Roadha Mihaaru
ވަގު ބުޅަލަށް ކާންދޭތީ 10 ދުވަހުގެ ޖަލު ހުކުމެއް

ވަގު ބުޅަލަށް ކާންދޭތީ 10 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

02 އޯގަސްޓް 2019

ވަގު ބުޅަލަން ކާންދިނުން މަނާކޮށްފައި ވަނިކޮށް އެތައް ބައިވަރު ބުޅަލެއް ގެއަށް ގެންގޮސް ކާންދޭ މައްސަލައެއްގައި އެމެރިކާ އަންހެނެއްގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަގު ބުޅަލަން ކާންދިނުން މަނާކޮށްފައި ވަނިކޮށް އެތައް ބައިވަރު ބުޅަލެއް ގެއަށް ގެންގޮސް ކާންދޭ މައްސަލައެއްގައި އެމެރިކާ އަންހެނެއްގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެމެރިކާގެ އޮހައިހޯ ސިޓީގެ ގާފިލްޑް ހައިޓްސްގައި ދިރިއުޅޭ 79 އަހަރުގެ ނޭންސީ ސެގިއުލާގެ މައްޗަށް ގާފީލްޑް ހައިޓްސް މުނިސިޕަލް ކޯޓުން ޖަލު ހުކުމެއް އިއްވީ އޭނާ ބުޅާތަކަށް ކާން ދިނުމާއި ގިނަ އަދަދެއްގެ ބުޅާ ގޭގައި ގެންގުޅޭތީ އެކަމާ އަވަށްޓެރިން ޝަކުވާ ކުރަމުން ދަނިކޮށެވެ.

ނޭންސީގެ މައްޗަށް މައްސަލަ ބެލި ފަނޑިޔާރު ޖެނިފާ ވެއިލާ އިއްވި ހުކުމް ތަންފީޒު ކުރަން ފަށާނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރާނީ ކަޔަހޮގާ ކައުންޓީ ޖަލުގަ އެވެ. ބުޅާތަކަށް ކާން ދޭ މައްސަލާގައި ޖަލު ހުކުމެއް އިއްވުމުގެ ކުރިން އަވަށްޓެރިން ކުރިން ޝަކުވާތަކާ ގުޅިގެން މީގެ ކުރިން ނޭންސީ ޖޫރިމަނާކޮށް އޭނާގެ ގެއިން 22 ބުޅާ ބޭރު ވެސް ކޮށްފައިވެ އެވެ. އެ ފަހަރު ޖޫރިނަމާ އަށް 2،000 ޑޮލަރު ދައްކާލައިފައިވެ އެވެ.

ނޭންސީގެ މައްޗަށް ޖަލު ހުކުމް އިއްވީ އޮހައިހޯގައި 2015 އިން ފެށިގެން ވަގު ބުޅާތަކަށް ކާން ދިނުން މަނާކޮށްފައި ވަނިކޮށް ތަކުރާރުކޮށް އެ އުސޫލާ ހިލާފުވުމާއި 2017 އިން ފެށިގެން ގޭގައި ގިނަ އަދަދެއްގެ ބުޅާ ގެންގުޅުމާއި އެ ތަކެތީގެ ނަޖިސް އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އުކައިލާ މައްސަލައިގަ އެވެ.

ހުކުމާ ބެހޭ ގޮތުން ނޭންސީ ބުނީ ޖަލަށް ދާން ޖެހުނަސް، ބުޅާތަކަށް ކާން ދިނުން ހުއްޓައި ނުލާނެ ކަމަށެވެ.

"އަހަންނަކީ އަބަދުވެސް ބުޅާ ދެކެ ވަރަށް ލޯބިވާ މީހެއް. އެހެންވެ އަޅާލާނެ މީހަކު ނެތި، ދިރިިއުޅޭ ބުޅާތަކަށް ކާންދެނީ،" ފޮކްސް 8 އަށް އޭނާ ބުންޏެވެ. "އެހެންވެ ވަރަށް ގިނަ ބުޅާ އަހަރެންގެ ގެއަށް އައިސް އަހަންނާ އެކު ވަރަށް ލޯބިން އުޅެނީ."

ނޭންސީ: އޭނާ ބުނީ އެކަނިވެރިކަން ފިލުވައި ދެނީ ބުޅާތައް ކަމަށް.

ނޭންސީ: އޭނާ ބުނީ އެކަނިވެރިކަން ފިލުވައި ދެނީ ބުޅާތައް ކަމަށް.

ނޭންސީ ބުނި ގޮތުގައި ފިރިމީހާ ވެސް މަރުވެފައިވާތީ އޭނާގެ އެކަނިވެރިކަން މިހާރު ފިލުވައިދެނީ ބުޅާތަކެވެ.

"އަހަރެންގެ ދަރިން މީހުންނާ އިނދެގެން ވަކިން އުޅެނީ. އެހެންވެ ހަގީގަތުގައި ވަރަށް އެކަނިވެރިކޮށް ގޭގައި އުޅެނީ. އެ އެކަނިވެރިކަމާއި ފޫހިކަން ފިލުވައިދީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސް ދެނީ ބުޅާތައް،" އޭނާ ބުންޏެވެ. "އެހެންވީމަ އެ އެއްޗިއްސަށް ކާން ދީންގެން ކުށްވެރި ވިޔަސް އެކަމެއް ހުއްޓައެއް ނުލާނަން."

ނޭންސީ ބުނި ގޮތުގައި އޭނާ ޖަލަށް ލާން ނިންމުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ވެސް ނޫނެވެ.

"ކޫސަނި ކަންކަމުގައި މީހުންނަށް އަދަބު ދިނުމަށް ވުރެ ބޮޑެތި ކުށްކުރާ މީހުން ހިފައި ހައްޔަރުކުރިއްޔާ މާ ރަނގަޅު ވާނެ،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ނޭންސީގެ ފިރިހެން ދަރިފުޅު ޑޭވް ޕެލޯސްކީ ވެސް ބުނީ މަންމަގެ މައްޗަށް އިއްވި ހުކުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.