Roadha Mihaaru
ޕެނަމާގެ ޖަލަކަށް ޑްރަގް ވައްދަން އުޅުނީ ބުޅަލެއް

ޕެނަމާގެ ޖަލަކަށް ޑްރަގް ވައްދަން އުޅުނު ބުޅަލެއް އަތުލައިގެންފި

21 އެޕްރީލް 2021

މަސްތުވާތަކެތި ޖަލުތަކަށް ތަފާތު ގޮތްގޮތަށް ވެއްދުމަކީ ވަރަށް ގިނަ ގައުމުތަކުގައި ހިނގާ ކަމެކެވެ. މިފަދަ ހާދިސާއެއްގެ ތެރެއިން ޕެނަމާ އިން ހުކުރު ދުވަހު ޖަލު އޮފިސަރުން އަތުލައިގަތީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ބުޅަލެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތި ޖަލުތަކަށް ތަފާތު ގޮތްގޮތަށް ވެއްދުމަކީ ވަރަށް ގިނަ ގައުމުތަކުގައި ހިނގާ ކަމެކެވެ. މިފަދަ ހާދިސާއެއްގެ ތެރެއިން ޕެނަމާ އިން ހުކުރު ދުވަހު ޖަލު އޮފިސަރުން އަތުލައިގަތީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ބުޅަލެކެވެ.

ޕެނަމާގެ ކޮލޯން ޕްރޮވިންސްގެ ނޯވާ އެސްޕެރެންޒާ ޖަލަށް މަސްތުވާތަކެތި ވައްދަނިކޮށް ބުޅާ އަތުލަތް އިރު އޭގެ ކަރުގެ ވަށައިގެން އައްސާފައި އޮތް ފޮތިގަނޑެއްގެ ތެރެއިން ކޮކެއިން މެރުނާއާ ފެނިފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ބުޅާ ޖަލު އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޖަނަވާރުން ބަލަހައްޓާ ތަނަކަށް ބަދަލުކޮށްފަ އެވެ.

"މި ހާދިސާ އަހަރެމެން މިހާރު މި އަންނަނީ އިތުރަށް ތަހުގީގުކުރަމުން،" ޕެނަމާ ޕެނިޓެންޝަރީ ސިސްޓަމްގެ ހެޑް އެންޑްރެސް ގުޓަރޭޒް ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނޯވާ އެސްޕެރެންޒާ ޖަލަށް ޖަލުގައި ތިބޭ ކުށްވެރިން މަސްތުވާތަކެތި ގެންނަން ބުޅާ ބޭނުން ކުރަނީ ޖަލު ގޯތި ތެރެއަށް ވަންނަ ބުޅާތަކަށް ކާންދީ، އެ އެއްޗެހި އޮޅުކޮށްގެންނެވެ. އެގޮތުން ބުޅާތައް ބޭރުގައި އުޅެފައި އަންނަ އިރު އެ އެއްޗެހީގެ އެހީގައި މަސްތުވާތަކެތި ގެނެވޭނެ އުކުޅުތައް ގައިދީން ބޭނުންކުރާ ކަމަށް ބުންޏެވެ.

ކުރިން ވެސް މިފަދަ ހާދިސާތަކެއް ފާހަގަކުރެވިފައިވާތީ ދެން ވަރަށް ބޮޑަށް އެކަމަށް ސަމާލުވާނެ ކަމަށް ފުލުހުން ބުންޏެވެ. ކުރިން ޑްރޯނާއި ކޮތަރު ބޭނުންކޮށްގެން ވެސް ޖަލުތަކަށް މަސްތުވާތަކެތި ވައްދަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕެނަމާގެ 23 ޖަލެއްގައި 1،800 އަށް ވުރެ ގިނަ ގައިދީން ތިބި އިރު، ގިނަ ޖަލުތަކުގެ ޖާގަ އޮތީ ފުރިބާރުވެފަ އެވެ. އަދި މީގެ ސަބަބުން ދިމާވާ މައްސަލަތައް ވެސް ގިނަ އެވެ.