Roadha Mihaaru
ކުރިން ޑްރަގް ޑީލަރެއް، މިހާރު ގާނޫނީ ވަކީލެއް

ކުރިން ޑްރަގް ޑީލަރެއް، މިހާރު ގާނޫނީ ވަކީލެއް

02 ޖޫން 2021

މަސްތުވާތަކެތި ވިއްކި މައްސަލައެއްގައި މީގެ 16 އަހަރު ކުރިން އެމެރިކާގައި ކުށްވެރިވި މީހަކު އޭނާ އަށް ހުކުމް އިއްވި ކޯޓް ރޫމްގައި، ހުކުމް އިއްވި ފަނޑިޔާރުގެ ކުރިމަތީގައި މިދިޔަ ހުކުރު ދުވަހު ގަނޫނީ ވަކީލުކަމުގެ ހުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތި ވިއްކި މައްސަލައެއްގައި މީގެ 16 އަހަރު ކުރިން އެމެރިކާގައި ކުށްވެރިވި މީހަކު އޭނާ އަށް ހުކުމް އިއްވި ކޯޓް ރޫމްގައި، ހުކުމް އިއްވި ފަނޑިޔާރުގެ ކުރިމަތީގައި މިދިޔަ ހުކުރު ދުވަހު ގަނޫނީ ވަކީލުކަމުގެ ހުވާކޮށްފި އެވެ.

މިހާރު 43 އަހަރުގެ އެޑްވަޑް މާޓެލް އަށް ފަނޑިޔާރު ބުރޫސް މޮރޯ ތިން އަހަރުގެ ޖަލު ހުކުމެއް، މިޝިގަންގެ ވޭން ކައުންޓީ ކޯޓް ރޫމްގައި 2005 ގައި އިއްވީ ކޮކެއިން އުފައްދައި ވިއްކުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އޭރު މާޓެލްގެ އުމުރަކީ 27 އެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު އޮތް ނަމަވެސް ތިން އަހަރުގެ ޖަލު ހުކުމަކާ އެކު ލުއި ލިބި، އެ ތިން އަހަރުގެ ޖަލު ހުކުމުން މާޓެލް މާ ކުރިން ސަލާމަތްވީ މީހާ ވަރަށް ބޮޑަށް އިސްލާހުވުމުން ލިބުނު ފުރުސަތާ އެކީގަ އެވެ.

އޭގެ ފަހުން އެޑްވަޑް އެންމެ ބޮޑު އިސްކަމެއް ދިނީ ކިޔަވާށެވެ. ހާއްސަކޮށް، އޭނާގެ އަޒުމަކަށްވީ ކުށުގެ ވެށިން ލިބުނު ތަޖުރިބާ އާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވި ބަނަކަމާ ހެދި ކިޔަވައިގެން ހަރުދަނާ މީހަކަށްވާށެވެ. އެހެންވެ ގާނޫނީ ވަކީލަކަށް ވާން ކިޔަވައި އެންމެ ފަހުން އެކަން ކާމިޔާބުކޮށް، ހުކުމް އިއްވި ފަނޑިޔާރުގެ ކުރިމަތީގައި ގާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ފުރުސަތު ލިބުމަކީ އެންމެ ބޮޑު ކާމިޔާބީ ކަމަށް އެޑްވަޑް ބުންޏެވެ.

މާޓެލްގެ ހުވާގެ ރަސްމިއްޔާތުގައި ފަނޑިޔާރާ ބައްދާލައިގެން.

މާޓެލްގެ ހުވާގެ ރަސްމިއްޔާތުގައި ފަނޑިޔާރާ ބައްދާލައިގެން.

"އަހަރެން ކޯޓް ރޫމަށް ވަނުމާ އެކު މޮރޯ [ފަނޑިޔާރަށް] އަހަންނަކީ ކާކުކަން އެނގިވަޑައިގަތް. އަދި ވިދާޅުވި މީގެ ސޯޅަ އަހަރު ކުރިން އަހަންނަށް ހުކުމް ކުރެއްވި ދުވަސް މަތިން ވަރަށް ބޮޑަށް ހަނދާން ހުންނެވި ކަމަށް ވެސް،" ސީއެންއެން އަށް މާޓެލް ވިދާޅުވި އެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ދުވަހު ކޯޓްގައި ފަނޑިޔާރު ނަސޭހަތެއްގެ ގޮތުގައި ވިދާޅުވި ވާހަކައެއް ވެސް ވަރަށް ބޮޑަށް ހަނދާނުގައި ހަރުލާފައިވެ އެވެ.

"އެ ދުވަހު އޭނާ ވިދާޅުވި މަސްތުވާތަކެތި ވިއްކަން އުޅުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫނޭ. އަހަރެންގެ ކިބައިން އެބަ ފެނެއޭ ހަރުދަނާ މީހަކަށް ވެވިދާނެކަމުގެ ސިފަތައް. އަދި ޗެލެންޖްކޮށްފައި ވިދާޅުވި ހިތްވަރާ އެކު މަސައްކަތްކޮށް ރަނގަޅު މީހަކަށްވާން މަސައްކަތްކޮށްފިއްޔާ އަހަރެން ފޯޗޫން 500 ކުންފުނި [ދުނިޔޭގެ އެންމެ ކާމިޔާބު ކުންފުނިތައް] ގެ ސީއީއޯއަކަށް ވެސް އަހަރެން ވެދާނޭ،" މާޓެލް ބުންޏެވެ. "އަހަރެން ހުވާކުރި އިރު ފަނޑިޔާރުގެ މޫނުމަތިން ފެނުނު ހިނިތުންވުމަކީ ވެސް އާދަޔާހިލާފު އިހުސާސެއް ގެނެސްދިން ކަމެއް."

އޭނާ ބުނި ގޮތުގައި މިހާރު ބޭނުން ވަނީ މާޒީ ހަނދާން ނައްތާލައި ދިރިއުޅުމުގެ އާ ބާބާ އެކު ކުރިއަށް ދާށެވެ.

"އަހަރެންގެ ދިރިއުޅުން މިހާރު ވަރަށް އުފާވެރި. އެންމެ އުފާވީ ވަކީލަކަށްވާން ކުރި މަސައްކަތް ކާމިޔާބުވީމަ. ކުށުގައި ބެދި ޖަލު ހުކުމެއް އައުމަކީ ވަރަށް ބޮޑު ފިލާވަޅެއް. މިހާރު ވެސް އެ ހަނދާންތައް އާ ވީމަ ވަރަށް އުނދަގޫވޭ." ޔުނިވަސިޓީ އޮފް ޑިޓްރޮއިޓް މާސީ އިން ލިބުނު ސްކޮލަޝިޕެއްގައި ކިޔެވި މާޓެލް ބުންޏެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް މާޓެލް ދިޔައީ އޭނާގެ ކުދިންނާއި މަންމި އާއު އެއްބަނޑު އެއްބަފާ މެމްބަރުންނާ އެކީގަ އެވެ.

މާޓެލްގެ ހުވާގެ ރަސްމިއްޔާތުގެ ތެރެއިން.

މާޓެލްގެ ހުވާގެ ރަސްމިއްޔާތުގެ ތެރެއިން.

"އަހަރެން މިހާރު ބޭނުން ވަނީ ނަމޫނާ ދައްކަން. ގޯސް މަގަކުން ގޮސްފައި ވިޔަސް ހިތްވަރާއި އަޒުމަކާ އެކީ މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ހަޔާތުގައި ރައްކާތެރިކަމުގެ އައްސޭރިފަށަށް ދެވޭނެ،" އޭނާ ބުންޏެވެ. "އަހަރެން އިސްލާވުމުގެ ވަރަށް މުހިއްމު ސަބަބަކަށް ވާނެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ހިފަހެއްޓުމެއް ނެތް ލޯތްބާއި ސަޕޯޓް. ލޯބިން ކޮންމެ މީހަކު ވެސް ބަދަލުކޮށްލެވިދާނެ."

މާޓެލްގެ ކާމިޔާބީއާ ބެހޭ ގޮތުން ފަނޑިޔާރު މޮރޯ ވިދާޅުވީ އޭނާ މާޓެލްއާ މެދު ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އޭނާގެ ހުވާކުރުމުގެ ރަސްމިއްޔާތު އަހަންނަށް ސިފަކުރެވުނީ އަމިއްލަ ދަރިއެއްގެ ކައިވެނި ހަފުލާއެއްގައި ހުރެވުނު ކަހަލަ ކަމެއްގެ ގޮތުގައި. އަހަރެން އެދެނީ މާޓެލް އަށް ކާމިޔާބީ. ހަމަ ޔަގީނުން ވެސް މިހާރު އަހަރެމެން ދެ މި މީހުން މި ތިބީ އެއް ކަމަކަށް އެއް މައިދާނަކަށް ނުކުމެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އަހަރެންގެ ތަޖުރިބާ އަބަދު ވެސް މާޓެލްއާ ހިއްސާކުރާނަން."