Roadha Mihaaru
ވީޑިއޯ މައްސަލާގައި ކަސްޓަމްސް ދެމީހަކު ވެސް ސަސްޕެންޑް

އެއްޖިންސުން ގުޅުން ހިންގި މައްސަލަ: ކަސްޓަމްސްގެ ދެ މީހަކު ވެސް ސަސްޕެންޑްކޮށްފި

06 އޯގަސްޓް 2022

ބަންގްލާދޭޝްގެ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި އެތައް ބައެއްގެ ވީޑިއޯ އާންމުވެ އޭގެ ތެރޭގައި ހިމެނޭ އެކި މުއައްސަސާތަކުގެ މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު ކަސްޓަމްސްގެ ދެ މުވައްޒަފަކު ވެސް މި މައްސަލާގައި ސަސްޕެންޑުކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ބަންގްލާދޭޝްގެ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި އެތައް ބައެއްގެ ވީޑިއޯ އާންމުވެ އޭގެ ތެރޭގައި ހިމެނޭ އެކި މުއައްސަސާތަކުގެ މީހުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު ކަސްޓަމްސްގެ ދެ މުވައްޒަފަކު ވެސް މި މައްސަލާގައި ސަސްޕެންޑުކޮށްފި އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވަނީ އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ބަންގްލަދޭޝްގެ އަލަމްގީރް ކިޔާ މީހަކާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށްފައި ވަނިކޮށް ލީކުވެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. ވީޑިއޯތަކުން ފެންނަ މީހުންގެ ތެރެއިން މިހާތަނަށް ކަށަވަރުކުރެވުނު ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ވީޑިއޯތަކުގެ ފޮރެންސިކް ތަހުލީލު ނުނިމޭތީ ބައެއް މީހުން ހައްޔަރު ނުކުރި ނަމަވެސް ތުހުމަތުވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ސަރުކާރުގެ އެކި އިދާރާތަކުގައި އުޅޭ މީހުންގެ މައުލޫމާތު ފުލުހުން ވަނީ އެ ތަންތަން ދީފަ އެވެ.

ފުލުހުން ދިން މައުލޫމާތާ އެކު އެޑިއުކޭޝަނުންނާއި ހޯމް މިނިސްޓްރީންނާއި ރައްޔިތުންގެ މަޖިލީހުންނާއި ފުލުހުން ވެސް ވަނީ ފިޔަވަޅު އަޅައި ބައެއް މީހުން ސަސްޕެންޑް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މީގެ އިތުރުން ވެސް ބައެއް އިދާރާތަކަށް ފުލުހުން ވަނީ އެ ތަންތަނުގެ ބައެއް މީހުންނަށް ތުހުމަތުވާތީ އެ މައުލޫމާތު ދީފަ އެވެ.

އަލަމްގީރާ އެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.