Roadha Mihaaru
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!

އީދު ބަންދާއެކު، މޯލްޑިވިއަން އެއާލައިނަށް ބާރު ބޮޑުވެއްޖެ!

15 ޖޫން 2022

މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ބާރުބޮޑުވެއްޖެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ. ހައްޖު ދުވަހާއި އީދު ދުވަހުގެ މުނާސަބަތުތަކާއި ހަފުތާ ބަންދާއެކު ނުވަ ދުވަސް މި ފަަހަރު ބަންދަށް ލިބެ އެވެ. އީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ 17 ގަ އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން އަތޮޅުތެރޭގެ 14 މަންޒިލަކަށް ދަތުރު ކުރާއިރު، އައްޑޫ ފިޔަވައި އެހެން ހުރިހާ މަންޒިލެއްގެ ދަތުރުތައް އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 އަށް އުޅެނީ ފުލްކޮށެވެ. އައްޑު އަށް ޖުލައި 9 ވަނަ ދުވަހުން ފެށިގެން ޓިކެޓް ލިބެން އަދި އެބަ ހުއްޓެވެ.

ޏ. ފުވައްމުލަކަށް ދިއުމަށް އެންމެ އަވަހަށް ވެސް ޓިކެޓެއް ލިބެން އޮތީ ޖުލައި 21 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ގދ. މާވަރުލަށް ޖުލައި މަސް އެއްކޮށް އޮތީ ފުލްކޮށެވެ.

އައްޑު އާއި ފުވައްމުލަކާއި މާވަރުލުގެ އިތުރުން މޯލްޑިވިއަން އިން މިހާރު ދަތުރު ކުރަނީ ހއ. ހޯރަފުއްޓާއި ހދ. ހަނިމާދު އާއި ހދ. ކުޅުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. އިފުރާއި ޅ. މަޑިވަރާއި ތ. ތިމަރަފުއްޓާއި ލ. ކައްދު އަދި ގދ. ކާޑެއްދު އަށެވެ.

މޯލްޑިވިއަން އިން މިހާރު ވެސް އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރަނީ ފުލް ކެޕޭސިޓީގަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އީދު ބަންދާ ދިމާކޮށް އަތޮޅަކަށް ކުރާ ދަތުރުތަކުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އަދި ކެޕޭސިޓީ އަށް ބެލުމަށް ފަހު، ދަތުރު އިތުރު ކުރާ ނަމަ، އެ ކަންކަން ހަމަޖައްސާނެ ކަމަށާއި ނަމަވެސް މިހާތަނަށް ދަތުރުތައް އިތުރު ކުރަން ނިންމާފައި ނުވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު ގެންގުޅެނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 10 ބޯޓެވެ. މޯލްޑިވިއަން އެއާލައިންގެ ފްލީޓް އިތުރު ކުރުމުގެ ގޮތުން މި އަހަރުގެ ފަހުކޮޅު އޭޓީއާރުގެ ތިން މަތިންދާބޯޓު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއާއެކު އެއާލައިނުން އަޅާ ދަތުރުތައް އިތުރު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ އެއާލައިނުން ބުނެފައި ވެ އެވެ.