Roadha Mihaaru
ރާއްޖެއަށް ލޯނު ދެނީ ޝަރުތަކާ ނުލައި: ޗައިނާ ސަފީރު

ދަރަނީގެ މަޅިއަކީ ޚިޔާލީ ވާހަކައެއް، ލޯނު ދެނީ ޝަރުތަކާ ނުލައި: ޗައިނާ ސަފީރު

17 ސެޕްޓެމްބަރ 2020

ރާއްޖެ އާއި އެހެން ގައުމުތަކަށް ވެސް ޗައިނާ އިން ލޯނު ދެނީ ވަކި ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށާއި ލޯނު ނަގާ ގައުމަކުން ނުރުހޭ ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖެ އާއި އެހެން ގައުމުތަކަށް ވެސް ޗައިނާ އިން ލޯނު ދެނީ ވަކި ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށާއި ލޯނު ނަގާ ގައުމަކުން ނުރުހޭ ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ލޯނުތަކުން ތަރައްގީކޮށްފައިވާ އިންފްރާސްޓްރަކްޗާތަކާ ބެހޭ ގޮތުން ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ދެއްވި އިންޓަވިއުއެއްގައި ޖަންގް ވިދާޅުވީ ރާއްޖެ ޗައިނާގެ ދަރަނީގެ މަޅީގައި ޖެހިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އެއީ ޚިޔާލީ ވާހަކައެއް ކަމަށެވެ.

"ޗައިނާ އިން ދިވެހިރާއްޖެ އަށް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމަކަށް ވެސް އެ ގައުމަކުން ނޭދޭ ކަމަކަށް މަޖުބޫރެއް ނުކުރަން،" ސަފީރު ވިދާޅުވި އެވެ.

ބީބީސީގެ ރިޕޯޓަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ޗައިނާ އަށް ރާއްޖޭން ދައްކަން ޖެހޭ ދަރަނި 3.1 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ސަފީރު ޖަންގް ވަނީ އެއީ މިނަށް ވުރެ މާ ބޮޑުކޮށްގެން ދައްކާ އަދަދެއް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 3.1 ބިލިއަނަށް އަރާ ކަމަށާއި އެކަމަކު ލިޔެކިޔުމުން ފެންނަން އޮތީ 1.1 ބިލިއަން ޑޮލަރުގެ ލޯނު ކަމަށެވެ. ނަމަވެސް ނަޝީދުގެ މި ވާހަކަ އަށް ބާރު ދޭ ލިޔެކިޔުމެއް ދައްކަވާފައި ނުވާކަން ބީބީސީން ފާހަގަކޮށްފައިވެ އެވެ.

މި ޕްރޮޖެކްޓްތަކުން، ދަރަނި އަދާކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެތަ؟ މިއިން އެއްވެސް ޕްރޮޖެކްޓެއްގެ ބިޒްނަސް ޕްލޭނަކުން ނެތް މިއީ ލޯނު އަދާކުރެވޭ ވަރުގެ އާމްދަނީއެއް ހޯދިދާނެ ތަންތަން ކަމަކަށް: ނަޝީދު

ޗައިނާ އިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ބީބީސީ އަށް ވިދާޅުވީ ރާއްޖޭގައި ޗައިނާ އާއި ރާއްޖޭގެ ޕާޓްނަރުން ގުޅިގެން ވަރަށް ގިނަ ރަށްރަށުގައި ހޮޓާތައް ތަރައްގީކުރަމުން އަންނަ ކަމަށާއި އެކަމާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މިއީ ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމެއް. މިވަރުގެ އިންވެސްޓްމަންޓްތަކަށް ދިވެހި ޕާޓްނަރުންނަށް ފައިސާއެއް ނުލިބޭނެ. އެހެންވެ ޗައިނާގެ ޕާޓްނަރުން މި ރަށްތަކުގެ [ހިއްސާ] ހަމަ ކޮންމެ ވަގުތަކު ވެސް ގަނެފާނެ. މި ރަށްތައް އެ [ޗައިނާގެ ޕާޓްނަރުންނަށް] ވަރަށް އަވަހަށް އެއްކޮށް ލިބިގެންދާތަން އަޅުގަނޑަށް އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.

މިކަމަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވީ މިއީ ވިޔަފާރީގެ ބޭނުން ނޫން އެހެން ނިޔަތެއްގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ރައީސަށް ފަހަރެއްގައި ރަނގަޅު މައުލޫމާތު ލިބިވަޑައިގެންފައި ނުވަނީ،" ސަފީރު ވިދާޅުވި އެވެ.

"ލޯނުތައް މި ދެނީ ޝަރުތެއް ކޮށްފައެއް ނޫން. އެކަން އެހެންނެއް ނުހިނގާ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެހެންނެއް ނުވާނެ."

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ބީބީސީގެ ރިޕޯޓްގައި ނަޝީދަށް ރައްދު ދެއްވައި ވިދާޅުވީ އެއީ "އަސާސެއް ނެތް، ބިރު ދެއްކުމުގެ ވާހަކަތަކެއް" ކަމަށެވެ.

"އެންމެ ރަށެއް ވެސް ޗައިނާ އަށް ދީފައެއް ނޯންނާނެ،" ކުރީގެ ސަރުކާރުން ޗައިނާއާ އެކު އޮތް ގުޅުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

ޗައިނާ އަށް އޮތް ދަރަންޏާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި ލޯނު އަދާނުކުރެވި ސްރީ ލަންކާ އަށް ދިމާވި ގޮތް ރާއްޖެ އަށް ވެސް ވުން އެކަށީގެންވެ އެވެ.

"މި ޕްރޮޖެކްޓްތަކުން، ދަރަނި އަދާކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެތަ؟ މިއިން އެއްވެސް ޕްރޮޖެކްޓެއްގެ ބިޒްނަސް ޕްލޭނަކު ނެތް މިއީ ލޯނު އަދާކުރެވޭ ވަރުގެ އާމްދަނީއެއް ހޯދިދާނެ ތަންތަން ކަމަކަށް،" ފީޒިބްލް ނޫން ކަންކަމަށް ބޮޑެތި ލޯނު ނަގާފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ސްރީ ލަންކާ އަށް ދިމާވި ގޮތް ކަމަށް ނަޝީދު އިޝާރާތްކުރައްވާފައި އެ ވަނީ ޗައިނާ އިން ނެގި 1.5 ބިލިއަން ޑޮލަރުގެ ލޯނަކަށް ލަންކާގެ ހަމްބަންޓޯޓާގައި ހެދި ބަނދަރަށެވެ. އެތަން ހަދަން ނެގި ލޯނު ނުދެއްކިގެން ލަންކާ ސަރުކާރުން 2017 ގައި ވަނީ އެ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް ދީފަ އެވެ.

މީގެ އިތުރުން ބަނދަރު ކައިރިން 15،000 އޭކަރުގެ ބިން ޗައިނާގެ އިކޮނޮމިކް ޒޯނެއް ހަދަން ވަނީ ދީފަ އެވެ. އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަކުރަން ބަލާއިރު މި ބަނދަރަކީ ޗައިނާ އަށް މުހިންމު ތަނެކެވެ. އެއީ ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު ޝިޕިން ލޭނާއި ގާތްވުމާއި ވާދަވެރި އިންޑިއާއާ އެހާ ކައިރިކަމުންނެވެ.