Roadha Mihaaru
ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން!

ނަޝީދުގެ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

14 ޖުލައި 2022

ސްރީ ލަންކާގެ ރައީސްގެ މަގާމުން ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން އެ މަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީ ލަންކާގެ ރައީސްގެ މަގާމުން ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓާ ގުޅިގެން އެ މަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިރޭ 7:06 ގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޮޓާބަޔަ އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ލަންކާގެ ހާލަތު ރަނގަޅުވެ، ކުރިއަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ގޮޓާބަޔަ ގައުމު ދޫކުރައްވައި ވަޑައިގަތުމުގައި ރާއްޖޭން އެހީވުމަކީ ދިވެހި ސަރުކާރުގެ ބުއްދިވެރި ނިންމުމެއް ކަމަށް ވިދާޅުވެ، އެ ކަމަށް ވެސް ނަޝީދު ތައުރީފު ކުރެއްވި އެވެ.

ދިވެހި ސަރުކާރުން ދިން އެހީތެރިކަމުގައި ސިއްރިއްޔާތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ވަޑައިގެންނެވި ގޯޓާބަޔާ، މިއަދު ވަނީ ސައުދީ އަރަބިއްޔާގެ އެއާލައިނެއްގައި ސިންގަޕޫރަށް ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގޯޓާބަޔާގެ އިސްތިއުފާއާ އެކު ނަޝީދު ވިދާޅުވި ގޮތުގައި، ލަންކާގައި ގޯޓާބަޔާ މި ވަގުތު ހުންނެވި ނަމަ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމުގެ ބިރަށް ގޯޓާބަޔަ އިސްތިއުފާ ދެއްވާފާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވެ އެވެ.

ނަމަވެސް އެ ޓްވީޓަށް ރައްދު ދިން ގިނަ މީހުންނަށް ނަޝީދުގެ ވާހަކަފުޅު ކަމަކު ނުދިޔަ އެވެ. ލަންކާގެ ގިނަ ބަޔަކު ވެސް ނަޝީދުގެ އެ ޓްވީޓާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ގޯޓާބަޔަގެ އިސްތިއުފާ ދެއްވިކަން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވާޑަނައިގެ އޮފީހުން ރަސްމީކޮށް އާއްމު ނުކުރައްވަނީސް ނަޝީދު އިއުލާންކުރެއްވި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، އެ ގައުމުގެ ހިރޫ ނިއުސް އިންގްލިޝް ނޫހުން ވަނީ ގޯޓާބަޔަގެ އިސްތިއުފާގެ ސިޓީ ފޮނުއްވިކަން އިރުއޮއްސި 6:34 ހާއިރު ޓްވީޓްކޮށްފަ އެވެ.

ލަންކާގެ ބައެއް މީހުން ކުރި ޓްވީޓުގައި ވަނީ ނަޝީދަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްތޯ ސުވާލު އުފައްދައިފަ އެވެ.

އަސިންތަ ވަރްނަސުރިޔަ ނަމަކަށް ކިޔާ މީހެއްގެ ސުވާލަކީ ލަންކާގެ ސިޔާސީ ކަންކަމުގައި ބަސް ކިޔުމަށް ނަޝީދަށް ހުއްދަ ދިނީ ކޮން ގޮތަކަށް ތޯ އެވެ.

"މަޖިލީހުގެ ރައީސް ރަސްމީކޮށް އިއުލާން ނުކުރަނީސް ކިހިނެއްތޯ ތިހެން ވިދާޅުވޭނީ...އަމިއްލަ ގައުމުގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ވަގުތު ދީ،" އޭނާ ބުންޏެވެ.

ލަންކާގެ ނޫސްވެރިއެއް ކަމަށްވާ، މުންޒާ މުޝްތާގްގެ ޓްވީޓްގައި ވެސް ބުނީ ލަންކާއާ ގުޅޭ ގޮތުން ނަޝީދުގެ މަސްލަހަތު ނެތް ކަންކަމުގައި އެ މަނިކުފާނު ދުރުގައި ހުންނެވުން މުހިއްމު ކަމަށެވެ.

އެހެން މީހެއްގެ ޓްވީޓެއްގައި ބުނީ ނަޝީދު އެހީތެރިވެވަޑައިގަތީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި އަދި އެތައް ބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ މީހަކު ފިލުވުމަށް ކަމަށެވެ.

"ތި ގެއްލުވާލީ ލަންކާ ރައްޔިތުންގެ އުއްމީދު،" ބެނިސްލޮސް ތުޝަންގެ ޓްވީޓުގައި ވެ އެވެ.

"ގައުމައިގެން ކުރިއަށް ދިއުމަށް އަހަރެމެން ގާތު ނޭދޭ. ތި ބޭވަފާތެރިކަމާއި ކުށްވެރިއަކު ފިލުމަށް ތި ވީ ބޭވަފާތެރިކަން ހަނދާން ބަހައްޓާނަން." ލަންކާގެ މީހުންގެ އިތުރުން ގޯޓާބަޔާ ރާއްޖެ ވަޑައިގަތުމުގައި ނަޝީދު އިސް ދައުރެއް އަދާކުރެއްވި ކަމަށް ތުހުމަތުކޮށް ދިވެހިންގެ ތެރެއިން ބަޔަކު ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ސިޔާސީ ބޮޑު މައްސަލަތަކެއް އުފެދިފައިވާ ލަންކާގެ ރައީސަށް ރާއްޖެއިން އެހީވީ، ނޮވެމްބަރު 2003 ގައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އެ ގައުމުން ހިމާޔަތް ދިނުމުން އޭގެ ބަދަލެއްގެ ގޮތުންނެވެ. އޭރު ލަންކާގެ ބޮޑު ވަޒީރަކަށް ހުންނެވީ، ގޯޓާބަޔަ އިސްތިއުފާ ދެއްވުމުން މިހާރު ވަގުތީ ރައީސަކަށް ހުންނެވި ރަނިލް ވިކްރެމަސިންހާ އެވެ. ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް ވެސް މި ފަހުން ރަނިލް އައްޔަންކުރެއްވުމާ އެކު އޭނާ ވަނީ އެ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަންދޫބެއްގެ ގޮތުން ނަޝީދު ހަމަޖައްސަވައިފަ އެވެ. ނަމަވެސް އެ ކަމުގައި ނަޝީދަށް މާ ބޮޑު ކުރިއެރުމެއް ލިބިވަޑައެއް ނުގަތެވެ.