Roadha Mihaaru
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް

މަސްޖިދުއް ނަބަވީގެ ތަރައްގީ އަށް އާ މަޝްރޫއެއް

25 އޯގަސްޓް 2022

ސައޫދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ވަށައިގެންވާ ސަރަހައްދުން ބައެއް، ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް، އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ އިއުލާންކޮށްދެއްވައިފި އެވެ.

ސައޫދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ވަށައިގެންވާ ސަރަހައްދުން ބައެއް، ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް، އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ އިއުލާންކޮށްދެއްވައިފި އެވެ.

"ރުއާ އަލް މަދީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ނަބަވީގެ އިރުމަތީ ސަރަހައްދުން 1.5 މިލިއަން އަކަމީޓަރުގެ ބިމެކެވެ. މި ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު، މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރާ މީހުންނަށާއި އުމްރާވެރިންނަށް ޚިދުމަތް ދިނުމަށް އަލަށް އިމާރާތްކުރާ ޓޫރިސްޓް ހޮޓާތަކުގައި ޖުމްލަ 47000 ކޮޓަރި ހުންނާނެ އެވެ.

ސައޫދީ ސަރުކާރުން ބުނި ގޮތުގައި "ރުއާ އަލް މަދީނާ" މަޝްރޫއުގެ ދަށުން މި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު، ދުވާލަކު 149000 މީހުންނަށް މަސްޖިދުއް ނަބަވީ އަށް ޒިޔާރަތް ކުރުމުގެ މަގު ތަނަވަސްވާނެ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޓޫރިސްޓު ހޮޓާތަކާއި ހައުސިން ޔުނިޓްތަކާއި ވިޔަފާރި ޔުނިޓްތަކުން، ޖުމްލަ 93000 ވަޒީފާ އުފެދޭނެ އެވެ.

ރުއާ އަލް މަދީނާ މަޝްރޫއުގެ ދަށުން، މަދީނާގެ އެތެރޭގައި ދަތުރުކުރުމަށް ހަމަޖައްސާ މެޓްރޯއެއް

ރުއާ އަލް މަދީނާ މަޝްރޫއުގެ ދަށުން، މަދީނާގެ އެތެރޭގައި ދަތުރުކުރުމަށް ހަމަޖައްސާ މެޓްރޯއެއް

ރުއާ އަލް މަދީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެންމެ މުހިންމު އެއް ބަޔަކީ، މަސްޖިދުއް ނަބަވީގެ އިރުމަތީ ފަރާތަށް އިތުރު ކުރާ ބައެވެ. އެބައި ތަރައްގީކޮށް ނިމުމުން، އަހަރެއްގެ ތެރޭގައި އުމްރާ އަށް އަންނަ މީހުންގެ އަދަދު 30 މިލިއަނަށް އިތުރުވެގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 1.5 މިލިއަން އަކަ މީޓަރުގެ ސަރަހައްދުން ގާތްގަނޑަކަށް 63 ޕަސެންޓް އޮންނާނީ ގަސް އިންދާފައިވާ ހާމަ ސަރަހައްދެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ ބަސްތަކަށް ހާއްސަ ނުވަ ބަސް ސްޓޮޕް ހުންނާނެ އެވެ.

އެއާ އެކު މެޓްރޯ (ކަރަންޓުން ދުއްވާ ރޭލު) ސްޓޭޝަނަކާއި، އަމިއްލަ އެއްގަމު އުޅަނދުތައް ދުއްވުމަށް ހާއްސަ މަގުތަކަކާއި އިމާރާތްތަކުގެ ބިންގަރާސްތަކުގައި ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ އެވެ. މަސްޖިދުއް ނަބަވީގެ އިރުމަތީ ސަރަހައްދަށް އާ އިމާރަތްތައް އިތުރުވެގެންދާ އިރު، އިމާރާތްތަކާއި ހުސް ބިންތައް ފަރުމާ ކުރެވިފައިވަނީ، އެއިން ކޮންމެ ތަނަކުން ވެސް، ފަސޭހަކަމާ އެކު މަސްޖިދުއް ނަބަވީ އަށް ވަދެނުކުމެވޭނެ ގޮތަށެވެ.

ސައޫދީ ސަރުކާރުން ބުނާ ގޮތުގައި ރުއާ އަލް މަދީނާ މަޝްރޫއު ކުރިއަށް ދާނީ، މަދީނާގެ ސަގާފީ އަދި އާސާރީ އުމްރާނީ ތަރިކަ ރައްކާތެރިކުރެވޭ ގޮތަށެވެ. އޭގެ އިތުރުން ކީރިތި ރަސޫލާ އާއި އެކަލާގެފާނުގެ ސަހާބީންގެ ޙަޔާތްޕުޅާ ގުޅުން ހުރި ތާރީޚީ ބައެއް ތަކެތި، މި މަޝްރޫއު ފުރިހަމަވާ އިރު، އާންމުންނަށް ފެންނާނެ ގޮތް ހަމަޖެހިގެންދާނެ އެވެ.