Roadha Mihaaru
މަންކީޕޮކްސްގެ ޓެސްޓް ކިޓާއި ވެކްސިން ހޯދަނީ

މަންކީޕޮކްސްއަށް ޓެސްޓްކުރާނެ ސާމާނާއި ވެކްސިން ހޯދުމުގެ މަސައްކަތް އެބަ ކުރަން: އެޗްޕީއޭ

24 ޖުލައި 2022

ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ މަންކީޕޮކްސް ރާއްޖޭގައި ވެސް ފެތުރުމުގެ ފުރުސަތު އޮތުމާ އެކު ބައްޔަށް ޓެސްޓްކުރާނެ ވަސީލަތްތަކާއި ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައިވާ މަންކީޕޮކްސް ރާއްޖޭގައި ވެސް ފެތުރުމުގެ ފުރުސަތު އޮތުމާ އެކު ބައްޔަށް ޓެސްޓްކުރާނެ ވަސީލަތްތަކާއި ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ގައުމުތަކުގައި ހަލުވިކަމާ އެކު މަންކީޕޮކްސް ފެތުރެން ފެށުމާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ މަންކީޕޮކްސް އައުޓްބްރޭކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުންދާ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައި ވަނީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންގެ ދަށުން ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ އާދަޔާ ހިލާފަށް ފެތުރިދާނެކަމުގެ ބިރު އޮތް ބަލިމަޑުކަމަކަށް ވާތީ ދުނިޔޭގެ ހުރިހާ ގައުމަކުން ސަމާލުކަންދީގެން ކޮންޓްރޯލްކުރަން އިޖާބަދޭންޖެހޭ ހާލަތްތަކުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރުމަށް ފަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކުގައި ކަމަށް ބުނެފަ އެވެ. އަދި ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކަށް ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އަލަށް މި ބަލި ފެނުނު ގައުމުތަކުގައި ފެތުރެމުން ދަނީ ކުރިން ފެތުރިފައިވާ ގައުމުތަކާ ތަފާތު ގޮތަކަށެވެ. އާންމު ގޮތެއްގައި ގިނައިން ފެތުރިފައި ވަނީ ފިރިހެނުންގެ މެދުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

"މި ބަލި އާންމުކޮށް ފެތުރެނީ ފިރިހެނުންގެ މެދުގައި، ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގަ އެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވެ އެވެ،" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ވަކި ޖަމާއަތެއްގެ މެދުގައި ބަލި ފެތުރި އަދި ހާލު ބޮޑުވާ މިންވަރު ކުޑަ ނަމަވެސް ބަލި ފެތުރޭ ގޮތް ތަފާތުވުމާއި ގިނަ ގައުމުތަކެއްގައި ބަލި ހަލުވިކަމާ އެކު ފެތުރިގެން ދިއުމަކީ ޑަބްލިއުއެޗްއޯއިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިވަގުތު ބައްޔަށް ޓެސްޓްކުރެވޭނެ ގޮތްތަކާއި ފަރުވާކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިން ފަދަ ވަސީލަތްތައް ވަރަށް މަދު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ދުނިޔޭގައި ބަލި ފެތުރެން ފެށުމާ އެކު މޮނިޓާކޮށް އެ ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ފަށާފައި ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.

"ސާވެއިލެންސް ހަރުދަނާކުރުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާ އެކު ވެކްސިނާއި ބޭހާއި ލިބޭނެ ގޮތްތައް މިދަނީ ބަލަމުންނެވެ،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ދުނިޔޭގައި އެ ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު ރާއްޖެއަށް ވެސް ބަލި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެ ބަލި ފެތުރުމުގެ ފުރުސަތު އޮތީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށެވެ.

އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވަނީ މަންކީޕޮކްސްގެ އަމާލާތެއް ފެނިއްޖެ ނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށެވެ. ބަލި ކަށަވަރުކުރެވެންދެން އެހެން މީހުންނާ ގައިގޯޅި ނުވެ އެކަހެރިވުން ވަރަށް މުހިއްމު ކަމަށް ވެސް ބުންޏެެވެ.

"ހާއްސަކޮށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ،" ބަޔާނުގައިވެ އެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށާއި މީހުންގެ ތެރޭގައި އުޅޭއިރު ނުވަތަ ބަންދު ތަންތަނުގައި މާސްކް އަޅައިގެން އުޅުމާއި މީހުން އެެއްވާ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

މަންކީޕޮކްސްގެ އައުޓްބްރޭކްތަކުގައި މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ޖުލައި 20 ވަނަ ދުވަހާ ހަމައަށް 72 ގައުމެއްގައި ބަލި ފެތުރި 14،000 އަށް ވުރެ ގިނަ ކޭސް ފެނި، ފަސް މީހަކު އެ ބަލީގައި މަރުވެފައިވެ އެވެ.

މަންކީޕޮކްސްގެ އަލާމާތްތައް:

- ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން.

- ހަމުގައި ބިހި ނެގުން (މި އައުޓްބްރޭކްގައި ގިނައިން ފެންނާނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ބިހިނެގުން.

- ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް. އެއަށް ފަހު ފެންފޮޅަށްވެ ފަޅައިގެންގޮސް ކުރަލާނެ.

- ހުން އައުންފަދަ އަލާމާތްތަކުން ފެށިގެން ގޮސް ބިހި ނަގާ، ކުރަލާ އަދި ކުރައިގެ އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހޭ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.

މަންކީޕޮކްސް މީހުންގެ ގަޔަށް އަރާ ގޮތް:

- ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުން.

- ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުން.

- ބަލި މީހާ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުން.

- މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ، ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ.

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1950 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ އިންނެވެ.