Roadha Mihaaru
ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނަށް ހުޅުވާލައިފި

އޭވިއޭޝަން އެކަޑަމީން ރިފްރެޝާ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

01 އޯގަސްޓް 2022

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ލޯނުގެ އެހީ ބޭނުންވާ ނަމަ، އެކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ލޯނުގެ އެހީ ބޭނުންވާ ނަމަ، އެކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތަށް ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުން އައި ދަރިވަރުންގެ ތެރެއިން، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގައި އެ ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަން ޖެހޭ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

އެ ލޯނަށް އެދި ފޯމު ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި މި މަހު 15 ގެ ކުރިން ލޯނަށް ކުރިމަތިލާން ޖެހެ އެވެ.

މިނިސްޓްރީން ބުނީ ރިފްރެޝާ ކޯހުގައި މިހާތަނަށް 65 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 35 ދަރިވަރަކު މިހާތަނަށް އެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރިފްރެޝާ ކޯސް ހަދަން ޖެހުނީ އައްޑޫގައި ކުރިން ހިންގި ފްލައިން ސްކޫލް ކަމަށްވާ އޭއޭއޭގެ މައްސަލަ ބޮއްސުންލައި އެތަން ބަންދުކުރިއިރު، ކޯސް ފުރިހަމަނުކޮށް ތިބި ދަރިވަރުންނެވެ. އެތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަނުވެ، ކިޔަވަން ނެގި ލޯނު ހުސްވެ، އަލުން ލޯނު ނަގަން ޖެހި އެތައް މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.

އޭގެފަހުން އައިލެންޑް އޭވިއޭޝަން އާއި އެމްއެންޔޫ ގުޅިގެން މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ނަމުގައި އާ ފްލައިން ސްކޫލެއް ހުޅުވައި މި އަހަރު ކިޔަވައިދޭން ފެށި އެވެ. އަދި އޭއޭއޭގައި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކަށް އެ އެކެޑަމީން ކިޔަވަން ފުރުސަތު ދިނެވެ.

އެ އެކަޑަމީއަކީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ގުޅިގެން ހިންގާ ފްލައިން ސްކޫލަކަށް ވާތީ އެތަން ހިންގާނީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކުގެ އިތުރުން ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

އޭވިއޭޝަން އެކަޑަމީން އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް ކަމަށާއި އެ އަށް ފަހު ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ބުނެފައިވެ އެވެ.