Roadha Mihaaru
ބުޅާތައް މަރުވިގޮތް ބަލަނީ، އިހުމާލެއް އަދި ނުފެނޭ

ބުޅާތައް މަރުވިގޮތް ބަލަނީ، އިހުމާލެއް އޮތް ކަމަކަށް އަދި ނުފެނޭ: އޮއޭސިސް

04 އޮކްޓޯބަރ 2022

ނުވިހާ އޮޕަރޭޝަން ކުރަން ދާދިފަހުން ގެންދިޔަ ބައެއް ބުޅާތައް މަރުވުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށާއި، އެ ބުޅާތައް މަރުވާން މެދުވެރި ސަބަބު މިހާރު ބަލަމުން އަންނަ ކަމަށް އޮއޭސިސް ވެޓް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނުވިހާ އޮޕަރޭޝަން ކުރަން ދާދިފަހުން ގެންދިޔަ ބައެއް ބުޅާތައް މަރުވުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށާއި، އެ ބުޅާތައް މަރުވާން މެދުވެރި ސަބަބު މިހާރު ބަލަމުން އަންނަ ކަމަށް އޮއޭސިސް ވެޓް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ބުޅާތައް މަރުވުމުގައި އެ ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޮއޭސިސް ވެޓް ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މީގެ އަހަރެއްހާ ދުވަސްކުރިން ހުޅުވި އެ ހޮސްޕިޓަލުން ނިއުޓަރިން/ސްޕޭއިން (ބުޅަލުގެ ނުވިހާ އޮޕަރޭޝަން)ގެ ހިދުމަތް ދެމުން އަންނަތާ މިހާރު ނުވަ މަސް ވެއްޖެ އެވެ.

"ނަމަވެސް މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މިފަހުން މި ހިނގި ކަންތައް ފިޔަވައި ނިއުޓަރިން ސާޖަރީއެއްކޮށްގެން އެ ކަހަލަ ފޭޓަލް އިންސިޑެންޓެއް ހިންގައިފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން މިކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ. އެކަމަކު ވެސް އެކަން އިތުރަށް ޔަގީންކުރުމުގެ ގޮތުން ސާމްޕަލްތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން އެ ބުޅާތައް މަރުވާން މެދުވެރިވި ސަބަބުން ދެނެގަތުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މިހާރު ވަނީ ފަށައިފައި."

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ގެންދިޔަ ބައެއް ބުޅާތަކުގެ މެދުގައި އިންފެކްޝަނެއް ފެތުރޭކަން ފާހަގަކުރެވިގެން، މިދިޔަ މަހު 27 އިން ފެށިގެން ސާޖަރީތައް ވެސް ހުއްޓާލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން މިފަހުން ފަރުވާ ހޯދި ބުޅާތަކުގެ ތެރެއިން ފަސް ބުޅަލެއް ހާލު ދެރަވެގެން މަރުވި ކަމަށް އެތަނުން ބުންޏެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ހިންގާ ހަމައެކަނި ވެޓް ހޮސްޕިޓަލުން އޮޕަރޭޝަން ކުރި ބައެއް ބުޅާތަކަށް ބައްޔެއް ޖެހި، މަރުވާ މައްސަލަ ބޮޑުވި ކަމަށް ބުނެ އެތަނުގެ ބައެއް ކަސްޓަމަރުން ސޯޝަލް މީޑިއާގައި ކާންބޮޑުވުން ފާޅުކުރި އެވެ.

ތަނުގެ މުވައްޒަފުންނާއި ވެރިންގެ އާއިލާތަކަށް އިންޒާރުދެނީ

ބުޅާތައް މަރުވުމުގެ ހާދިސާ ހިނގީ ވަރަށް ހިތާމަވެރިކޮށް ކަމަށާއި އެކަމުގެ ސަބަބުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޓާފުންނާއި އެތަނުގެ ވެރިންގެ އާއިލާތަކަށް ގުޅައި، މެސެޖުކޮށް އަދި ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އިންޒާރުދެމުން ދާތީ ކަންބޮޑުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެއްވެސް ފަރާތަކުން ނެތް އަޅުގަނޑުމެންނަށް ރަސްމީކޮށް މައްސަލައެއް ހުށަހަޅައިފައެއް ވެސް. ސޯޝަލް މީޑިއާގައި ތަނުގެ ވެރިންނާއި ވެރިންގެ އާއިލާގެ މީހުންގެ ފޮޓޯ ޖަހައިގެން އިންޒާރުދީފައި އެބަހުރި. އެއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ހަމައެކަނި ވެޓް ހޮސްޕިޓަލުގެ ހައިސިއްޔަތުން އެތަން ހިންގަމުން އަންނަނީ ވަރަށް ބައިވަރު ލިމިޓޭޝަންތަކާ އެކުގައި ކަމަށް ވިޔަސް، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.