Roadha Mihaaru
ފަސް ބަދަލަށް ރާއްޖޭގެ ފުޓްބޯޅަ ދީލާލަން ޖެހޭ: ސާންތީ

ފަސް ކުޅުންތެރިންގެ ބަދަލަށް ރާއްޖޭގެ ފުޓްބޯޅަ ދީލާލަން ޖެހޭ: ސާންތީ

06 ސެޕްޓެމްބަރ 2022

މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގަވާއިދަށް ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް އަމަލު ކުރަން ޖެހޭ ކަމަށް، ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގަވާއިދަށް ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ވެސް އަމަލު ކުރަން ޖެހޭ ކަމަށް، ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް މާޗް 2020 ން ޖޫން އަށް މެދު ކަނޑާލާފައި އޮތުމަށް ފަހު ފީފާއިން އަލުން ފެށީ ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. އެ ގަވާއިދަށް ވަގުތީ ގޮތުން އަމަލުކުރަމުންދާތާ ދެ އަހަރު ފަހުން މި އަހަރުގެ ޖޫން މަހު އެ ގަވާއިދު ވަނީ ދާއިމީކޮށް ގަވާއިދަށް އަމަލު ކުރަން ގައުމުތަކަށް އިހްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ.

ރާއްޖެއިން ވެސް 2020 ގައި ފުޓްބޯޅަ ސީޒަންގައި ފަސް ކުޅުންތެރިންގެ ގަވާއިދަށް އަމަލު ކުރަން މަޝްވަރާ ކުރި އެވެ. ނަމަވެސް ކްލަބްތަކުން ނިންމީ އެ ގަވާއިދަށް އަމަލު ނުކުރުމަށެވެ. އެނގިފައިވާ ގޮތުގައި އޭރު އެ ގަވާއިދަށް އަމަލު ނުކުރަން ކްލަބްތަކުން ބޭނުން ނުވީ، އޭގެ ސަބަބުން ބޮޑެތި ސްކޮޑްތަކެއް އޮންނަ ޓީމުތަކަށް ފައިދާ ވެފައި ކުޑަ ސްކޮޑެއް އޮންނަ ޓީމުތަކަށް މާ ބޮޑު ފައިދާއެއް ނުކުރާނެތީ އެވެ.

ސާންތީ ބުނީ އެކަމަކު މިހާރު ރާއްޖެއިން ވެސް އެ ގަވާއިދަށް އަމަލު ކުރަން ވެއްޖެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް ހެދުމަކީ މެޗުތަކުގެ ފެންވަރު ރަނގަޅު ވާނެ ކަމެކެވެ.

"އިތުރު ކުޅުންތެރިންތަކަކަށް ފުރުސަތު ވެސް އެބަ ދެވޭތާ. ހާއްސަކޮށް މީގެ ފައިދާ ކުރާނީ ޒުވާން ކުޅުންތެރިންނަށް. މެޗުތަކުން ޒުވާން ކުޅުންތެރިންނަށް ވަގުތު ދިނުމުގައި ޓީމުތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ،" އޭނާ ބުންޏެވެ.

ތަޖުރިބާކާރު ކޯޗު ބުނީ ފަސް ކުޅުންތެރިންގެ ބަދަލަކީ ވަކި ޓީމަކަށް އެޑްވާންޓޭޖު ނެގެން އޮންނަ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.

"މީގެއިން މުޅި ފުޓްބޯޅަ އަށް ފައިދާ ކުރާނީ،" ސާންތީ ބުންޏެވެ.

"ރާއްޖޭގައި މި ކުޅޭ ގޮތަށް ކޮންމެ ތިން ދުވަހަކުން މެޗުތައް ކުޅޭއިރު ފަސް ކުޅުންތެރިންގެ ބަދަލުވީމަ އޭގެ ފައިދާ ވެސް އެބަ ކުރޭ. ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދެވޭނެ. އެއް ކުޅުންތެރިންތަކަކަށް ލޯޑް ބޮޑެއް ނުވާނެ."

ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ސާންތީ ބުނީ، ރާއްޖޭ ގައުމީ ޓީމުތަކުން ވާދަކުރާ އިންޓަނޭޝަނަލް މުބާރާތްތަކާއި ކްލަބްތަކުން ވާދަކުރާ އޭއެފްސީ ކަޕުގައި ވެސް ފަސް ކުޅުންތެރިންގެ ބަދަލަށް އަމަލު ކުރާއިރު ރާއްޖޭގެ ލޯކަލް ލީގުގައި ވެސް އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

ޑޮމެސްޓިކް ސީޒަންގައި ވެސް މިއަށް އަމަލު ނުކުރަންވީ ސަބަބެއް ނެތް،" ސާންތީ ބުންޏެވެ.

ފުޓްބޯޅައިގައި އެހެން ހުރި ކަންކަމާ ބެހޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާ ދޭތެރެ ދޭތެރެއިން ހިޔާލު ބަދަލުކޮށްލަން ފުރުސަތު ލިބޭކަމަށް ސާންތީ ބުންޏެވެ.

"އެފްއޭއެމްގެ ރައީސް އާއެކު ދެން ލިބޭ ފުރުސަތެއްގައި އަޅުގަނޑު އެބަ ހިތައް އަރާ މި ކަމަށް ހުށަހަޅަން. އަންނަ ސީޒަންގައި މިއަށް އަމަލު ކުރަން ފަށާ ގޮތަށް،" ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރި ސާންތީ ބުންޏެވެ.