Roadha Mihaaru
ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމުން މައްސަލަ ގޯސްވެއްޖެ

ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމުން މައްސަލަ ގޯސްވެއްޖެ

02 މެއި 2022

ޖަރުމަން ވިލާތުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރަކީ ވެސް ޔަހޫދީ އަސްލަކުން އުފަންވި މީހެއް ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވުމާ ގުޅިގެން، އިޒްރޭލުން އެކަން ކުށްވެރިކޮށް ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

ޖަރުމަން ވިލާތުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރަކީ ވެސް ޔަހޫދީ އަސްލަކުން އުފަންވި މީހެއް ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވުމާ ގުޅިގެން، އިޒްރޭލުން އެކަން ކުށްވެރިކޮށް ބޮޑު މައްސަލައަކަށް ހަދައިފި އެވެ.

އިޓަލީގެ ނޫހަކަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ލަވްރޯވް މިމޭރުމުން ވާހަކަދެއްކެވީ، ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ މަގްސަދަކީ، ޔޫކްރޭނުން ނާޒީންގެ އުސޫލުތަކާއި ސިފަތައް ނައްތައިލުން ކަމަށް ރަޝިޔާ އިން ބުނާ ވާހަކައިގެ ތަފްސީލަކަށް އެދުމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ލަވްރޯވް ވިދާޅުވީ ޔޫކްރޭންގެ ބައެއް އިސް ވެރިންގެ ކިބައިން މިހާރުވެސް ނާޒީ ސިފަތައް ފާޅުވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަކީ ވެސް ޔަހޫދީއެއް ކަމަށެވެ.

"ހަގީގަތުގައި ޒެލެންސްކީއަކީ ވެސް ޔަހޫދީ އަސްލަކުން އުފަންވި މީހެއް. އެހެންވީމާ، އޭގެ މާނައަކީ އެ ގައުމުން ނާޒީ ދަރިކޮޅު އަދިވެސް ފިލައިގެނެއް ނުދެޔޭ،" ލަވްރޯވް ވިދާޅުވި އެވެ. "އެޑޮލްފް ހިޓްލަރަކީ ވެސް ޔަހޫދީ އަސްލަކުން އުފަންވި މީހެއް."

އޭނާގެ މި ވާހަކަތަކާ ގުޅޭ ގޮތުން އިޒްރޭލުގެ ޚާރިޖީ ވަޒީރު ޔައީރް ލެޕިޑް ވިދާޅުވީ އެއީ މައާފް ކުރެވޭ ފަދަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ތާރީޚީ އޮޅުވައިލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމަކީ، ޔަހޫދީންތައް މެރީ ޔަހޫދީން އަމިއްލަ އަށް ކަމަށް ބުނުން ފަދަ ކަމެއް. އެކަމަކު ޔަހޫދީންތައް މެރީ ނާޒީން. ނާޒީންނަކީ ނާޒީން ފިޔަވައި އެހެން ބަޔަކަށް ނުވާނެ. ޖަމާއީ ގޮތެއްގައި ޔަހޫދީންތައް މެރީ ނާޒީން ނޫން އެހެން ބައެއް ނޫން،" އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި ލަވްރޯވްގެ އެ ވާހަކަތަކަށް ރަޝިޔާ އިން މައާފަށް އެދުމަށް އިޒްރޭލު ސަރުކާރުން މިހާރު ވަނީ ރަޝިޔާ އަށް އަންގައިފަ އެވެ. އިޒްރޭލުން ރަޝިޔާ އަށް އެކަމަށް އެންގީ، އިޒްރޭލުގައި ހުންނަ ރަޝިޔާގެ ސަފީރު، އިޒްރޭލުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، ޔޫކްރޭނުގެ އަސްކަރީ ގާބިލުކަން ނައްތައިލުމަށާއި، ޔޫކްރޭންގައި މިހާރުވެސް އަމަލުކުރަމުން އަންނަ ނާޒީ އުސޫލުތައް އެ ގައުމުން ފުހެލުމުގެ ބޭނުމުގަ އެވެ.