Roadha Mihaaru
ބުޅާ މަރާތީ ކަންބޮޑުވުން؛ އެއީ ކުށެއް

އުނގޫފާރުގައި ބުޅާ މަރަން ފައިސާ ދޭތީ ކަންބޮޑުވުން؛ އެއީ ޖިނާއީ ކުށެއް

02 އޮކްޓޯބަރ 2019

ބުޅަލުގެ އުނދަގޫ ބޮޑުވެގެން ކަމަށް ބުނެ ބުޅަލަށް އަނިޔާ ކުރުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހިނގާ ކަމެކެވެ. މީގެކުރިން މާލޭގައި ވެސް ބުޅަލަށް އަނިޔާކޮށް، މަރާލާފައި އެބަހުއްޓެވެ. މިފަހަރު މިކަން ހިނގަނީ ތަފާތުކޮށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބުޅަލުގެ އުނދަގޫ ބޮޑުވެގެން ކަމަށް ބުނެ ބުޅަލަށް އަނިޔާ ކުރުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހިނގާ ކަމެކެވެ. މީގެކުރިން މާލޭގައި ވެސް ބުޅަލަށް އަނިޔާކޮށް، މަރާލާފައި އެބަހުއްޓެވެ. މިފަހަރު މިކަން ހިނގަނީ ތަފާތުކޮށެވެ.

ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވާތީ ޝަކުވާ ބޮޑުވެގެން ކަމަށް ބުނެ އެރަށު ކައުންސިލުން ވަނީ ބުޅާ މެރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެކަމަށް އިއުލާންކޮށްފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމުގައި، މަރާލާ ކޮންމެ ތިން ބުޅަލަކަށް 100ރ. ގެ ފައިސާގެ އިނާމެއް ދޭން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ. ފައިސާ ދެނީ ބުޅާ މަރާލައި ކައުންސިލާ ހަވާލުކުރުމުންނެވެ.

އެކަމާ ގުޅިގެން ބައެއް ވަކީލުން ވަނީ އެއީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއްކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަނަވާރުންނަށް އަނިޔާވެރިވުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާ ބުނާގޮތުން އަނިިޔާވެރިކަމާ އެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ، އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބުގެ މިންވަރުގެ 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ އެވެ.

މީގެ އިތުރުން އެ ކުށް އަމަލީ ގޮތުން ނުކުރިޔަސް، އެކަމަށް ހިތްވަރު ދީފި ނަމަ ނުވަތަ ފަސޭހަކޮށް ދީފި ނަމަ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއް ކުރަން އެދުނީ ކަމަށް ބަލައި، އެ މާއްދާގެ ދަށުން އެ މީހަކު ކުށްވެރިވާނެ އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނާވަރުންނާ މެދު އަނިޔާވެރިވުން ކުށަކަށް ނުވާނީ ޖަނަވާރަކަށް ފަރުވާ ދިނުމުގެ ގޮތުން ނުވަތަ ސައިންޓިފިކް ބޭނުމަށްޓަކައި އަމަލު ކުރެވޭ އުސޫލުތަކުގެ ތެރެއިން އެކަމާ ކަމާބެހޭ އިދާރާއަކުން އެގޮތަށް އަމަލުކޮށްފި ނަމަ އެވެ. އެ ހާލަތުގައި އެ ގާނޫނުގެ 40 ވަނަ ބާބުގައި ބަޔާންކުރާ ހުއްދަ ކުރެވިގެންވާ ދިފާއުގެ ދަށުން އެއީ ހުއްދަ އަމަލެއް ކަމަށް ބެލެވޭނެ އެވެ.