މިލާން (ސެޕްޓެމްބަރު 4) - އިޓާލިއަން ސެރީ އޭ ގައި ކުޅުނު މި ސީޒަނުގެ ފުރަތަމަ މިލާން ޑާބީގައި، ޒުވާން ފޯވާޑް ރަފައެލް ލެއާއޯގެ ދެ ގޯލާ އެކު ޗެމްޕިއަން އޭސީ މިލާނުން 3-2 އިން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދައިފި އެވެ.
04 ސެޕްޓެމްބަރ 2022
މިލާން (ސެޕްޓެމްބަރު 4) - އިޓާލިއަން ސެރީ އޭ ގައި ކުޅުނު މި ސީޒަނުގެ ފުރަތަމަ މިލާން ޑާބީގައި، ޒުވާން ފޯވާޑް ރަފައެލް ލެއާއޯގެ ދެ ގޯލާ އެކު ޗެމްޕިއަން އޭސީ މިލާނުން 3-2 އިން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދައިފި އެވެ.
މި ހާއްސަ މެޗަކީ އެމެރިކާގެ ރެޑްބާޑް ކުންފުނިން މިދިޔަ ހަފްތާ 1.3 ބިލިއަން ޑޮލަރަށް އޭސީ މިލާން ގަތް ފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ އިންޓަ އިންނެވެ. މެޗުގެ 21 ވަނަ މިނިޓުގައި ފޯވާޑް ޔަކީން ކޮރެއާ، މުޅިން ހުސްކޮށް ކުރިއަށް އެރި މާސެލޯ ބްރޯޒޮވިޗަށް ބޯޅަ ޖައްސާލުމުމް އޭނާ ވަނީ ޕެނަލްޓީ އޭރިއާއާ އަރާ ހަމަވުމާ އެކު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
މިލާނުން އެއްވަރު ކުރީ އޭގެ ހަތް މިނިޓު ފަހުން، އެޓީމަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ފޯވާޑް ލެއާއޯ ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ އިންޓަ ގެ ހަކަން ޗަލްހަނޯގްލޫ އަތުން ދޫވި ބޯޅައެއް ހޯދައި މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ތަނަވަސްކުރި ފުރުސަތެއްގަ އެވެ.
ލެއާއޯ އަތުން ބޯޅަ ހޯދަން އިންޓަ ގެ ޑިފެންޑަރު މިލާން ސްކްރިނިއާ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިއާ އެކު، މިދިޔަ ސީޒަނުގައި ސެރީ އޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ލެއާއޯ، 23، ވެފައި ވަނީ މިލާން ޑާބީގެ ތާރީހުގައި ވެސް ލަނޑު ޖެހި ފުރަތަމަ ޕޯޗުގީޒް ކުޅުންތެރިޔާއަށެވެ. އިންޓަ އިން ލީޑު ނެގުމުގެ ކުރިން އޭރިއާ ބޭރުން އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިންޓަ ގެ ކެޕްޓަން އަދި ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް ދިފާއު ކުރި އެވެ.
ފުރަތަމަ ހާފު ނަތީޖާ އެއްވަރު ވެގެން ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި އޭސީ މިލާނުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. ލެއާއޯ ތިރިތިރިން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ޖެހީ އޮލިވިއޭ ޖިރޫ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން، މެޗުގެ 60 ވަނަ މިިޓުގައި ޖިރޫ ދިން ޕާހެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ އެޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވެސް ލެއާއޯ އެވެ.
މިއީ 2019 ވަނަ އަހަރު ފްރާންސްގެ ލިލް އިން އޭސީ މިލާނަށް ބަދަލުވި ލެއާއޯ، ސެރީ އޭގައި ކުޅުނު 100 ވަނަ މެޗެވެ. މިހާތަނަށް ސެރީ އޭ ގައި އޭނާ 26 ގޯލު ޖަހައިފައި ވާއިރު، ރޭގެ ދެ ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގައި ފަސް މެޗުން ތިން ގޯލު ހަމަކޮށްފަ އެވެ.
ލެއާއޯ، އިންޓަ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
އިންޓަ އިން މެޗުގައި ޖެހި ދެވަނަ ލަނޑު 67 ވަނަ މިނިޓުގައި މަޓެއޯ ޑާމިއަން ދިން ބޯޅައަކުން ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އެޑިން ޒެކޯ އެވެ. ބަދަލުތަކާ އެކު އިންޓަ އިން އިތުރު ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.
ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހެއް މާޓިނޭޒް ބޮލުން ފޮނުވާލުމުން ގޯލު ލައިން މަތިން މިލާންގެ ކީޕަރު މައިކް މައިނާން ދިފާއު ކުރިއިރު، ޗަލްހަނޯގްލޫ އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ވެސް މައިނާން ވަނީ ދިފާއު ކޮށްފަ އެވެ. އަދި އެންމެ ފަހު ވަގުތު އޭރިއާ ބޭރުން ހެންރިކް މިކިތާރިއަން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
މި ނަތީޖާއާއެކު އޭސީ މިލާން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިނުވެ، 11 ޕޮއިންޓް ހޯދައިފަ އެވެ. އިންޓަ އަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. މިއީ އިންޓަ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ބަލިވި ދެވަނަ މެޗެވެ.
ގޯލުގެ ތަފާތުން އޭސީ މިލާން ޓޭބަލްގެ ދެވަނައިގައި އޮތްއިރު، ހަމަ އެއްވަރަކަށް ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ނަޕޯލީ އެވެ. ނަޕޯލީން ވަނީ ރޭ ރަށުން ބޭރުގައި 2-1 އިން ލާޒިއޯ ބަލިކޮށްފަ އެވެ. އިންޓަ އެންމެ ފުރަތަމަ ބަލި ވެފައި ވަނީ ލާޒިއޯ އަތުންނެވެ. ޔުވެންޓަސް ވެސް ރޭ ކުޅުނު އިރު، ރަށުން ބޭރުގައި އެޓީމު ވަނީ ފިއޮރެންޓީނާ ކައިރީގައި 1-1 އިން އެއްވަރު ވެފަ އެވެ.
އޭސީ މިލާނާއި އިންޓަ މިލާނަކީ އެންމެ ފަހު ދެ ސީޒަނުގެ ދެ ޗެމްޕިއަނުންނެވެ. އޭގެ ކުރީ ނުވަ ސީޒަނުގައި ލީގުގައި ރަސްކަން ކުރީ ޔުވެންޓަސް އެވެ. އޭސީ މިލާނުން މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކޮށް 11 އަހަރުގެ އިންތިޒާރަށް ނިމުން ގެނައި އިރު، އޭގެ ކުރީ ސީޒަނުގައި އިންޓަ އިން ލީގު ހޯދީ ވެސް 11 އަހަރަށް ފަހު އެވެ.
މި ދެޓީމުގެ ކުރިމަތިލުމެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖެނުއަރީ މަހު ސައުދީ އަރަބިއްޔާގަ އެވެ. އިޓާލިއަން ސުޕަ ކަޕް މެޗުގައި ދެޓީމު ވާދަކުރާ އިރު، މިއީ 2011 ވަނަ އަހަރަށް ފަހު ސުޕަ ކަޕުގައި އޭސީ މިލާނާއި އިންޓަ ގެ ކުރިމަތިލުމެއް ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި ލީގުގައި މި ދެޓީމުގެ ދެވަނަ ކުރިމަތިލުން ތާވަލް ކޮށްފައި ވަނީ ފެބްރުއަރީ މަހަށެވެ.
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ 12 ޕޮއިންޓްކުރީގައި، 50 ޕޮއިންޓް ހަމަކޮށްފި
އޮރިގީގެ ފުރަތަމަ ލަނޑާއެކު މިލާނުން މޮންޒާ ބަލިކޮށްފި
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
އިންޓަ ލީޑު ދެމެހެއްޓިއިރު، މިލާނަށް މުހިއްމު މޮޅެއް
މިލާން ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް