Roadha Mihaaru
ފްލައިން ސްކޫލްގެ ދަރިވަރުންނަށް ރައީސްގެ ހައްލެއް

ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އަލުން ފެށުމަށް ރައީސްގެ ހައްލެއް

10 އޮކްޓޯބަރ 2021

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކް ގުޅިގެން ފްލައިން ސްކޫލެއް ހިންގަން ތައްޔާރުވެ، މައްސަލަ ބޮޑުވި ފްލައިން ސްކޫލުގެ ދަރިވަރުންނަށް އަންނަ ޑިސެމްބަރު މަހު ކޯސް އަލުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކް ގުޅިގެން ފްލައިން ސްކޫލެއް ހިންގަން ތައްޔާރުވެ، މައްސަލަ ބޮޑުވި ފްލައިން ސްކޫލުގެ ދަރިވަރުންނަށް އަންނަ ޑިސެމްބަރު މަހު ކޯސް އަލުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވައިފި އެވެ.

މި ޔަގީންކަން ދެއްވީ، އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔެވުން ފުރިހަމަ ނުވެ އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަރިވަރުންނާ ރައީސް ބައްދަލުކުރައްވަ އެވެ.

ރައީސްގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު"އަށް ވިދާޅުވީ އޭއޭއޭގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެވި ދިގުލައިގެން ގޮސް ކުރިމަތިވެފައިވާ ދަތިތައް ދަރިވަރުން އެ ބައްދަލުވުމުގައި ރައީސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ 18 މަސް ދުވަހުން ނިމޭ ކޯސް ނުނިމި، ތިން ހަތަރު އަހަރުވުމުގެ ސަބަބުން، އެ ދަރިވަރުން ކިޔެވުމަށް ނެގި ލޯނު އިތުރަށް ބޮޑުވެގެން ދިއުމެވެ. އަދި އެކަމުގެ ސަބަބުން އެހެން ގައުމަކުން ކޯސް ފުރިހަމަކުރުމަށް ވެސް އެ ކުދިންނަށް ފުރުސަތު ނުލިބުމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރެއްވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެހެންވެ، މިހާރު އޮތް ގޮތުން ކުރިއަށް ދިއުމަށް ހައްލެއް ނުފެންނާތީ ދަރިވަރުން ރައީސްގެ ކިބައިން އެދުނީ ސަރުކާރުން އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ ހާލަތަށް ދަރިވަރުން ވައްޓާލުމުން އޭއޭއޭގެ މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ވެސް ދަރިވަރުން ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ބޮޑެތި ލޯނުތައް ނަގައިގެން ވެސް ކޯސް ފުރިހަމަ ނުކުރެވި ހާލުގައި ޖެހިފައިވާކަމުގެ ކަަންބޮޑުވުންތައް ހިއްސާކުރުމުން ރައީސް ވަނީ އެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށާއި އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނާއި ޗެކް ރިޕަބްލިކް ގުޅިގެން ވަނީ އައްޑޫ ފްލައިން ސްކޫލު އިންސްޕެކްޓްކޮށްފައި ކަމަށެވެ. އިންސްޕެކްޝަނުގެ ދަށުން އެ ސްކޫލުގައި ގެންގުޅޭ ހަ އެއާކްރާފްޓެއް މަރާމާތުކުރަން ޖެހިފައިވާކަން ފާހަގަކުރެވުނެވެ. އެކަމަކު އެއާކްރާފްޓް މަރާމާތުކުރެވެން އޮތީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ސްޕެއާތަކެއް ގެނެސްގެން ކަމަށާއި އެ ސާމާނު ގެނެސް ޑިސެމްބަރު މަހުގެ ތެރޭގައި އެ ހަ އެއާކްރާފްޓް ވެސް ބޭނުންކުރަން ފެށޭނެ މަބްރޫކް ވިދާޅުވި އެވެ.

ދަރިވަރުންގެ ލޯނާ ގުޅޭ ގޮތުން ހިއްސާކުރެއްވި ކަންބޮޑުވުމާ ގުޅިގެން ރައީސް ވަނީ ދަރިވަރުންގެ ލޯނު ލުއިކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަމީރުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ބައިވެރިވި އެވެ.

އޭއޭއޭ ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ. ނަމަވެސް ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެފަދަ ސަބަބުތަކާ ހުރެ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން މިދިޔަ މަހުގެ ތެރޭގައި ވަނީ އުވާލައިފަ އެވެ.

އެ ސްކޫލުގައި ކިޔަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް އެވިޑުން ބުނި ނަމަވެސް އެއްބަސްވުން އުވާލިއިރު ވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފައެއް ނުވެ އެވެ. ކިޔެވުން ކުރިއަށް ނުދާތީ ދަރިވަރުން ތިބީ ގޮތް ހުސްވެފަ އެވެ.