10 އޮކްޓޯބަރ 2022
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން، ދިރުންތަކުން ފުރިގެންވާ އާ މާހައުލެއް ހޯދާފައިވާ ކަމަށް ކަނޑުގެ ބޮޑު ދިރާސާކުރި ނެކްޓަން މޯލްޑިވްސް މިޝަން އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން، ދިރުންތަކުން ފުރިގެންވާ އާ މާހައުލެއް ހޯދާފައިވާ ކަމަށް ކަނޑުގެ ބޮޑު ދިރާސާކުރި ނެކްޓަން މޯލްޑިވްސް މިޝަން އިން މިއަދު ބުނެފި އެވެ.
ދިވެހި ސަރުކާރާ ގުޅިގެން އެ ދިރާސާ ކުރި އިނގިރޭސި ވިލާތުގެ ރިސާޗު ފައުންޑޭޝަން، ނެކްޓަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދަ ޓްރެޕިން ޒޯން"ގެ ނަމުން ނަން ދީފައިވާ އެ ސަރަހައްދަކީ މީގެ ކުރިން ދެނެގަނެވިފައި ނުވާ ސަރަހައްދަކަށް ވުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށެވެ.
ފުން ކަނޑުގެ ސަރަހައްދުތަކުން ފެންނަ "ދަ ޓްރެޕިން ޒޯން" ދެނެގަތުމަށް ސަބްމާސިބަލްގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައިވާ ޕްރޮފެސަރު އެލެކްސް ރޮޖާސް ވިދާޅުވި ގޮތުގައި، މި ފެނިފައިވާ ސަރަހައްދުގައި މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތައް އެކުލެވިގެންވިގެންވާ ކަމަށެވެ.
ވ. އަތޮޅުގައި ކަނޑުގެ ދިރާސާކުރިއިރުގައި 120 މީޓަރު ފުނުން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ނެކްޓަން
ކަނޑުތަކުގެ މާހައުލީ ނިޒާމު ބިނާ ވަނީ އެ ސަރަހައްދުތަކުގެ އުފެދުމުގައި ހުންނަ އަޑިގުޑަންތަކާއި އެ ނޫން ވެސް ތަފާތު ސިފަތަކާއި އެ މާހައުލުގައި އުޅޭ ދިރުންތަކުގެ މައްޗަށެވެ.
"ދަ ޓްރެޕިން ޒޯންގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ އާ މާހައުލެއް އުފެދޭ އަދި ރާއްޖެ ފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް،" އޭނާ ވިދާޅުވި އެވެ.
މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި، އެ ސަރަހައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން ކުރިން އެނގިފައި ވިޔަސް، ރާއްޖެ ފަދަ ގައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓާތަކާ، މި ތާށިވުން މީގެ ކުރިން ގުޅުވާފައި ނުވާ ކަމަށް ނެކްޓަން އިން ބުނެ އެވެ.
ކަނޑުގެ ދިރާސާގައި 500 މީޓަރު އަޑިން ފެނުނު ކޮފިންފިޝްއެއް: 500 މީޓަރު އަޑިން ދިރުންތަކެއް ފުރިގެންވާ އާ މާހައުލެއް ފެނިފައިވާ ކަމަށް ނެކްޓަން އިން ބުނޭ -- ފޮޓޯ: ނެކްޓަން
ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް، ލޫސީ ވުޑޯލް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސާވޭގައި ނަގާފައިވާ ވީޑިއޯތަކާއި އަޑިއަށް ދަތުރުކުރި ސަބްމާސިބަލްތަކުން ނެގި ސާމްޕަލްތަކާއި އަދި ސަވޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގި ސޯނާ މެޕިން މަސައްކަތްތަކުން ވަރަށް ގިނަ ކަންކަން އެނގިފައިވާ ކަމަށެވެ.
"ފުން ސަރަހައްދުތަކުގައި އުފެދިފައިވާ ތަފާތުތަކުގެ ދެމެދުގައި ނުވަތަ 'ސަބްސީ ލޭންޑްސްކޭޕް'ގައި ތާށިވެފައިވާ އެކި ބާވަތުގެ ކުދި ދިރުންތައް ނުވަތަ 'މައިކްރޯ ނެކްޓަން' ކައި ހެދުމަށް، މިޔަރާއި އެ ނޫން ވެސް ބޮޑެތި މަސްމަހާމެހި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އުޅޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދަތަކުގެ ކަނޑުއަޑީގެ ބިންގަނޑުތަކުގަ އާއި މަރުވެފައިވާ ދިރުން ނުވަތަ "ފޮސިލައިސްޑް ކާބަން" ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސްބިންތަކާއި ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ، މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ނުވަތަ ހިޖުރަ ކުރުމަށް ހުރަސްއެޅޭ ސަބަބެއް ކަމަށް ބެލެވޭ ކަމަށް ނެކްޓަން އިން ބުނެ އެވެ.
އެ "ވާޓިކަލް މައިގްރޭޝަން" އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުމެވެ. ރައްކާތެރި ފުން ސަރަހައްދަށް ހިޖުރަ ނުކުރެވި ތާށިވާ އެ ދިރުންތައް، ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯ އާއި އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށްވެ އެވެ.
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑިން މި ފެންނަނީ "ސަތޯރަހަ" ފަރުބަދަ https://t.co/STr0lN0pxl
— Mihaaru (@Mihaarunews) September 30, 2022
"ދަ ޓްރެޕިން ޒޯން" ފެނުމަކީ ފާހަގަކުރެވޭ ހޯދުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވި އެވެ.
"މި މާހައުލުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ. އަދި މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރުލިބޭ އައު މައުލޫމާތުތަކެއް،" ރައީސް ވިދާޅުވި އެވެ.
ނެކްޓަން މޯލްޑިވްސް މިޝަންގައި ރާއްޖޭގެ ފުން ކަނޑުތަކުގެ އުޅޭ މިޔަރުގެ ތަފާތު ބާއްވަތްތައް ވެސް ފުރަތަމަ ފަހަރަށް ދެނެގަތެވެ.
އެ ދިރާސާގައި ނެކްޓަންއާ އެކު އިސްވެ ސާވޭގެ މަސައްކަތް ކުރެއްވި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް، ޝާފިޔާ ނައީމް ވިދާޅުވި ގޮތުގައި ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މީގެ ކުރިން ކޮށްފައިވެ އެވެ.
"ނަމަވެސް ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތު މި ދެނެގަނެވެނީ މުޅިން އަލަށް،" އޭނާ ވިދާޅުވި އެވެ.
އެ ދިރާސާގައި ފެމުނާއި މަޑުމިޔަރާއި ދަތްގަނޑު މިޔަރާއި ކަށިމިޔަރާއި ކާލިގަނޑު މިޔަރާއި އައިންމަތީ މިޔަރުގެ އިތުރުން ދުނިޔޭގައި ވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއް ކަމަށްވާ "ބްރެމްބަލް ޝާކް" ރާއްޖޭގެ ފުން ކަނޑުތަކުން ފެނިފައިވެ އެވެ.
ނެކްޓަންގެ ސާވޭ ނިމުމަކަށް: ރާއްޖޭގެ ހިކިފަސް ބިމާ އެއްވަރު ކަނޑު އަޑީގެ ސަރަހައްދެއް ޗާޓު ކުރި https://t.co/BQc0yjAQ1Z
— Mihaaru (@Mihaarunews) October 8, 2022
ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން ނެކްޓަންއާ ގުޅިގެން "އާރްވީ އޮޑެސީ" ކިޔާ ބޯޓެއްގައި ކަނޑަށް ފައްތާ ސަބްމާސިބަލްގައި ސައިންޓިސްޓުން ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގެންގޮސްގެން އެ ސާވޭ ހަދަން ފެށީ ސެޕްޓޭމްބަރު މަހުގެ ކުރީކޮޅު އެވެ. އެ ސާވޭ ނިންމާލީ މިދިޔަ ހަފުތާގަ އެވެ.
ސާވޭގެ މަސައްކަތަށް ފަހު މިހާރު ކުރިއަށް ގެންދަނީ ފާހަގަކުރެވުނު ދިރުންތައް ދެނެގަތުމުގެ މަރުހަލާ އެވެ. އެ އަށް ފަހު، ހޯދުންތަކުގެ މައްޗަށް ދިރާސީ ލިޔުންތައް އެކުލަވާލައި ޝާއިއު ކުރާނެ އެވެ.
ދިރާސާގައި ބޭނުންކުރި ބޯޓުން ތެލުގެ ފައިސާ ދައްކައިފި
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި
ކަނޑުގެ ދިރާސާކުރާ ޓީމަށް ރައީސް ހިތްވަރުދެއްވައިފި
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި
ރާއްޖޭގައި ކަނޑުގެ އެންމެފުނަށް ދާން ދަތުރު ފަށައިފި
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި
ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް