Roadha Mihaaru
ޗައިނާގެ ދަރަނި އެންމެ ގިނައިން ނެގި ލިސްޓަށް ރާއްޖެ!

ޗައިނާ އިން ތިން ވަނަ އަށް އެންމެ ގިނައިން ދަރަނި ނެގި ގައުމަކަށް ރާއްޖެ!

31 އޯގަސްޓް 2022

ޗައިނާ އިން އެންމެ ގިނަ ދަރަނި ނެގި ގައުމުގެ ލިސްޓަށް ރާއްޖެ އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗައިނާ އިން އެންމެ ގިނަ ދަރަނި ނެގި ގައުމުގެ ލިސްޓަށް ރާއްޖެ އަރައިފި އެވެ.

ޗައިނާ އިން އެންމެ ގިނައިން ދަރަނި ދިން ގައުމުތަކުގެ ލިސްޓެއް ފޯބްސްގައި އާންމު ކޮށްފައިވާއިރު، އެ ލިސްޓުގެ ތިން ވަނަ އަށް ރާއްޖެ އެރީ ބޭރުގެ ދަރަންޏާއި ގައުމުގެ އާމްދަނީގެ ނިސްބަތުން 38 ޕަސެންޓު ދަރަނި ޗައިނާ އަށް ނިސްބަތް ވާތީ އެވެ. ރާއްޖޭގެ ދަރަނީގެ ތެރެއިން 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ގެ ދަރަނި ނިސްބަތް ވަނީ ޗައިނާއަށެވެ.

ދައުލަތުގެ ޖުމުލަ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ލަފާކުރެ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ޗައިނާގެ އިތުރުން މިހާރު ދައުލަތުން އެންމެ ގިނައިން ދަރަނި ނަގަމުން ދަނީ އިންޑިއާއިންނެވެ.

އާމްދަނީ އާއި ގައުމުގެ ދަރަނީގެ ނިސްބަތުން އެންމެ ބޮޑު ދަރަންޏެއް ޗައިނާ އިން ނަގާފައިވަނީ އެފްރިކާގެ ކުޑަކުޑަ ގައުމެއް ކަމަށްވާ ޖިބޫޓީ އެވެ. އެ ގައުމުގެ ދަރަނީގެ 43 ޕަސެންޓު ނިސްބަތް ވަނީ ޗައިނާ އަށެވެ. ދެވަނަ އަށް މި ލިސްޓުގައި ހިމެނެނީ އެންގޯލާ އެވެ. އެ ގައުމުގެ ދަރަނީގެ 41 ޕަސެންޓު ނަގާފައިވަނީ ޗައިނާއިންނެވެ. ދެން މި ލިސްޓުގައި ހިމެނެނީ ލާއޯސް އާއި ކޮންގޯ އެވެ.

އާމްދަނީ އެންމެ ކުޑަ އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުން އެންމެ ގިނައިން ދަރަނި ނަގަމުން ދާ އެއް ގައުމަކީ ޗައިނާ އެވެ. ފަގީރު ގައުމުތަކަށް ދޫކޮށްފައިވާ ދަރަނީގެ ތެރެއިން 37 ޕަސެންޓު ނިސްބަތް ވަނީ ޗައިނާއަށެވެ. ގާތްގަނޑަކަށް 170 ބިލިއަން ޑޮލަރު ފަގީރު ގައުމުތަކަށް ޗައިނާ އިން ފޮނުވާފައިވެ އެވެ.

ޗައިނާގެ "ނިއު ސިލްކް ރޯޑު" ޕްރޮގްރާމުގެ ދަށުން ބަނދަރާއި ރެއިލްވޭ ތަކާއި ބްރިޖުތައް ފަދަ މުހިއްމު މަޝްރޫއުތައް އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގައި އަންނަނީ ހިންގަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް 97 ގައުމަކުން ބޮޑެތި އަދަދުތަކުން ޗައިނާ އިން ދަރަނި ވަނީ ނަގައިފަ އެވެ. ލޯނުތަކުގެ އަދަދަށް ބަލާ އިރު ޕާކިސްތާނުން ވަނީ 77 ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފަ އެވެ. އެންގޯލާ އިން 36 ބިލިއަން ޑޮލަރުގެ ދަރަނި، އިތިއޯޕިއާ އިން 7.9 ބިލިއަން ޑޮލަރުގެ ދަރަނި ނެގި އެވެ. އަދި ކެންޔާ އިން 7.4 ބިލިއަން ޑޮލަރު، ލަންކާ އިން 6.8 ބިލިއަން ޑޮލަރުގެ ދަރަނި ވަނީ ނަގައިފަ އެވެ.

ޗައިނާ އިން ގިނަ ގައުމުތަކަކަށް ލޯނު ދޫކޮށްފައިވާ އިރު ބައެއް ގައުމުތަކަށް ދަރަނި އަދާކުރަން އުނދަގޫތަކާ ކުރިމަތިވެ 52 ބިލިއަން ޑޮލަރުގެ ލޯނު ރީނެގޯޝިއޭޓު ކޮށްފައިވެ އެވެ. ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިތައް ހޯދަމުން އަންނަ އެއް ގައުމަކީ އިގްތިސާދު ބަނގުރޫޓުވެފައިވާ ލަންކާ އެވެ. ތާވަލާ އެއްގޮތަށް ލޯނު ނުދެއްކުމުގެ ސަބަބުން ޗައިނާ އަށް ވެސް ބޮޑެތި މާލީ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ