Roadha Mihaaru
ބަންދުގައި ހުރެގެން ނާޒިމް ވަކާލާތުކުރާތީ ފާޑުކިޔުން

ބަންދުގައި ހުރެގެން ނާޒިމް ވަކާލާތުކުރާތީ ވަކީލުންގެ ކަންބޮޑުވުން!

22 ސެޕްޓެމްބަރ 2022

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، ގޭ ބަންދުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ވަކީލު ނާޒިމް ސައްތާރަށް މިހާރު ކޯޓުތަކުގައި ވަކާލާތު ކުރެވޭތީ ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، ގޭ ބަންދުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ވަކީލު ނާޒިމް ސައްތާރަށް މިހާރު ކޯޓުތަކުގައި ވަކާލާތު ކުރެވޭތީ ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ކުށަށް އިއުތިރާފްވުމުން އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ކޯޓުން އޮތީ ދާދި ފަހުން ހުކުމްކޮށްފަ އެވެ. އެކަމަކު ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން އެފަދަ ކުށެއް ސާބިތުވިޔަސް ވަކީލުކަމުގެ ހުއްދަ ސަސްޕެންޑެއް ނުވެ އެވެ.

އެހެންވެ، ނާޒިމް ގޭ ބަންދުގައި ހުރެގެން ބައެއް ޝަރީއަތްތަކުގައި އޮންލައިންކޮށް ބައިވެރިވި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން ބައެއް މީހުންގެ ކަންބޮޑުވުން ބާ ކައުންސިލާ ހަމައަށް ވަނީ ގެންގޮސްފަ އެވެ.

ބައެއް ވަކީލުން ބުނާގޮތުން، ސުލޫކީ ފިޔަވަޅެއް ނޭޅިޔަސް، ހުކުމް ތަންފީޒުކުރާ މުއްދަތުގައި ޝަރީއަތްތަކުގައި ބައިވެރިނުވެވޭނެ ފަދަ ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހޭނެ އެވެ.

"އޮންލައިންކޮށް ބައިވެރިޔަސް ވާން ޖެހޭނީ ފިޒިކަލީ ކޯޓަށް ހާޒިރުވެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް. ހުކުމެއްގައި ނުވަތަ ހުންނަ މުއްދަތުގައި އެގޮތަށް ފުރުސަތު ދެވިގެން ނުވާނެ." އެއް ވަކީލަކު ވިދާޅުވި އެވެ.

އެކަމަކު ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް "މިހާރު" އަށް މިއަދު ވިދާޅުވީ ގާނޫނީ ފަންނުގެ ބޭރުން ވަކީލުން ކުރާ ކަންކަމަށް ފިޔަވަޅު އެޅޭ ގޮތަށް ގާނޫނުގައި މިހާރު ނޯންނާތީ އެފަދަ ފިޔަވަޅެއް މިވަގުތު ނެޅެން ނެތް ކަމަށެވެ.

"ކުށް ސާބިތުވެގެން ހުކުމް ކުރިޔަސް، އަޅުގަނޑުމެންނަށް ގާނޫނުން ނުދޭ ބާރެއް ބޭނުމެއް ނުކުރެވޭނެ." ވިޝާމް ވިދާޅުވި އެވެ،

ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން ބާ ކައުންސިލަށް ފިޔަވަޅު އެޅެނީ ވަކީލުންގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ވަކީލުން ކުރާ ކަމަކާ ގުޅިގެންނެވެ. ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިފައި އޮތީ މަސައްކަތުގެ ދާއިރާ އިން ބޭރުގައި ކުރާ ބައެއް ކަންކަމަށް ފިޔަވަޅު އެޅޭގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

"މި އިޝޫ އައުމުގެ މާ ކުރިން އަޅުގަނޑުމެން އޮންނާނީ މަޖިލީހަށް އިސްލާހު ފޮނުވާފައި،" ވިޝާމް ވިދާޅުވި އެވެ.

ވަކީލުކަމުގެ ހުއްދަ ދެވޭނީ ޖިނާއީ ބޮޑު ކުށެއް ވޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައިނުވާ ނަމަ އެވެ. ނަމަވެސް ހުއްދަ ލިބިފައި ވަނިކޮށް ވަކީލެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ، އަމަލުކުރާނެ އެއްވެސް ގޮތެއް ގާނޫނަކު ވެސް ނެތެވެ.