Roadha Mihaaru
ބޮޑު ޗުއްޓީ އާއި ބޮޑު އީދު: އަނެއްކާވެސް ބަންދުގައި

ބޮޑު ޗުއްޓީ އާއި ބޮޑު އީދު: އަނެއްކާ ވެސް ބަންދުގައި!

01 ޖުލައި 2021

ކިޔެވުމުގެ ތެރެއިން އެކިއެކި ޗުއްޓީތައް ލިބުނަސް، ކޮވިޑާ ހެދި މާލެއިން ބޭރަށް ނުދެވި ދޮޅު އަހަރުވީ އެވެ. އާއިލާތަކުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ހާއްސަކޮށް މާލޭގެ ތޮއްޖެހިފައިވާ ދިރިއުޅުމުގެ ތެރޭގައި ދަރިން ގެއިން ބޭރަށް ނެރެލަން ވެސް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައި ވަނީ މަދު ދުވަސްކޮޅެކެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކިޔެވުމުގެ ތެރެއިން އެކިއެކި ޗުއްޓީތައް ލިބުނަސް، ކޮވިޑާ ހެދި މާލެއިން ބޭރަށް ނުދެވި ދޮޅު އަހަރުވީ އެވެ. އާއިލާތަކުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ހާއްސަކޮށް މާލޭގެ ތޮއްޖެހިފައިވާ ދިރިއުޅުމުގެ ތެރޭގައި ދަރިން ގެއިން ބޭރަށް ނެރެލަން ވެސް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައި ވަނީ މަދު ދުވަސްކޮޅެކެވެ.

މިހެން ތިއްބާ ދެ ބޮޑު އީދާއި ދެ ބޮޑު ޗުއްޓީ ވެސް، އެއްވެސް އުފަލެއް އަރާމެއް ނެތި ހޭދަވަނީ އެވެ. ހަމަ އެއްކަލަ ކުދިކުދި ތަންތަންކޮޅުގައި، އެ ހާސް ކަމުގެ ތެރޭގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލުތައް ބޮޑު ޗުއްޓީ އަށް ބަންދުވިޔަސް އުފަލެއް ނެތެވެ. ހަގީގަތަކީ، ތެދު ހަދައިގެން މާލެ އިން ބޭރުވެވެގެން އާއިލާތަކަށް ދެވެން ނެތް ކަމެވެ. އަނެއްކޮޅުން، 15 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަކީ ވަރަށް ބޮޑު ވޭނެކެވެ.

ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، ފުރަތަމަ ފަހަރަށް އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމި، ބޮޑު ޗުއްޓީ ފެށުނުއިރު މި ޗުއްޓީގެ ތެރޭގައި ބޮޑު އީދު ވެސް އެބަ ބައްދަލުކުރެ އެވެ. އަންނަ މަހުގެ 19 ވަނަ ދުވަހު ބޮޑު އީދު ފެށޭނެ އެވެ. ސްކޫލު ބަންދާއި ބޮޑު އީދުގައި މި ލިބޭ ބަންދު ވެސް މިފަހަރު ބަންދު މިވަނީ ރަށުގަ އެވެ.

މީގެ ކުރިން މި ޗުއްޓީތަކާ ދިމާކޮށް، ގިނަ ބަޔަކު، އެކި އުޒުރުތައް ދެއްކުމަށް ފަހު، މާލެ ދޫކޮށް ދިޔަ ނަމަވެސް ރަށްރަށަށް ދިއުމަށް ހުއްދަ ނުދޭނެ ކަމަށް، އެޗްޕީއޭ އިން މާ ކުރިން އޮތީ ބުނެފަ އެވެ. އެކަމަކު ވަޒީފާ ގެއްލި މުޅި ދިރިއުޅުން ރަށަށް ބަދަލުކުރަނީ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބަޔަކު މިހާރު ވެސް ރަށަށް ހިނގައްޖެ އެވެ. ތަފާތު އެކި ދޮގު ހަދައިގެން، އެޗްޕީއޭ އަށް ލިޔެކިޔުންތައް ހުށަަހަޅައިގެން ރަށަށް ގިނަ ބަޔަކު ދަނީ އެ މީހުންނަށް ޗުއްޓީގެ ބޭނުން ވަރަށް ބޮޑުވެގެންކަން ޔަގީނެވެ.

ނައިފަރުގައި ބަޔަކު ފުރަން ތައްޔާރުވަނީ--

ނައިފަރުގައި ބަޔަކު ފުރަން ތައްޔާރުވަނީ--

އަނެއް ބަޔަކު ތިބީ ހަމަ އެޗްޕީއޭ އިން ހުއްދަ ނުދޭތީ ރަށަށް ނުދާށެވެ. މަނާކޮށްފައި އޮތް ކަމެއް ކުރަން ބޭނުން ނުވާތީ ރަށު ބަންދެއްގައި އަނެއް ބަޔަކު ތިބިއިރު އެޗްޕީއޭ އިން މިފަހުން ދިން ލުޔަކީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ރަށަށް ދިއުމަށް ހުއްދަ ދިނުމެކެވެ. އެކަމަކު އެއީ ބަލި ޖެހި، ރަނގަޅުވިތާ 60 ދުވަސް ނުވާ ނަމަ އެވެ. މިގޮތަށް ހުއްދަ ދިނަސް ސީދާ މާލެއިން ރަށްރަށަށް ދާން އަދިވެސް ހުއްދައެއް ނުދެ އެވެ.

އޮޅުވާލައިގެން ރަށަށްދާ މީހުން ބުނަމުން އަންނަނީ އެތައް ދުވަހު، އަނބިދަރިން ގޮވައިގެން ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ބޯ ގޮވާފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ގޮތެއް ހަދާފައި ވެސް އާއިލާއާ އެކު ހޭދަކޮށްލަން ލިބޭ ހަމައެކަނި ޗުއްޓީގެ ބޭނުން ހިފަން އެ މީހުން ބޭނުންވެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ އެކު ދިރިއުޅެމުންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ގިނަ ބަޔަކު ތިބީ ޗުއްޓީއެއްގެ އިންތިޒާރުގަ އެވެ. ވަކިން ހާއްސަކޮށް މިފަދަ ޗުއްޓީއެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައި ތިބީ ކިޔަވާ ކުދިންނަށެވެ. މާލޭގައި ކިޔަވަމުން އަންނަ ކުދިންނަށް ބަލާއިރު ގްރޭޑް ހަޔަކުން ދަށް ގްރޭޑްތަކުގެ ކުދިންގެ ކިޔެވުން މުޅި އަހަރު ދުވަހު ކަހަލަ ގޮތަށް ގެންދިޔައީ އޮންލައިންކޮށެވެ. ހަތަކުން މަތީ ގްރޭޑްތަކުގެ ކުދިން ދޭތެރެއަކުން ސްކޫލަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އޮންލައިންކޮށް ކިޔެވުން ބަދަލުކުރެ އެވެ.

އަނެއްކޮޅުން މާލޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސްކޫލަށް ނުގޮސް ތިބި ނަމަވެސް މަގުމައްޗަށް ނިކުމެ އުޅުމުގެ ފުރުސަތެއް ނޯވެ އެވެ. ކުދިން ތިބީ ގޭގެ ހަތަރު ފާރުގެ ތެރޭގައި އެތައް ދުވަހަކު ތިބުމުގެ ސަބަބުން ނަފްސާނީވެ، ރަނގަޅު ޗުއްޓީއެއް ބޭނުންވެފައިކަން ވާހަކަ ދައްކާލި ބައެއް ބެލެނިވެރިންގެ ވާހަކަތައް ހުރި ގޮތުން އެނގެ އެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރި ދަނޑިވަޅުގައި ކުއްޖަކު ގޭގައި އޮންލައިން ކްލާސް ނަގާއިރު، އެހެން ދެ ކުއްޖަކު އެ ކްލާސް ކުރިއަށް ދާ ގޮތް ބަލަނީ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރި ދަނޑިވަޅުގައި ކުއްޖަކު ގޭގައި އޮންލައިން ކްލާސް ނަގާއިރު، އެހެން ދެ ކުއްޖަކު އެ ކްލާސް ކުރިއަށް ދާ ގޮތް ބަލަނީ.

އަންނަ އޯގަސްޓް މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ގްރޭޑް އެކަކަށް ވަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅު، ހުރީ ވަރަށް ބޮޑަށް ޗުއްޓީއަކަށް ބޭނުންވެފަ އެވެ. އެ ގޭގައި އެ ކުއްޖާ ވަރުގެ އިތުރު ކުއްޖަކު ނުހުރެ އެވެ. އެކަނި ކުޅެ، އަމިއްލައަށް ހުރެ މިހާރު ވާހަކަ ދައްކާ ހަދައި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ބަންދުވެފައި އިންނަން ޖެހޭތީ މިހާރު ކިޔައިފި ގެއަށް ރައްޓެއްސަކު ގެނެސްދޭށޭ ވެސް. ކުއްޖާ މެންޓަލީ ފިޓް ނޫން ކަން އިނގޭ އޭނާގެ އުޅުމުން. އެކަނި ހުރެގެން ބައެއް ފަހަރު އެބަ ވާހަކަ ވެސް ދައްކާ،" ބެލެނިވެރިއަކު ބުންޏެވެ.

އިތުރު ބެލެނިވެރިއަކު ބުނި ގޮތުގައި އެ މީހުން ރަށަށް ނުދަނީ މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނު ވާން ޖެހޭތީ އެވެ. އޭނާ ބުނި ގޮތުގައި އުފަން ރަށުގައި ކަރަންޓީނުވާނެ ތަނެއް ނެތުމުން މި ޗުއްޓީގައި އެ މީހުން ވެސް ތިބޭނީ މާލޭގަ އެވެ.

އެެހެން މީހަކު ބުނީ ކަރަންޓީނު ވާނެ ތަނެއް ލިބުނަސް އެ މީހުން ޗުއްޓީ އަށް ދާން ބޭނުން ނުވަނީ ކަރަންޓީނުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކުކަން ބުނަން ނޭނގޭތީ ކަމަށެވެ. އެއީ 14 ދުވަސް ހަމަކުރުމަށް ފަހު، ބައެއް ފަހަރު ސާމްޕަލްގެ ނަތީޖާ ލިބުމަށް ހަފްތާއެއްވާ ކަމުގެ އަޑު އިވޭ ކަމަށާއި، ވެކްސިން ފުރިހަމަކޮށްގެން ހުރެ އެގޮތަށް އެހާ ގިނަ ދުވަހު ކަރަންޓީނުގައި ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ދެކެ އެވެ.

މި އަހަރުގެ ކުޑަ އީދު ބައްދަލުކުރިއިރު ވެސް ރަށްރަށުގެ ކޮވިޑްގެ ހާލަތު ވަރަށް ގޯހެވެ. އެހެންވެ، ކުޑަ އީދުގެ ފޯރި ވެސް ކުރިން ފާހަގަކުރާ ގޮތަށް ގިނަ ރަށްރަށުގައި ފާހަގައެއް ނުކުރެ އެވެ. އަދި މިފަހަރު ބޮޑު އީދު ބައްދަލުކުރިއިރު ވެސް 44 ރަށެއް މިއޮތީ އަރައިފޭބުން މަނާކޮށްފަ އެވެ. ބައެއް ރަށްރަށުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް އިތުރުވެފައިވާތީ ކާފިއު އިއުލާނުކޮށް، ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. ބައެއް ރަށްރަށުގައި ވެސް ޒަރޫރީ ކަމެއްގައި ނޫން ގޮތަކަށް ބޭރަކަށް ނުދެވެ އެވެ.

ކޮވިޑް ބަލި ރާއްޖެއިން ފެނުމުގެ ކުރިން، 2019 ވަނަ އަހަރުގެ ބޮޑު އީދު، ހުޅުމާލޭގައި ފާހަގަކުރަނީ -- މިހާރު ފައިލް ފޮޓޯ/ ނިޝާން އަލީ

ކޮވިޑް ބަލި ރާއްޖެއިން ފެނުމުގެ ކުރިން، 2019 ވަނަ އަހަރުގެ ބޮޑު އީދު، ހުޅުމާލޭގައި ފާހަގަކުރަނީ -- މިހާރު ފައިލް ފޮޓޯ/ ނިޝާން އަލީ

ޗުއްޓީ ދޭ މުހިންމު ސަބަބުތަކެއް އޮވެ އެވެ. އޭގެ އެންމެ ބޮޑު އެއް ކަމަކީ، ތަޖުރިބާކާރުން ވެސް ވިދާޅުވާ ގޮތުގައި މާހައުލު ބަދަލުކޮށްލުމެވެ. އެކަމަކު، ރާއްޖޭގައި މިއަދުން ފެށިގެން މި ދިން ލުއިތަކަކީ ޗުއްޓީއާ ގުޅޭ ލުއިތަކެއް ނޫނެވެ. އެހެންވެ މި ޗުއްޓީގައި ތިބެން މި ޖެހެނީ ތިބި ތަނެއްގަ އެވެ.