ކުރުމުން ލަވްރޯވް ވިދާޅުވީ ރަޝިޔާގެ މުޅި ސަރަހައްދަށް ދައުލަތުގެ ފަރާތުން ފުރިހަމަ ހިމާޔަތް ދޭނެ ކަމަށެވެ. ރަޝިޔާގެ ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ރަޝިޔާގެ އިމާއި، ރަޝިޔާގެ އިމުގެ ތެރެއަށް އަލަށް އިތުރުކުރެވޭ ހުރިހާ ތަނެއް ވެސް، ދައުލަތުގެ ފަރާތުން ފުރިހަމައަށް ދިފާއުކޮށް ރައްކާތެރި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔަން ފެޑެރޭޝަނގެ ހުރިހާ ގާނޫނުތަކެއް، ހުރިހާ ގަބޫލުކުރުންތަކެއް އަދި ހުރިހާ މަފްހޫމުތަކާއި ހުރިހާ ސްޓްރެޓީޖީއެއްވެސް، ރަޝިޔާގެ ހުރިހާ ސަރަހައްދަކަށް ހިނގާނެ،" ނިއުކްލިއާ ހަތިޔާރުގެ ބޭނުން ހިފާނެކަން ސީދާ ވިދާޅުނުވެ، ލަވްރޯވް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ރައީސް ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، ރަޝިޔާގެ އިމަށް އިތުރުކުރެވޭ ހުރިހާ ބިންތަކެއް ދިފާއުކުރުމަށްޓަކައި، ނިއުކްލިއާ ހަތިޔާރު ވެސް ހިމެނޭ ގޮތުން، ރަޝިޔާގައި ހުރި ހުރިހާ ހަތިޔާރެއް ބޭނުންކުރާނެ ކަމަށެވެ.

ލަވްރޯވް އިއްޔެ ދެއްކެވި ވާހަކަތަކާއި، ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެކަމަށް ވިދާޅުވާ ވާހަކަތަކަކީ ސަމާސާ ވާހަކައެއް ނޫން ކަމަށް، ރައީސް ޕުޓިން މީގެ ކުރިން ވިދާޅުވި ވާހަކަތަކާ ބެހޭ ގޮތުން، ޔޫކްރޭންގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

"ބިރު ދެއްކިޔަސް ޔޫކްރޭން އަމާނެއް ނުދޭނެ. ދުނިޔޭގެ ނިއުކްލިއާ ބާރުތަކަށް އަހަރެމެން މި ގޮވައިލަނީ، މިހާރުން މިހާރަށް ސާފު ބަހުން ވާހަކަ ދައްކައި، ރަޝިޔާ އިން އެފަދަ އަމަލެއް ހިންގައިފި ނަމަ، މުޅި ދުނިޔެ ނުރައްކަލަށް ވެއްޓޭނެ ކަމާއި އެއީ ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަން، ރަޝިޔާ އަށް ސާފުކޮށް ބުނެދޭން،" ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބޭ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރަޝިޔާއާ ބައިވެރިވެ ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް، ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ވޯޓު ނަގަމުން ދަނީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓު ނެގުން މިހާރު އެބަ ކުރިއަށް ދެ އެވެ.

މީގެ ތެރެއިން ލުހާންސްކް އާއި ޑޮނެޓްސްއަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް، ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކޮށްފައިވާ ދެ ޖުމްހޫރިއްޔާ ހިމެނޭ ދެ ސަރަހައްދެވެ. އެ ދެ ޖުމްހޫރިއްޔާ އިން މިނިވަންކަން އިއުލާންކުރީ ވެސް، އެ ދެ ޖުމްހޫރިއްޔާގެ ވެރިން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހުގަ އެވެ.