Roadha Mihaaru
ފްލައިން ސްކޫލަށް ޔުނިވާސިޓީން ދެ މިލިއަން ޑޮލަރު

ފްލައިން ސްކޫލު ގާއިމުކުރަން އެމްއެންޔޫ އިން ދެ މިލިއަން ޑޮލަރު ހަރަދުކުރަނީ

17 ނޮވެމްބަރ 2021

އައްޑޫގައި ފްލައިން ސްކޫލެއް ހިންގުމަށް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ފްލައިން ސްކޫލެއް ހިންގުމަށް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދު ކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއްޔެ ބުނެފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވިދާޅުވީ، ފްލައިން ސްކޫލަށް އިންވެސްޓް ކުރަނީ ގައުމީ ޔުނިވާސިޓީން އެކަނި ކަމަށެވެ. އެކަން ކުރާއިރު ރިސްކު އެސެސްމަންޓެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލައިން ސްކޫލު ހިންގުމަށް އެމްއެންޔޫ އާއި ސަރުކާރުގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާ ޖޮއިންޓު ވެންޗާ ކުންފުންޏެއް އުފެއްދުމަށް މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. އެ ތަން ހިންގާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

އޭގެ ފަހުން، މޯލްޑިވިއަން އިން ވަނީ ތިން އަހަރަށް ވަސީލަތްތައް ކުއްޔަށް ހިފުމަށް ގަން އެއާޕޯޓާއެކު ސޮއިކޮށްފަ އެވެ.

ޑރ. ޝަރީފް ވިދާޅުވީ ފްލައިން ސްކޫލުގެ އެއްބަސްވުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދާ ނަމަ އެއީ ރަނގަޅު ވެންޗާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ފައިދާވާނެ ކަމަށް ބެލެވެނީ 3-4 އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިސްބަތުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ދެ މިލިއަން ޑޮލަރު ވިޔަސް ބޮޑު އެއްޗަކަށް ޔުނިވާސިޓީން ބަލަނީ. އޭގެ ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވާނެ ދެއްތޯ. ފަހުން ރަނގަޅުވާނެ ކަމަށް ގަބޫލުކުރަނީ،" ޑރ. ޝަރީފު ވިދާޅުވި އެވެ.

އައްޑޫ ގަން އެއާޕޯޓުގައި ފާއިތުވި 10 އަހަރު ފްލައިން ސްކޫލު ހިންގަމުން ދިޔައީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެވެ. ނަމަވެސް، އެ ތަން ހިންގަމުން ދިޔަ ގޮތާއި ތަފާތު އެކި މައްސަލަތަކާ ހެދި، އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން އެ އެއާޕޯޓު ހިންގާ ކުންފުނިން ނިންމީ އެވެ. އާ ފްލައިން ސްކޫލުގައި އަންނަ މަހުގެ ތެރޭގައި ކިޔަވައިދެން ފަށާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. އާއްމުކޮށް ހުޅުވާލައިގެން ފަށާ ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.