Roadha Mihaaru
ތަހުގީގު ހިނގަނިކޮށް ބޭރަށް ފުރި ރާފިއު ހޯދަނީ

އަލަމްގީރު ކޭސް: ތަހުގީގު ހިނގަނިކޮށް ފުރި ރާފިއު ހޯދަން އިއުލާންކޮށްފި

30 އޯގަސްޓް 2022

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވި ތަހުގީގު ހިނގަނިކޮށް ރާއްޖެއިން ބޭރަށް ފުރި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވި ތަހުގީގު ހިނގަނިކޮށް ރާއްޖެއިން ބޭރަށް ފުރި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

މި މަހުގެ ކުރީކޮޅު ރާފިއު ފުރީ އޭނާގެ ވީޑިއޯ ފުލުުހުންނަށް ލިބި ތަހުގީގު ކުރަމުން އަންނަނިކޮށެވެ. އޭނާ ފުރި ފަހުން، އަލަމްގީރުގެ ކޮޓަރި ތެރޭގައި އުޅެނިކޮށް ވީޑިއޯއެއް ވަނީ ލީކުކޮށްލައިފަ އެވެ.

ފުލުހުންގެ އިއުލާނުގައި ބުނި ގޮތުގައި އޭނާ ހޯދަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައެއްގެ ތަހުގީގަށެވެ. ހޯދަން އިއުލާންކުރީ އުޅޭ ވަކި ތަނެއް ނޭނގިގެން ތަހުގީގަށް ހާޒިރުވާން ޗިޓު ރައްދު ނުކުރެވިގެން ކަަމަށެވެ.

އިއުލާނުގައި އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ސުވާލުކުރަން ބޭނުންވާތީ ހާޒިރުވުމަށެވެ. ރާފިއުގެ ވަނަވަރު ހާމަކޮށްފައިވާ އިއުލާނުގައި އަންގާފައި ވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ކުރިން ހާޒިރުވުމަށެވެ.

ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާފިއު އަކީ އެމްޑީޕީގެ ޖަލްސާތައް ފެށުމަށް އާންމު ގޮތެއްގައި ގުރުއާން ކިޔަވާ މީހާ އެވެ. ރާފިއުއަކީ ވަރަށް ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން ކުރިން ރ. މީދޫގެ ކަތީބުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.

ރާއްޖެ އިން ބޭރަށް ފުރި ފަހުން ލީކުކޮށްލި ވީޑީއޯގައި، ގިނަ ބަޔަކާ އެކު އާލަމްގީރު ހުތުރު އަމަލު ހިންގާ ކޮޓަރިއަށް ރާފިއު ވަދެ، އަލަމްގީރާ ވާހަކަ ދައްކަން އިންނަ މަންޒަރު ފެނެ އެވެ.

އެ ތަނުގައި ކެމެރާ ހުރިތޯ ވެސް ރާފިއު ސުވާލުކުރެ އެވެ. ފަހުން، އާލަމްގީރުގެ ސުވާލުތަކަށް ޖަވާބު ދެމުން އަންހެނުން މަރުވެފައިވާ ކަމަށް ވެސް ރާފިއު ބުނެ އެވެ.

އާލަމްގީރު ކޭސްގައި ހިމެނޭ ގިނަ ބައެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. ރާފިއު ފުރީ އޭގެ ކުރިންނެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އޭނާގެ އިތުރުން ތިން ދިވެއްސަކަށް ދައުވާކޮށްފައިވެ އެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.

ދައުވާއަށް އިއުތިރާފްވެ އަލަމްގީރު ކޯޓުގައި އެދިފައި ވަނީ ލުއި އަދަބެއް ކަނޑައަޅައި ދިނުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންނަށް ވީޑިއޯ ލިބުނު އަދަދު 40 އާ ގާތްކުރެ އެވެ. ފުލުހުން އަންނަނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުގައި ހިމެނޭ މީހުން ދެނެގަނެ، ސަރުކާރުގެ އެކި މަގާމުތަކުގައި އުޅޭ ނަމަ މުއައްސަސާތަކަށް ތަހުގީގު ހިނގާ ކަން އަންގަމުންނެވެ. މިހާތަނަށް ޓީޗަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހިމެނޭ މީހުންނާއި ކުރިން ހުޅުމާލޭގެ މިސްކިތެއްގެ މުދިމަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވެސް ވަނީ އެ މައްސަލަތަކުގައި ސަސްޕެންޑްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.