Roadha Mihaaru

އިންޓަ މެޗަށް ލެވަންޑޮސްކީ ފިޓްވެއްޖެ

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެން، ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ފިޓްވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޓަ މެޗަށް ލެވަންޑޮސްކީ ފިޓްވެއްޖެ

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެން، ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ފިޓްވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ޓީމު ބާސެލޯނާގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގު އޮންނާނީ މާދަމާރޭ މިލާނުގަ އެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު ލެވޮންޑޮސްކީ އިއްޔެ ވަނީ ޓީމާ އެކު ފުލް ޕްރެކްޓިސްކޮށްފަ އެވެ. މާނައަކީ މާދަމާރޭގެ މެޗުގެ ސްކޮޑުގައި އޭނާ ހިމެނޭނެކަން ކަށަވަރުވުމެވެ.

އެކަމަކު އަނިޔާގެ ސަބަބުން އެންމެ ފަހު ހަތަރު މެޗު ނުކުޅެވުނު ފޯވާޑަށް މި މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ހަންސީ ފްލިކް ފުރުސަތު ނުދޭނެ ކަމަށާއި، އޭނާގެ ބޭނުން ހިފާނީ ދެ ވަނަ ހާފުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މެޗުގައި ބާސެލޯނާގެ ފޯވާޑް ލައިން ބަލަހައްޓާނީ ފެރަން ޓޮރޭޒް އެވެ. މި މެޗަށް އޭނާ ތާޒާކޮށް ބެހެއްޓުމަށްޓަކައި ފްލިކް ވަނީ، ސްޕެނިޝް ލީގުގައި ރެއަލް ވަޔަޑޮލިޑް އަތުން 2-1 އިން މޮޅުވި މެޗުގައި އަރާމުކުރަން ފުރުސަތު ދީފަ އެވެ.

ދެ ވަނަ ހާފުގައި އަރަން ވިޔަސް، މި ސީޒަނުގައި ބާސެލޯނާ އަށް 48 މެޗުން 40 ގޯލް ޖަހައިދީފައިވާ ފޯވާޑް ފިޓްވުމަކީ ފްލިކަށް ލިބިފައިވާ ބޮޑު ހިތްހަމަޖެހުމެކެވެ.

އެކަމަކު ބާސެލޯނާގެ ވާތު ބެކް އަލެހަންދްރޯ ބާލްޑޭ އާއި ކަނާތު ބެކް ޖޫލްސް ކޫންޑޭ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. ދެ ކުޅުންތެރިން ނެތްތަން ފޫބައްދާނީ ޖެރާޑް މާޓިން އާއި އެރިކް ގާސިއާ އެވެ.

ފްލިކުގެ އުއްމީދަކީ މީގެ ތެރެއިން ބާލްޑޭ އަށް އަންނަ ހަފުތާގައި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެވުމެވެ.

ބާސެލޯނާގެ އަމާޒަކީ މި ސީޒަނުގައި ތިން ތަށި ހޯދުމެވެ. އޭގެ ތެރެއިން ސްޕެނިޝް ކަޕް މިހާރު ވަނީ ކާމިޔާބުކޮށްފަ އެވެ. ލީގުގައި އެ ޓީމު އޮތީ އެއް ވަނައިގަ އެވެ.