Roadha Mihaaru
ލިވަޕޫލަށް އުނދަގޫ މޮޅެއް، ހާލަންޑަށް ދެވަނަ ހެޓްރިކް

ލިވަޕޫލަށް އުނދަގޫ މޮޅެއް، ހާލަންޑަށް ދެ ވަނަ ހެޓްރިކް

01 ސެޕްޓެމްބަރ 2022

ލިވަޕޫލް (ސެޕްޓެމްބަރު 1) – ފަހު ސިކުންތުގައި ޖެހި ލަނޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލިވަޕޫލް (ސެޕްޓެމްބަރު 1) – ފަހު ސިކުންތުގައި ޖެހި ލަނޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

ނިއުކާސަލް އިން ދާދި ފަހުން ރެކޯޑް ފީ އަކަށް ގެނައި އެލެކްޒެންޑާ އައިޒެކް ވަނީ ފުރަތަމަ ހާފު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭނާ ސްޕެއިންގެ ރެއާލް ސޮސިއެޑާޑުން ނިއުކާސަލް އަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ފަހުން ކުޅުނު މެޗުން ބޯންމައުތު 9-0 އިން ބަލިކުރި ލިވަޕޫލަށް ރޭގެ މެޗުގައި ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވުނީ ވެސް ދެ ވަނަ ހާފުގަ އެވެ. އެކަމަކު އެ ޓީމުގެ ހާވީ އެލިއޮޓް ބޯޅަ ހޯދައި ފޮނުވާލި ހަމަލާ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް ދިފާއު ކުރި އެވެ.

ދެ ވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް ލިވަޕޫލުން އެއްވަރުކުރީ 61 ވަނަ މިނިޓުގައި މުހައްމަދު ސަލާހުގެ ޕާހަކުން ރޮބާޓޯ ފިރްމީނޯ ޖެހި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ކޯނަރެއް ނިއުކާސަލް އަށް ކްލިއާ ނުކޮށްލެވުމުގެ ފައިދާ ނަގައި، އެންމެ ފަހު ސިކުންތުގައި ޓީމު މޮޅުކޮށްދިނީ، ބަދަލު ކުޅުންތެރިޔާ ފަބިއޯ ކަވާލިއޯ އެވެ.

މިއީ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ކާވާލިއޯ، މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ ޖަހައިދިން ދެ ވަނަ ލަނޑެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ ބޯންމައުތު ކޮޅަށެވެ.

މިއާ އެކު ނިއުކާސަލް ވަނީ މި ސީޒަނުގައި ލީގުގައި ފުރަތަމަ ފަހަރަށް ބަލި ވެފަ އެވެ. އެންމެ ފުރަތަމަ ކުޅުނު މެޗު ކާމިޔާބު ކުރި އިރު، ދެން ކުޅުނު ތިން މެޗު ވަނީ އެއްވަރު ކޮށްފަ އެވެ.

ފޮރެސްޓާ ދެކޮޅަށް ވެސް ހާލަންޑުގެ ހެޓްރިކެއް

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓާ ވާދަކުރި މެޗު، ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކަކާ އެކު 6-0 އިން ކާމިޔާބު ކޮށްފަ އެވެ.

ހާލަންޑް، ސިޓީ އަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި. -- ފޮޓޯ: އޭއެފްޕީ

ހާލަންޑް، ސިޓީ އަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި. -- ފޮޓޯ: އޭއެފްޕީ

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހާލަންޑް ކާމިޔާބުކުރި ހެޓްރިކަކީ، ސިޓީ އަށް ބަދަލުވެ، އޭނާ ކާމިޔާބުކުރި ދެ ވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަދި މިއާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ނުވަ ގޯލު ޖަހައިފަ އެވެ.

ހާލަންޑާ އެކު ސިޓީ އިން އަލަށް ގެނައި ފޯވާޑް ހޫލިއަން އަލްވަރޭޒް ވެސް ވަނީ، އޭނާ ސްޓާޓް ކުރި ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އަލްވަރޭޒް ވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރައި ލިވަޕޫލް ކޮޅަށް ލަނޑު ޖަހައިދީފަ އެވެ. ފޮރެސްޓާ ދެކޮޅަށް ސިޓީ އަށް ދެން ލަނޑު ޖަހައިދިނީ ޔާއޯ ކަންސެލޯ އެވެ.

ސިޓީ އިން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް އަދި ބައްޔެއް ނުވެ އެވެ. ހަތަރު މެޗު ކާމިޔާބު ކުރި އިރު އެއް މެޗުން އެއްވަރުވީ އެވެ.

މިއީ އަލަށް ޕްރޮމޯޓްވި ފޮރެސްޓް ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. އެވަޓަން އަތުން ޕޮއިންޓެއް ހޯދާފައި ވާއިރު، މޮޅުވީ ވެސްޓް ހޭމް ޔުނައިޓެޑް އަތުންނެވެ.