Roadha Mihaaru
ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކެއް!

ހަރަދު ބޮޑުވާތީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކެއް!

09 ޖޫން 2022

މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ނަމުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ހަރަދު ބޮޑުވާ ގޮތަށް ކޯހުގެ އުދުހުމުގެ ވަގުތު އަނެއްކާ ވެސް އިތުރުކޮށްފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީގެ ނަމުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ހަރަދު ބޮޑުވާ ގޮތަށް ކޯހުގެ އުދުހުމުގެ ވަގުތު އަނެއްކާ ވެސް އިތުރުކޮށްފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސްރީލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލް ބަންދުކުރުމުން، ކިޔެވުން ނުނިމި ތިބި 35 ދަރިވަރުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަންނަނީ އެ އެކެޑަމީގައި ކިޔަވަމުންނެވެ. އެ ދަރިވަރުން އަލުން ކިޔެވުން ފެށީ، ފެންވަރު ބެލުމުގެ ގޮތުން ހަދަން ޖެހޭ 150 ގަޑިއިރުގެ ތިއަރީ އާއި 10 ގަޑިއިރުގެ ފްލައިން ހިމެނޭ "ރިފްރެޝާ" ކޯހަކުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ "ރިފްރެޝާ" ކޯހުގެ ތިއަރީ ބައި ނިމި، ކިޔެވުން ފެށިތާ ފަސް މަސް ފާއިތުވީއިރު ވެސް އަދިވެސް އެ ކޯހުގެ އުދުހުމުގައި ބައެއް ނުފެށެ އެވެ. އުދުހުމުގެ ބައި ފަށަން އެކި ތާރީހުތައް ދެމުން އައިސް، އެ ދުވަސްތައް ފާއިތުވެގެންދިޔައިރު، އުދުހުމުގެ ގަޑިއިރު ހަމަކުރަން ޖެހޭ ދަރިވަރުން މިހާރު ތިބީ ވާނުވާގައި ކަމަށް އެ ކުދިން ބުނެ އެވެ.

ފްލައިން ސްކޫލު ހިންގުމުގެ ޖޮއިންޓު ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިލެންޑު އޭވިއޭޝަންގެ އެމްޑީ މިހާދު (ކ-2) އާއި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފު (ވ-2) އަދި އެ ދެ ތަނުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފްލައިން ސްކޫލު ހިންގުމުގެ ޖޮއިންޓު ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އައިލެންޑު އޭވިއޭޝަންގެ އެމްޑީ މިހާދު (ކ-2) އާއި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފު (ވ-2) އަދި އެ ދެ ތަނުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އުދުހުން ފަށާ ދުވަސް ކަމަށް ބުނެ މޯލްޑިވިއަނުން އެކި ފަހަރު މަތިން، އެކި ތާރީހުތައް ދިނުމުން ބައެއް ދަރިވަރުން މިހާރު ވެސް ތިބީ އައްޑު އަށް ގޮހެވެ. އެންމެ ފަހުން ތާރީހެއްގެ ގޮތުގައި ދިނީ އެޕްރީލް 27 އެވެ. ދަރިވަރުން ބުނި ގޮތުގައި، އޭގެ ފަހުން މިހާރު މަހެއް ފާއިތުވީއިރު ވެސް އަދި ވާގޮތެއް ނާންގަ އެވެ.

ފްލައިން ސްކޫލްގެ ދަރިވަރަކު "މިހާރު" އަށް ބުނީ، އެތަނުން ކުރިން ބުނަމުން އައީ އޭއޭއޭގައި ކިޔެވި ދަރިވަރުންނަށް، އެ ކުދިންގެ ކޯސް މެދުކެނޑުނު ހިސާބުން ފަށައިގެން ކިޔެވޭނެ ކަމަށެވެ. އޭއޭއޭ އިން ކިޔެވި ދަރިވަރުންގެ ތެރޭގައި އެ ކޯސް ފުރިހަމަ ކުރަން ބާކީ މަދު ގަޑިއިރުތަކެއް އޮތް ކުދިން ވެސް ހިމެނެ އެވެ. ނަމަވެސް، "ރިފްރެޝާ" ކޯސް ފެށުނު ފަހުން، މޯލްޑިވިއަނުން އެންގީ 50-100 އުދުހެން ހުރިހާ ކުދިންނަށް ވެސް މަޖުބޫރު ކަމަށެވެ.

"އުދުހޭ ވަގުތު އިތުރުވީމަ ކުދިންގެ އަތުން އަނެއްކާ ވެސް ބޮޑު ހަރަދެއް ހިންގާނެ. ކުރިން ކިޔަވައިފައި، ފްލައިކޮށްފައި ތިބި ކުދިންނަށް އަސްލު އެއީ ފެއާ ގޮތެއް ނޫން،" އޭނާ ބުންޏެވެ.

"އެއްވެސް ކުއްޖަކު ވަގުތު އިތުރުކުރުމާ ދެކޮޅެއް ނޫން، އެއީ އެހާ ގިނަ ދުވަހު ކޯސް މެދުކެނޑިފައި އޮވެފައި އަލުން ފެށީމަ ވާނެ ވެސް ގޮތް. ކުދިން ދެކޮޅުވެގެން އުޅެނީ، ކޯސް ނިންމަން ވަރަށް މަދު ގަޑިއިރުތަކަށް ފްލައިކުރަން ޖެހިފައި ތިބި ބައެއް ކުދިންނަށް ވެސް، ކޯސް އަލަށް ފަށައިގެން އުދުހެން ޖެހުމާ އެއްވަރަށް އަނެއްކާ ވެސް އުދުހެން މަޖުބޫރުކުރުމުން. އަދި އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ."

އެ ކުދިން ބުނި ގޮތުގައި، ހަރަދު ބޮޑުވުމުގެ އިތުރުން، އެއީ މިހާރު ވެސް ކިޔެވުން ނުނިމި އެތައް އަހަރެއް ބޭކާރުވެފައި ތިބި ކުދިންނަށް ބޭކާރުވެގެންދާނެ ދުވަސްތަކެއް ކަމަށެވެ.

ރިފްރެޝާ ކޯހަށް ކޮންމެ ދަރިވަރެއްގެ އަތުން 1،500 ޑޮލަރު (23،152ރ.)ގެ ފީއެއް ނެގި އެވެ. އެކަމަކު، އުދުހޭ ގަޑިއިރު އިތުރުކުރުމާ އެކު، އެއަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ދަރިވަރުން ބުންޏެވެ.

ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މެނޭޖު ކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. އެ އެކަޑެމީ ހެދީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.

އުސޫލުގައި އޮންނަ ވަރަށް ވުރެ ވަގުތު އިތުރެއް ނުކުރޭ: މޯލްޑިވިއަން

ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، ޕައިލެޓް ކޯހުގެ ސިލަބަސް ހެދުމާއި ބަދަލުކުރުމަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދާ ކަމެއް ކަމަށާއި، އެ އިދާރާގެ އުސޫލުގައި އޮންނަ ވަރަށް ވުރެ، އެ ކޯހުގެ އުދުހޭ ވަގުތު އިތުރުނުކުރާ ކަމަށެވެ.

"އިތުރުކުރުން ނުވަތަ މަދުކުރުމަކީ ވެސް އައިލެންޑް އޭވިއޭޝަންގެ އިހުތިޔާރުގައި އޮންނަ ކަމެއް ނޫން،" ޖެނިފާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ޕްރެސްއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އުސޫލުގައި އޮންނަ ވަރަށް ވުރެ ޕައިލެޓް ކޯހުގެ އުދުހޭ ވަގުތު އިތުރު ނުކުރާ ކަމަށް -- ފޮޓޯ: މިހާރު

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ޕްރެސްއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އުސޫލުގައި އޮންނަ ވަރަށް ވުރެ ޕައިލެޓް ކޯހުގެ އުދުހޭ ވަގުތު އިތުރު ނުކުރާ ކަމަށް -- ފޮޓޯ: މިހާރު

އޭއޭއޭގައި ދަރިވަރުން ކިޔެވިއިރު، އުދުހުނު ވަގުތައް މިހާރު ނުބަލަނީތޯ ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ، "ސިވިލް އޭވިއޭޝަނުން އަންގާ ގޮތަކަށް އަޅުގަނޑުމެން ކަންކަން ކުރާނީ" ކަމަށެވެ. އަދި ދަރިވަރުން ކުރިން އުދުހިފައި ހުރި ކޮންމެ ގަޑިއިރެއް، އެއީ އުދުހުނު ވަގުތުގެ ގޮތުގައި "ރިކޮގްނައިޒް ކުރާނެ" ކަމަށް ވެސް ވިދާޅުވި އެވެ.

އުދުހުން ނުފެށި ލަސްވާ ސަބަބާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެއާކްރާފްޓް ޓެކްނިކަލް ކަންކަމަކީ ބައެއް ފަހަރު ހައްލުކުރަން އެހާ ފަސޭހަ ކަންކަން ނޫން ކަމަށާއި ޔޫރަޕްގެ ބަޔަކާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެހެންވެ ކަމަށެވެ. އަދި އެހެންވިޔަސް، އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"މުހިންމީ ކަންކަން ކުރާއިރު ރަނގަޅަށް ކުރުން. އައިލެންޑް އޭވިއޭޝަން އިން އިސްކަންދޭނީ ކުދިންގެ ރައްކާތެރިކަމަށް،" އޭނާ ވިދާޅުވި އެވެ.

"އިތުބާރު ހިފޭ ލެވަލް އަށް ޓެކްނިކަލް އަދި ސޭފްޓީގެ ކަންކަން ދިޔައިމަ ނޫނީ އަޅުގަނޑުމެން ސްކޫލް ނުހުޅުވާނަން."