Roadha Mihaaru
ކިނބިދޫ މޮނިޓަރިންގައި، އީދު ކުޅިވަރުތައް ކުރިއަށް

މޮނިޓަރިންގައި އޮތަސް ކިނބިދޫގައި އީދު ކުޅިވަރުތައް ކުރިއަށް!

22 ޖުލައި 2021

ތ. ކިނބިދޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތުގައި އޮއްވައި މި އަޟްހާ އީދުގެ ކުޅިވަރުތައް ކިނބިދޫގައި ކުރިއަށް ގެންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ތ. ކިނބިދޫން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރަށަށް އަރައިފޭބުން މަނާކޮށް، މޮނިޓަރިންގެ ހާލަތުގައި އޮއްވައި މި އަޟްހާ އީދުގެ ކުޅިވަރުތައް ކިނބިދޫގައި ކުރިއަށް ގެންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާނު "މިހާރު" އަށް މިރޭ ވިދާޅުވީ، މޮނީޓަރިންގައިވާ އެއްވެސް ރަށެއްގައި އީދު ކުޅިވަރު ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ނުވާނެ ކަމަށެވެ.

ނަމަވެސް ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން "މިހާރު" އަށް ވިދާޅުވީ، އެ ރަށުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދަނީ ރަށުގެ ހާލަތާ ގުޅިގެން އެޗްޕީއޭއާ ވާހަކަ ދެއްކުމަށް ފަހު، އެ އިދާރާގެ ލަފާގެ މަތިން ކަމަށެވެ. އަދި ކުޅިވަރުތައް ބާއްވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށުން އަމަލު ކުރުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިނބިދޫން ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާއާ ޑައިރެކްޓް ކޮންޓެކްޓުވި އެއްވެސް މީހެއް ވެސް އަދިި ރަށުން މިހާތަނަށް ނެގި ރެންޑަމް ސާމްޕަލްތަކުން ވެސް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި ރައްޔިތުން ނުރައްކަލަކަށް ހުށަހެޅޭނެ ގޮތަކަށް އަމަލު ކުރުމަށް ކައުންސިލުން ހުއްދަ ނުދޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ކިނބިދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ ތުއްތު ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.