Roadha Mihaaru
ލެވަންޑޯސްކީ ހޯދައި ޑިޔޯން ގޮވައިގެން ބާސާ އެމެރިކާގައި

ލެވަންޑޯސްކީ ހޯދައި، ޑި ޔޯން ވެސް ގޮވައިގެން ބާސާ އެމެރިކާގައި

19 ޖުލައި 2022

މަޔާމީ، އެމެރިކާ (ޖުލައި 18) - މެންޗެސްޓާ ޔުނައިޓެޑްގެ ޓާގެޓް ފްރެންކީ ޑި ޔޯން ގޮވައިގެން އެމެރިކާގައި ޕްރީ ސީޒަން ޓުއާ ގައި ތިބި ބާސެލޯނާ އިން، ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ ސޮއި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މަޔާމީ، އެމެރިކާ (ޖުލައި 18) - މެންޗެސްޓާ ޔުނައިޓެޑްގެ ޓާގެޓް ފްރެންކީ ޑި ޔޯން ގޮވައިގެން އެމެރިކާގައި ޕްރީ ސީޒަން ޓުއާ ގައި ތިބި ބާސެލޯނާ އިން، ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ ސޮއި ހޯދައިފި އެވެ.

ބަޔާން އެކު ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައި، ލެވަންޑޯސްކީ، 33، ބާސެލޯނާއަށް ވިއްކާލަން ބެޔާން އިން އެއްބަސްވީ 50 މިލިއަން ޑޮލަރުގެ އަގަކަށެވެ. ލެވަންޑޯސްކީ ވަނީ މެޑިކަލް ފުރިހަމަކޮށް، ތިން އަހަރު ދުވަހަށް އެ ޓީމަށް ކުޅެން އެއްބަސް ވެފަ އެވެ. އަދި އޭނާ ވަނީ އެމެރިކާގައި ތިބި ބާސާގެ ޓީމާ ގުޅިފަ އެވެ.

މިދިޔަ ސީޒަނުގައި ބެޔާނުން ވިދިވިދިގެން 10 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ދޭން ލެވަންޑޯސްކީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ކުޅުނު 46 މެޗުން 50 ލަނޑު ޖެހި އެވެ. ބޮރޫޝިއާ ޑޯޓްމަންޑުން 2014 ވަނަ އަހަރު ހިލޭ ޓްރާންސްފާގައި ބެޔާނަށް ބަދަލުވެ އޭނާ ވަނީ 374 މެޗުން 344 ލަނޑު ޖަހައިފަ އެވެ. އަދި އޭނާ އަކީ ބަޔާންގެ ލެޖެންޑް ގާޑް މުލާ އަށް ފަހު އެޓީމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ބެޔާން ގައި ހޭދަކުރި މުއްދަތުގައިި ލެވަންޑޯސްކީ ވަނީ އަށް ފަހަރު ބުންޑެސްލިގާ ކާމިޔާބު ކުރުމުގެ އިތުރުން، ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ހަމަ އެއާ އެކު ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ދަ ބެސްޓް" އެވޯޑާއި، ޔޫރަޕުގެ ރަން ބޫޓޫ ދެ ފަހަރު ކާމިޔާބު ކުރި އެވެ. އެންމެ ފަހުން ބޭއްވި ބެލޮންޑިއޯ އެވޯޑުގައި އެންމެ މޮޅު ސްޓްރައިކަރުގެ އެވޯޑް ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

ލެވަންޑޯސްކީ މަޔާމީ ގައި، ބާސެލޯނާގެ ރައީސް ލަޕޯޓާ އާއެކު.-- ފޮޓޯ: ބާސެލޯނާ

ލެވަންޑޯސްކީ މަޔާމީ ގައި، ބާސެލޯނާގެ ރައީސް ލަޕޯޓާ އާއެކު.-- ފޮޓޯ: ބާސެލޯނާ

ލެވަންޑޯސްކީ ހޯދަން ޔޫރަޕުގެ ބޮޑެތި އެހެން ކުލަބުތަކުން މަސައްކަތް ކުރި ނަމަވެސް، ލެވަންޑޯސްކީ ވަނީ އޭނާ ދާން ބޭނުންވަނީ ހަމައެކަނި ބާސެލޯނާއަށް ކަން އެންމެންނަށް ވެސް ސާފު ކޮށްދީފަ އެވެ.

ލެވަންޑޯސްކޯގެ ސޮއި ހޯދުމަށް ފަހު ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވީ، ބާސާ އިން ދެން އެންމެ އިސްކަމެއް ދޭނީ އެޓީމުގެ ޑިފެންސް ވަރުގަދަ ކުރަން ކަމަށެވެ.

"ލެވަންޑޯސްކީގެ ޑީލް އަށް ފަހު، އަހަރެމެންގެ ވިސްނުން ހުރީ ޑިފެންސް ވަރުގަދަ ކުރަން. އަހަރެމެން ލެވަންޑޯސްކީ ހޯދީ ޕީއެސްޖީ އާއި ޗެލްސީއާ ވާދަކޮށް، އަދި އޭނާ ވެސް ބޭނުންވީ މި ކުލަބަށް އަންނަން. އަހަރެމެން އޭނާއަށް ޝުކުރު އަދާކުރަން، އެއީ އަހަރެމެންގެ ފަރާތުން އޭނާއަށް ހުށަހެޅީ ކުޑަ މުސާރައެއް،" ލަޕޯޓާ ބުންޏެވެ.

ބެޔާންގައި ލެވަންޑޯސްކީ ކުޅުނީ ހަފްތާއަކު 240,000 ޑޮލަރަށެވެ. ނަމަވެސް ބާސެލޯނާއަށް ސޮއިކުރީ ހަފްތާއަ 180،000 ޑޮލަރު މުސާރައަކަށެވެ. ހަމަ އެއާ އެކު ބާސާގެ ކޮންޓްރެކްޓް ހަމަވެފައިވާ ވިންގާ އުސްމާން ޑެމްބެލޭ ވެސް ވަނީ މުސާރަ ކުޑަކުރަން އެއްބަސްކުރުވައި، އިތުރު ދެ އަހަރުދުވަހުގެ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވައިފަ އެވެ.

ބާސެލޯނާ އިން ވަނީ ލެވަންޑޯސްކީ އާއި ލީޑްސް ޔުނައިޓެޑަށް ކުޅުނު ބްރެޒިލްގެ ވިންގާ ރަފީނިއާގެ އިތުރުން އޭސީ މިލާނުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އާއި ޗެލްސީގެ ޑިފެންޑަރު އަންޑްރެސް ކްރިސްޓިއަންސެންގެ ސޮއި ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ހޯދަން ވެސް ބާސާއިން މަސައްކަތް ކުރެ އެވެ.

ޑި ޔޮން (ކ)، ބާސެލޯނާ ޓީމު އެމެރިކާ އަށް ދަތުރު ކުރި ފްލައިޓުގައި، ފޯވާޑް މެމްފިސް ޑިޕާއި އާއެކު.-- ފޮޓޯ: ބާސެލޯނާ

ޑި ޔޮން (ކ)، ބާސެލޯނާ ޓީމު އެމެރިކާ އަށް ދަތުރު ކުރި ފްލައިޓުގައި، ފޯވާޑް މެމްފިސް ޑިޕާއި އާއެކު.-- ފޮޓޯ: ބާސެލޯނާ

ބާސާގެ ނެދަލެންޑްސް ޑި ޔޯން ވިއްކާލަން މެންޗެސްޓާ ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އާދެވިފައި ވުމާ އެކު ވެސް، ބާސެލޯނާ އެމެރިކާގައި ތިބީ ޑި ޔޮން ވެސް ގޮވައިގެން ގޮހެވެ. ބާސާ އިން ފައިސާގެ ދަތިކަމާ ހުރެ ޑި ޔޯން ވިއްކާލަން އުޅޭކަމަށް އަޑުތައް ފެތުރުނަސް، އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ޑި ޔޯން ނުވިއްކާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ބާސެ އިން ޔުނައިޓެޑާ އެކު 75 މިލިއަން ޑޮލަރުގެ ޓްރާންސްފާ އަގަކަށް އެއްބަސް ވިޔަސް، ބާސެލޯނާ ދޫކޮށްލަން ޑި ޔޯން ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވަނީ ކުލަބުގައި މަޑުކުރާށެވެ. އެކަމަކު ކްލަބަށް ކުޅުންތެރިން އިތުރުކުރެވެން އަންނަނީ ޑި ޔޮންގެ މުސާރަ ކުޑަކޮށްގެން، ނުވަތަ ވިއްކާލައިގެންނެވެ. ޑި ޔޯން އަށް އަންނަ ސީޒަނުގައި މުސާރައިގެ ގޮތުގައި 17 މިލިއަން ޕައުންޑް ދޭންޖެހެ އެވެ. ނަމަވެސް މުސާރަ ކުޑަކުރަން ވެސް ޑި ޔޯން ދެކޮޅު ހަދަ އެވެ.

ބާސާގެ ޓީމު އެމެރިކާގައި ތިބި ނަމަވެސް، ކޯޗު ޒަވީ އަށް ޓީމާ އެކު ދަތުރުކުރެވޭ ގޮތެއް އަދި ނުވެ އެވެ. ސްޕެއިންގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޒަވީގެ ފަރާތުން އިތުރު ލިޔެކިޔުންތަކެއް ހުށަހަޅަން އެދިފަ އެވެ. އެއީ، އޭނާ ގަތަރުގެ ކްލަބް އަލް ސާދްގައި އޭނާ ހޭދަކުރި މުއްދަތުގައި، ތިން ފަހަރެއްގެ މަތިން، އެމެރިކާ އިން ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައިވާ އީރާނަށް ދަތުރު ކޮށްފައި ވާތީ އެވެ.

ޒަވީ ވަނީ 2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލީއްސުރެން، 2019 ގައި އޭނާ ކުޅުން ހުއްޓާލަން ދެން ގަތަރުގެ އަލް ސަދް އަށް ކުޅެފަ އެވެ. އަދި ކުޅުން ހުއްޓާލައި، މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވަންދެން އޭނާ ވަނީ އެޓީމަށް ކޯޗު ކޮށްދީފަ އެވެ.

ސްޕެއިންގެ މީޑީއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ޕާސްޕޯޓުގެ ކަންކަން ހައްލުވެ، ޒަވީ މާދަމާ ޓީމާ ގުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާގައި ޕްރީ ސީޒަން ޓުއާގައި ބާސާއިން، އިންޓަ މަޔާމީ އާއި ރެއާލް މެޑްރިޑާއި ޔުވެންޓަސްގެ އިތުރުން ނިއުޔޯކް ރެޑްބުލްސްއާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.