Roadha Mihaaru
ރާއްޖޭގައި ފާނަބަސަންދަ އާއި ލޮލު ރޯގާ އިތުރުވަނީ

ރާއްޖޭގައި ފާނަބަސަންދަ އާއި ލޮލު ރޯގާ ވަރަށް ބާރަށް ފެތުރެމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

12 ސެޕްޓެމްބަރ 2022

ރާއްޖޭގައި މި ދުވަސްވަރު ފާނަބަސަންދަ އާއި ލޮލު ރޯގާ ވެސް ވަރަށް ބާރަށް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މި ދުވަސްވަރު ފާނަބަސަންދަ އާއި ލޮލު ރޯގާ ވެސް ވަރަށް ބާރަށް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން ކުރި ޓުވީޓެއްގައި ވަނީ، މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައެއް ބަލިތައް އާންމުކޮށްފަ އެވެ. އެ ބަލިތަކަކީ:

• ފާނަބަސަންދަ

• ލޮލު ރޯގާ

• ހުމާއި ރޯގާ

• ހޭންޑް ފުޓް އެންޑް މައުތު

• ބޭރަށް ހިންގުން

• ޑެންގީ

އެ ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފާނަބަސަންދައަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ވަރުބަލިކަން އިހުސާސްކުރެވުމާއި ގަދައަށް ހުން އައުމާއި ކާހިތްނުވުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވުމާއި ބަނޑުގައި ރިއްސުން އަދި ބްލިސްޓާސް ނުވަތަ ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

ލޮލު ރޯގާއަކީ ވެސް ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ، ރަތްވެ، ޖަރާސީމު އުފެދެ އެވެ. ލޮލު ރޯގާ ޖެހުމުން ލޯ ރަތްވެ، ލޮލުން ފެން އައިސް، މަޑުލަ އެވެ. ލޯ ދުޅަވެ، ބައެއް ފަހަރު ލޮލުގެ ފެނުން ވެސް ނުސާފުވެ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަރިދަފުސް ރޯގާ ފެތުރެމުންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ މަހު އެކަނި ވެސް 25،700 އަށް ވުރެ ގިނަ މީހަކަށް އެ ރޯގާ ޖެހުނު ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރޯގާ އިތުރުވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދެއްކިއިރު، މިދިޔަ މަހު ހޮސްޕިޓަލުތަކާއި ކުލިނިކުތަކަށް ވެސް ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ. އެ ދުވަސްވަރު ފެތުރުނީ އެހެން ރޯގާތަކާ މުޅިން ތަފާތު ރޯގާއެއް ކަމަށާއި މީހާ އަށް ވަރަށް ބޮޑުވަރުކޮށްލި ރޯގާއެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ. އެކަމަކު އެހެން ދުވަސްވަރު ފެތުރޭ ރޯގާއާ ވަކި ތަފާތެއް ހުރި ކަމަށް އެޗްޕީއޭއަކުން ނުބުނެ އެވެ.

ރޯގާގެ އިތުރުން މިދިޔަ ދެ މަހު ވަނީ ޑެންގު އާއި ބޭރަށްހިންގުން ވެސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.