Roadha Mihaaru
ޖަނަވާރަކަށް ސިނގިރެޓް ދިނުމުން ޖަލު ހުކުމެއްގެ ބިރު

ޖަނަވާރަކަށް ސިނގިރެޓް ދިނުމުން ޖަލު ހުކުމެއްގެ ބިރު

13 އޯގަސްޓް 2021

ޖަނަވާރަކަށް އީ-ސިނގިރެޓް ބޯން ދިން އޮސްޓްރޭލިއާގެ ފުރާވަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެ، ޖަލު ހުކުމެއްގެ ބިރާ ކުރިމަތިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަނަވާރަކަށް އީ-ސިނގިރެޓް ބޯން ދިން އޮސްޓްރޭލިއާގެ ފުރާވަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެ، ޖަލު ހުކުމެއްގެ ބިރާ ކުރިމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއާ ގުޅިގެން އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ވީޑިއޯގައި ފެންނަނީ އެ ގައުމުގައި މަޝްހޫރު އަދި އިންސާނުންނާ ވަރަށް ރައްޓެހި ޖަނަވާރެއް ކަމަށްވާ ކުއޯކާއެއްގެ އަނގަޔަށް އީ-ސިނގިރެޓް ކޮއްޕައި ވޭޕްކުރުވާ ތަނެވެ.

ހުޅަނގު އޮސްޓްރޭލިއާގެ ރޮޓްނެސްޓް އައިލޭންޑްގައި ހިނގި މި ހާދިސާ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި އަންހެން ކުއްޖާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 50،000 އޮސްޓްރޭލިއާ ޑޮލަރުގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު ބޮޑެވެ.

ކުއޯކާ އަކީ ހުސްވެދާނެކަމުގެ ބިރުހީވެފައިވާތީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓްގައި ހިނަމާފައިވާ ޖަނަވާރަކެވެ.

ކުއޯކާއަކަށް އިހާނެތިކޮށް ހިތި ހާދިސާއާ ބެހޭ ގޮތުން ދަ ރޯޔަލް ސޮސައިޓީ ފޯ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް ވެސްޓަން އޮސްޓްރޭލިއާ (އާރްއެސްޕީސީއޭ) ގެ އެކްޒެކެޓިވް މެނޭޖަރު ހަނާ ޑްރީވާ ވިދާޅުވީ ޖަނަވާރަކަށް ސިނގިރެޓް ބޯން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ޒިންމާދާރުކުޑަ އަމަލެއް. ތިމާމެންނަށް ވުރެ ބަލިކަށި ދިރޭއެއްޗިއްސަށް ރަހުމުކުރުމަކީ އިންސާނީ ސިފައެއް. ނަމަވެސް ޖަނަވާރަކަށް ކާ އެއްޗެއް ނުވަތަ ފެންފޮދެއް ދިނުމުގެ ބަދަލުގައި އިންސާނުންގެ ސިއްހަތަށް ވެއް ގެއްލުންހުރި އެއްޗެއް ދިނުމަކީ ވަރަށް ވެސް ދަށް ފެންވަރުގެ އަމަލެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަނަވާރުންނާ ދޭތެރޭ އިހާނެތިކޮށް ހިތާ މައްސަލަތައް ލުއިކޮށް ނުނަގަން އެދޭ ކަމަށާއި އަންހެން ކުއްޖާ އަށް ހައްގު އަދަބު ދޭން ވެސް ގޮވާލާ ކަމަށެވެ.

ދެހާސް އަށާރައިގައި ރޮޓްނެސްޓް އައިލޭންޑްގައި ކުއޯކާއަކަށް ބަނގުރާ ދިން މައްސަލައެއް ފެންމަތިވެ 32 އަހަރުގެ ފިރިހެނަކު ވެސް ޖޫރިމަނާކޮށްފައިވެ އެވެ.