Roadha Mihaaru
ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެ؟

އާލަމްގީރު ކޭސް: ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެ؟

09 އޯގަސްޓް 2022

ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ވީޑިއޯތައް އަދިވެސް އާއްމުކުރަނީ އެވެ. އެކަމަކު ފުލުހުން މިދިޔަ މާޗް މަހު ތަހުގީގު ފެށި މި މައްސަލާގައި، މިހާތަނަށް ހައްޔަރުކުރީ ތިން މީހެކެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ވީޑިއޯތައް އަދިވެސް އާއްމުކުރަނީ އެވެ. އެކަމަކު ފުލުހުން މިދިޔަ މާޗް މަހު ތަހުގީގު ފެށި މި މައްސަލާގައި، މިހާތަނަށް ހައްޔަރުކުރީ ތިން މީހެކެވެ.

އެއީ، އެންމެ ފުރަތަމަ ވީޑިއޯ އާއްމުވި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ.

މީގެ އިތުރުން ގިނަ ބައެއްގެ ވީޑިއޯ އާއްމުވި އިރު، ދައުލަތުގެ އެކި އިދާރާތަކުގެ ވަޒީފާގައި ތިބި މީހުން ހިމެނެ އެވެ. ވީޑިއޯ އިން ދެނެގަނެވޭ މީހުންގެ ތަހުގީގު ހިންގާކަން ފުލުހުން އެ އިދާރާތަކަށް އެންގުމުން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފި އެވެ. ބައެއް މީހުން ތިބީ ވަޒީފާ އިން އެކަހެރިކޮށްފަ އެވެ.

މި ފިޔަވަޅުތައް އެޅިއިރު މިހާތަނަށް ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ތަހުގީގު ހިނގާކަން އެނގޭތީ މީގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. ކޯޓު އަމުރު ހޯދައި 18 މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ އޭގެ ފަހުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ ވީޑިއޯތަކާ ގުޅިގެން އެންމެންނާ ދޭތެރޭގައި ވެސް އަމަލުކުރަނީ އެއް މިންގަނޑަކުން ކަމަށެވެ. މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށް ވިދާޅުވި އެވެ.

އެ ތިން މީހުން ހައްޔަރުކުރަން ވެސް ހެކި ލިބެންދެން، ތަހުގީގުގައި ގިނަ ދުވަސްތަކެއް ހޭދަވި ކަން ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ވީޑިއޯތަކުގައި ހިމެނޭ އެންމެން ހައްޔަރުނުކޮށްގެން ވާހަކަ ދެއްކިއަސް އެއީ ވަގުތުން ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވީޑިއޯ އިން މީހުން ދެނެގަނެ ތަހުގީގަށް ހާޒިރުކޮށް، ހަށިގަނޑުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ފޮރެންސިކް އެނަލިސިސް ހަދައި ހެކި ލިބިގެން ނޫނީ ބަންދަށް ގެނެވެން ނޯންނާނެ ކަަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެކަމުގައި ޓްރޭންވެފައި ތިބި މުވައްޒަފުންގެ ނިސްބަތާއި ކޭސްލޯޑަށް ވެސް ބަލަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

"އެ ވީޑިއޯއާ ގުޅުވައިގެން އެ މީހަކާ ބެހޭ އެހެން މައުލޫމާތުތައް ވެސް އެހެން ގޮތްގޮތަށް ތަހުގީގު ތެރެއިން ހޯދާނެ. އެ ހުރިހާ ކަންކަމަށް ބަލާފައި މިސާލަކަށް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ހުރި މީހެއް ކަމަށް ބެލެވޭ މީހަކު ވެއްޖިއްޔާ އެ މީހަކު ވެސް ހާޒިރުކޮށް، އެ މީހަކު ނިސްބަތްވާ މުއައްސަސާއަކަށް މި އަންގަނީ އެ މީހަކާ ބެހޭ ތަހުގީގެއް ކުރަމޭ،" ކޮމިޝަނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެގޮތަށް އެކަން ކުރަން ޖެހެނީ ބްލެކްމެއިލްކޮށް، ދަނޑިވަޅު ބަލާފައި މުއައްސަސާތަކުގައި ތިބި މީހުންގެ ވީޑިއޯ ނެރެމުންދާތީ ކަމަށެވެ. އެގޮތަށް ކަންކުރުމުން އެ މީހާގެ އިތުރުން މުއައްސަސާއަށް ވެސް ޕްރެޝަރުތަކެއް އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ކުރީބައިގައި އިދާރީ ގޮތުން އެ ފިޔަވަޅު އަޅަނީ،" އޭނާ ވިދާޅުވި އެވެ.

ހިނގިތާ ދުވަސްތަކެއް ވެފައި އޮތް އެ މައްސަލާގައި މީހަކު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދެވޭނީ ވެސް ވަކި ކަންތައްތަކެއް ފުރިހަމަވެގެން ކަމަށް ވިދާޅުވި އެވެ. އިދާރީ ފިޔަވަޅު އެޅުމަކީ އެ މުއައްސަސާއަކަށް އޮންނަ އިޚްތިޔާރެއްކަން ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ޖިނާއީ ތަހުގީގުގެ ތެރޭގައި ވީޑިއޯ ކުރުމާއި ބްލެކްމެއިލްކުރި މީހުން ހޯދުން ވެސް ތަހުގީގުގައި ކުރިއަށް އެބަދެ އެވެ. މި މައްސަލަތަކުގެ ތަހުގީގު ނިމޭނެ ދުވަހެއް އެ މުއައްސަސާއަކުން ނުބުނެ އެވެ.