Roadha Mihaaru
"އާލަމްގީރާ ގުޅޭ ތަހުގީގުގައި ވަޒީރެއްގެ ނަމެއް ނެތް"

ވީޑިއޯއާ ގުޅިގެން ބަލާ މައްސަލަތަކުގައި ވަޒީރެއްގެ ނަމެއް ނެތް: ކޮމިޝަނާ

09 އޯގަސްޓް 2022

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ބަލާ މައްސަލަތަކުގައި އެއްވެސް ވަޒީރެއްގެ ނަމެއް ނުހިމެނޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ބަލާ މައްސަލަތަކުގައި އެއްވެސް ވަޒީރެއްގެ ނަމެއް ނުހިމެނޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގަނިކޮށް ވީޑިއޯކޮށް، އެ ވީޑިއޯ އާއި ފޮޓޯތަކުން ބްލެކްމެއިލްކުރާ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގުގައި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، ވީޑިއޯތަކުގައި ހިމެނޭ އަދަދު 50 އަށް ވުރެން މަދެވެ.

އާލަމްގީރު ގާތަށް ދިޔަ 200 އަށް ވުރެ ގިނަ މީހުންގެ ވީޑިއޯ ހުރި ކަމަށް ދައްކާ ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށް ފުލުހުން "މިހާރު" އަށް ކަށަވަރުކޮށްދެ އެވެ. މި ވީޑިއޯތަކާ ގުޅުވައި ސޯޝަލްމީޑިއާގައި އެކި މީހުންނަށް ތުހުމަތުކުރަމުން ގޮސް އިއްޔެ ވަނީ އާލަމްގީރަށް ގުޅި މީހުން ކަމަށް ބުނާ ފޯނު ނަމްބަރުތަކެއް ވެސް އާއްމުކޮށްފަ އެވެ.

އެ ލިސްޓުގައި، ވަޒީރެއްގެ ނަން، ފޯނު ނަންބަރާ އެކު އޮތެވެ. އަދި އެ ލިސްޓު ދައުރުކޮށް، އާލަމްގީރާ ގުޅުވައި އޭނާއަށް ވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

ސޯޝަލްމީޑިއާގައި ފަތުރަމުންދާ ލިސްޓާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ "މިހާރު"ން ސުވާލުކުރުމުން ވިދާޅުވީ އެއީ ކާކުކަން ނޭނގޭ އައިޑީއަކުން ހަދައިގެން ފަތުރަމުންދާ ލިސްޓެއް ކަމަށެވެ. އެ ލިސްޓުގައި، ވީޑިއޯތަކާ ގުޅިގެން ތަހުގީގު ހިނގާ މިހާތަނަށް އާއްމުވެފައިވާ ބައެއް ނަންތަކާއި ފުލުހުން ބަލާ މައްސަލަތަކުގައި ނުހިމެނޭ ނަންތައް އެބަހުރި ކަަމަށް ވިދާޅުވި އެވެ.

"އެއީ، ފެބްރިކޭޓްކޮށްގެން ފަތުރާ ލިސްޓެއް. ތަހުގީގުގައި ބަލާ މައްސަލައެއްގައި ވަޒީރެއްގެ ނަމެއް ނެތް،" ކޮމިޝަނާ ވިދާޅުވި އެވެ.

އާލަމްގީރާ ގުޅުވައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު އެކި މީހުންނަށް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ފުލުހުން ތަހުގީގުގައި ނުހިމެނޭ މީހުން ކަމަށާއި އެގޮތަށް އެކަން ނުކުރަން ފުލުހުން މީގެ ކުރިން އެދިފައިވެ އެވެ.

ރާއްޖޭގައި ވަޒީފާއަދާކުރަން އެތެރެވި އާލަމްގީރު، އޭނާ ދިރިއުޅޭ ކޮޓަރީގައި ގިނަ އަދަދެއްގެ ބަޔަކާ އެކު ބަދުއަހުލާގީއަމަލު ހިންގި މައްސަލައިގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފުލުހުން ތަހުގީގުގައި އެއްބަސްވެފަ އެވެ.

އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯ އާއްމުވާނެ ކަމުގެ އިންޒާރުތަކަށް ފަހު ފުރަތަމަ ލީކުކޮށްލީ ވަކީލް ނާޒިމް ސައްތާރުގެ ވީޑިއޯ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއްގެ ވީޑިއޯ އާއްމުކުރި އެވެ. މި ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި ތިން މީހުންނަށް ފަހު، ނޫސްވެރިޔާ ނަސީރުގެ ވީޑިއޯއެއް ލީކުކޮށްލުމުން ތަހުގީގަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

މި ފަހުން ފުލުފުލުގައި އެކި މީހުންގެ ވީޑިއޯ އާއްމުކޮށްފައިވެ އެވެ. އޭގެތެރޭގައި ދައުލަތުގެ އެކި އިދާރާތަކުގެ ވަޒީފާގައި ތިބި މީހުން ހިމެނެ އެވެ. ވީޑިއޯ ދެނެގަނެ ތަހުގީގު ހިނގާކަން މުއައްސަސާތަކަށް މިހާތަނަށް އެންގި އެންމެންނާ ދޭތެރޭގައި ވަނީ ފިޔަވަޅު އަޅައިފަ އެވެ.