Roadha Mihaaru
އީދުގައި ސްކައުޓް ޔުނިފޯމު ބޭނުންކުރި މައްސަލައެއް!

އީދުގެ ހަރަކާތެއްގައި ސްކައުޓް ޔުނިފޯމު ބޭނުންކުރި މައްސަލަ ކުށްވެރިކޮށް، އިންޒާރު ދީފި

17 ޖުލައި 2022

ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނިފޯމު ބޭނުންކޮށް، އެ ޔުނިފޯމާއި ސްކައުޓް ހަރަކާތަށް ގަދަރުކުޑަވާނެ ގޮތަށް އަމަލު ކޮށްފައިވާތީ އެކަން އެ އެސޯސިއޭޝަނުން ކުށްވެރިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނިފޯމު ބޭނުންކޮށް، އެ ޔުނިފޯމާއި ސްކައުޓް ހަރަކާތަށް ގަދަރުކުޑަވާނެ ގޮތަށް އަމަލު ކޮށްފައިވާތީ އެކަން އެ އެސޯސިއޭޝަނުން ކުށްވެރިކޮށްފި އެވެ.

އެ ރަށުގައި މި ފަހަރުގެ އީދު ފާހަގަކުރަން މާލި ނެރުނުއިރު ސްކައުޓް ޔުނިފޯމު ބޭނުންކުރި އެވެ. މީހެއްގެ ބަނޑެއް ގޮތަށް ހަދާފައިވާ އެ މާލި، ސްކައުޓް ޔުނިފޯމު ލާފައި ހުރި އިރު ހުރީ މޭމަތީގެ ގޮއްތަށް އެކަނި އަޅުވައިގެންނެވެ. އަދި ބަނޑުބޮޑުކަމުން، ބަނޑާ ދިމާލުން ގޮށް ނާޅުވާ ހުރީ ދޫކޮށްލައިފަ އެވެ.

އެ ހަރަކާތުގައި މާލި އަމަލުކުރި ގޮތެއް ސާފެއް ނުވެ އެވެ.

ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ.

އެއީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވާ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް ބަޔާނުގައި ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހި ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.

"ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނިފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުދަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫނެވެ،" ކިނބިދޫގެ އީދު ހަރަކާތެއްގައި ސްކައުޓް ޔުނިފޯމް ބޭނުންކުރި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި އެ އެސޯސިއޭޝަނުން ބުންޏެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ. އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އެސޯސިއޭޝަނުން ދެ އެވެ.

އެ މައްސަލައާ ގުޅިގެން ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން، "މިހާރު" އަށް މިއަދު ވިދާޅުވީ އީދު ފާހަގަކުރުމުގެ ތެރެއިން ސްކައުޓް ޔުނިފޯމު ބޭނުންކޮށްފައި ވަނީ އެ ހަރަކާތަށް ގަދަރުކުޑަކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެ ގޮތަށް އެކަން ހިނގީ އެކި ގޭގެއިން މާލި ހަދައިގެން ނުކުތްއިރު ކަމަށާއި އެއީ ކައުންސިލަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނިފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުދަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫނެވެ،"--- އެސޯސިއޭޝަން

"...އަޅުގަނޑުމެންނަށް ވެސް ފެންނާނީ ރަށުތެރެއަށް [މާލި] ނުކުތީމާ. މާލި ހަދާއިރު ގޭގައި ބޭނުންނުކުރާ އެއްޗެއްސާއި ބާ އެއްޗެހި ލައިގެން ގިނަ ފަހަރަށް މީހުން ނުކުންނަނީ. އެ ގޮތަށް ބޭނުން ނުކުރާ ޔުނިފޯމެއް ލައިގެން ނުކުމެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ވަނީ އެ މީހާއާ ބައްދަލުކޮށް، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްފަ އެވެ. ބާ ޔުނިފޯމެއް އޮތުމުން މާލީގެ ގޮތުގައި ބޭނުންކުރީ ކަމަށާއި ގަދަރުކުޑަ ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކަން ކުރި މީހާގެ ވެސް ނެތް ކަމަށް ކައުންސިލުން ބުންޏެވެ.

"ވަރަށް ކުރިން މި ރަށުގައި ވެސް ސްކައުޓް އޮވޭ. މިހާރު ނޯވޭ. އޭރު ބޭނުންކޮށްފައި އޮތް ޔުނިފޯމެއް ފެނުނީމާ އެ ލައިގެން ނުކުތީ ކަމަށް ވަނީ. ސްކައުޓަށް އިހުތިރާމު ނުކުރާކަށް ނޫނީ އެ ކަހަލަ ކަމެއް ކުރުމުގެ ވިސްނުމަކު ކުރި ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ރާއްޖޭގައި ބޮޑު އީދުގެ ހަރަކާތްތައް ބާއްވާފައިވާއިރު އެކި ރަށްރަށުގައި ވަނީ މާލީ ނެރުން ބާއްވައިފަ އެވެ. ބައެއް ރަށްރަށުގެ ހަރަކާތްތައް ސިޔާސީވެ، ފާޑުކިޔުން ވެސް ކުރިމަތިވި އެވެ.