10 ޖެނުއަރީ 2019
ޖަނަވާރުންނަށް ފަރުވާދޭ ވެޓެރިނަރީ ކްލިނިކެއް ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި މިއަދު ހުޅުވައިފި އެވެ.
ޖަނަވާރުންނަށް ފަރުވާދޭ ވެޓެރިނަރީ ކްލިނިކެއް ފިޝަރީޒް މިނިސްޓްރީން ވިލިމާލޭގައި މިއަދު ހުޅުވައިފި އެވެ.
ވިލިމާލޭގައި ހުންނަ އެ މިނިސްޓްރީގެ ފިޝަރީޒް ރިސާޗް ސެންޓަރުގައި ހުޅުވި ކްލިނިކުން، ދިވެހިން އާއްމުކޮށް ގެންގުޅޭ ހުރިހާ ބާވަތެއްގެ ޖަނަވާރުންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ އެވެ. މިއީ، މިފަދަ ކްލިނިކެއް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފަހަރެވެ.
އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންނަށް މީގެ ކުރިން ފަރުވާ ދިނީ ޖަނަވާރުންގެ ބަލިތަކާ ގުޅޭ ޚާއްސަ ޑޮކްޓަރަކު ގޭގެއަށް ގޮސްގެންނެވެ. މިނިސްޓްރީން އަމަލުކުރަމުން އައި އެ އުސޫލަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ދަތި ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަނަވާރުންނަށް ފަރުވާދޭން ހާއްސަ ކްލިނިކެއް ހުޅުވީ ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށެވެ.
"އަޅުގަނޑުމެން ނިންމީ ގޭގެ އަށް ޒިޔާރަތްކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ސެންޓަރުގައި މި ފަރުވާ އާއި ބޭނުންވާ އެހެން ހިދުމަތްތައް ދިނުން،" ޒަހާ ވިދާޅުވި އެވެ.
ޖަނަވާރުންނަށް ފަރުވާ ދޭ ފުރަތަމަ ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ކްލިނިކުން ޖަނަވާރުންނަށް ބޭނުންވާ ފަރުވާ އާއި ވެކްސިންގެ އިތުރުން އޮޕަރޭޝަންތައް ވެސް ކުރެވެ އެވެ. ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަށް ދައްކަން 50ރ. ނަގާ އިރު، އެހެން ހުރިހާ ހިދުމަތެއް 100 ރުފިޔާ އަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ބުޅާ ފަދަ ޖަނަވާރުންނަށް ދަރިން ނުލިބޭ އޮޕަރޭޝަން ވެސް ހިމެނެ އެވެ.
ޖަނަވާރުންނަށް ފަރުވާދޭ ކްލިނެކެއް ހިންގުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެހެންކަމުން މިނިސްޓަރު އެދިވަޑައިގަތީ އާއްމު ފަރާތްތަކުން މިފަދަ ކްލިނިކްތައް ހުޅުވުމަށް ޚިދުމަތް ފުޅާކުރާށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މިފަދަ ވެޓިރިނަރީ ސާވިސަސްދޭ ކްލިނިކެއް، އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ކުރަން ފަށާނެ ކަމަށް،" ޒަހާ ވިދާޅުވި އެވެ.
އަމިއްލަ ފަރާތަކުން ކްލިނިކެއް ގާއިމްކުރުމުން، މިނިސްޓްރީން އެ ހިދުމަތް ދިނުން ހުއްޓާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވެޓިރިނަރީ ކްލިނިކުގައި މިއަދު ބުޅަލަކަށް ވެކްސިން ދެނީ -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
"މިއީ މަންފާއަކަށް ވުރެ ބޮޑަށް، [މިކަމަށް ދިވެހިންގެ މެދުގައި ޝައުގުވެރިކަން އޮތުމުން] ދެވޭ ހިދުމަތެއްގެ ގޮތުގައި ކުރެވޭ ކަމެއް،" ޒަހާ ވިދާޅުވި އެވެ.
މި ދުވަސްވަރު މާލޭގައި ގިނަ އަދަދަކަށް ބުޅާ މަރަމުންދާތީ މިނިސްޓަރު ކަންބޮޑުވުންފާޅު ކުރެއްވި އެވެ. އެއީ އަނިޔާވެރި އަމަލަކަށްވާތީ، އެފަދަ ކަންކަން ނުކުރަން ޒަހާ އިލްތިމާސްކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ދީނުގައި ވެސް އޮންނަނީ ޖަނަވާރުންނަށް އޯގާތެރިކޮށް ކަންތައް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ކްލިނިކުގައި ޖަނަވާރުންނަށް ފަރުވާ ދެއްވާ ޑޮކްޓަރު އަނޫޝާ ހެމަންތީ ވިދާޅުވީ އެ ކްލިނިކާ އެކު ޖަނަވާރުންގެ ފަރުވާގެ ކަންކަން ކުރިއަށް ވުރެން ރަނގަޅަށް ހަމަޖެހިގެންދާނެ ކަމަށެވެ. ޖަނަވާރުން ގެންގުޅުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަން އޭނާ ހަނދާންކޮށް ދެއްވި އެވެ.
"ކުޑަ ދުވަސްކޮޅެއްގައި ލޯބިން ގެންގުޅެފައި މަގުމައްޗަށް ދޫކޮށްލާ. އެހެން ނަހަދަންވީ،" އަނޫޝާ ވިދާޅުވި އެވެ.
އެ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެ އަހަރުގެ ބުޅަލަކަށް ރޭބީސް ވެކްސިން ޖަހާ ތަން ދައްކާލި އެވެ. ރޭބީސް އަކީ އެ ބަލި ޖެހިފަިއވާ ޖަނަވާރެއްގެ ކިބައިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. އެ ބުޅާ ގެންގުޅެމުން އަންނަ 21 އަހަރުގެ ތާނިސް ޝިރަން އާއި 23 އަހަރުގެ އައިމިނަތު އިޒްވާ ބުނީ މި ފަދަ ކްލިނިކެއް ހުޅުވުމުން ވަރަށް އުފާވާ ކަމަށެވެ.
ތާނިސް ބުނިގޮތުގައި އެ މީހުން އެ ބުޅާ އޮޅުކޮށްގެން ގެންގުޅެން ފެށީ، ސްރީ ލަންކާގައި ދިރިއުޅެމުން އައި އިރު އެ މީހުން އުޅުނު ގެއަށް އެ ބުޅާ ދިއުމުން ކަމަށެވެ. އެ މީހުން މީގެ އަހަރެއްހާ ދުވަސް ކުރިން މާލެ ބަދަލުވީ އެ ބުޅާ ގޮވައިގެންނެވެ.
ތާނިސް ޝިރަން، އޭނާގެ ބުޅާއާ އެކު. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
"އަހަރެއް މިވީ ބުޅަލަށް ވެކްސިން ނުޖަހާ. އަޅުގަނޑުމެން ވިސްނިން ބުޅާ ގޮވައިގެން ލަންކާ އަށް ދާން ވެސް، ވެކްސިން ޖަހަން. އެކަމަކު ލަންކާ އަށް ގެންދެވެނީ ވެސް ވެކްސިން ޖަހައިގެން،" ޖަނަވާރުންނަށް ހިދުމަތްދޭ ކްލިނިކެއް ނެތުމުން ދިމާވި ދަތިތައް ކިޔައި ދެމުން ތާނިސް ބުންޏެވެ.
ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވަނީ
ވެޓް ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާތައް މަރުވިގޮތް ބަލަނީ، އިހުމާލެއް އަދި ނުފެނޭ
ވެޓަށް ގެންދާ ބުޅާތައް މަރުވާ މައްސަލަ ބޮޑުވެއްޖެ
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ބުޅާ މަރާތީ ކަންބޮޑުވުން؛ އެއީ ކުށެއް
މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!
ޖަނަވާރުންނަށް ފަރުވާ ދޭން ވެޓެރިނަރީ ކްލިނިކެއް ހަދަނީ
ބުޅަލެއްގެ މަރުގެ ބަދަލުގައި ދެ ލައްކަ ޑޮލަރަށް އެދެފި