Roadha Mihaaru
ގޯއްޗާ އެކު، އަނެއްކާ ވެސް މާލެ-ރާއްޖެތެރޭގެ ބަހުސް!

ގޯތި ދޭން އިއުލާންކުރުމާ އެކު އަނެއްކާ ވެސް މާލެ-ރާއްޖެތެރޭގެ ބަހުސް!

27 ޖޫން 2022

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލު އިއްޔެ އާންމުކުރުމާ އެކު، އާންމުންގެ ޝަކުވާތަކާ އެކު، މާލެ-ރާއްޖެތެރޭގެ ބަހުސް ފެށިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލު އިއްޔެ އާންމުކުރުމާ އެކު، އާންމުންގެ ޝަކުވާތަކާ އެކު، މާލެ-ރާއްޖެތެރޭގެ ބަހުސް ފެށިއްޖެ އެވެ.

ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޫކުރަން ނިންމައި އިއްޔެ ސަރުކާރުން ވަނީ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އުސޫލުގައިވާ ގޮތުން، މާލެ އިން ގޯތި ދޫކުރާ މީހުންގެ ޝަރުތުތަކުގެ ތެރެއިން އެއް ކަމަކީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓަރީ ވެފައި ނެތުމެވެ. އަދި މާލޭގެ ދަފްތަރުގައި އެތައް ޒަމާނެއް ކުރިން ފެށިގެން ޖެހިފައިވާ މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތެއް ނުލިބެ އެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ އެ ދެ ޝަރުތާ މެދުގަ އެވެ. އެ މީހުން ބުނަނީ އެއީ ވަކި ބަޔަކަށް ގޯތި ދޫކުރުމަށް ނިންމި ގޮތެއް ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"އަސްތާ.. މާލޭގެ ދަފްތަރުގައި ޖައްސައިގެން މާލޭގެ އާބާދީ އެތައް ގުނައަކަށް ބޮޑުކޮށް މާލެ އަށް 15 ގޮނޑި މަޖިލީހުގައި ކަނޑައަޅައި އިތުރުކޮށް، މި އެންމެން ލައްވައި ވޯޓު އަޅުވާފައި އެ ގޮނޑިތަކަށް މެމްބަރުން ހޮވާ، އެންމެ ފަހުން ވަރުގަދަ ބޮނޑިއެއް ދީފި. ގޯތި ބަހަންވީމާ ދަފްތަރުގައި ޖެއްސި މީހުން ބާކީ،" މާލޭގެ މީހުންނަށް ގޯތި ދޫކުރުން އިއުލާންކުރުމާ ގުޅިގެން ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

އަނެއް ބައެއްގެ ކަންބޮޑުވުމަކީ މާލޭގެ މީހުންނަށް، ހާއްސަކޮށް ގުޅިފަޅު ހިއްކައި އެ މީހުންނަށް އެ ރަށުން ވެސް ބިން ދޭން އުޅުމެވެ. ރަށްރަށް ފުރުނަސް ޖެހިގެން އޮންނަ ރަށުން ގޯތި ދޫނުކުރާ ކަމަށް ބުނެ މީހުން ޝަކުވާ ކުރި އެވެ.

"ހުރިހާ ދިވެހި ރައްޔިތުންގެ ލާރި މާލެ މީހުންނަށް ބަހާ ހުސްކުރޭ. އަހަރެމެން ރަށް ފުރުނީމަ ޖެހިގެން އޮންނަ ރަށަކުން ގޯއްޗެއް ނުދޭ،" ގޯއްޗާއި ފްލެޓް ދޫކުރަން އިއުލާންކުރުމާ ގުޅޭ ގޮތުން "މިހާރު" ގައި އިއްޔެ ޖެހި ޚަބަރަށް ކޮމެންޓް ކުރި މީހަކު ބުންޏެވެ.

މާލެއިން 40 އަހަރު ފަހުން ގޯތި ދޫކުރަން ނިންމާފައިވާއިރު މާލޭގެ މީހުން ވަނީ އެ މީހުންގެ ދިފާއުގައި ތެދު ވެފަ އެވެ.

ބައެއް މީހުން ބުނީ މި ހުރިހާ ދުވަހު މާލޭ ސަރަހައްދުގައި އިމާރާތްކުރި ފްލެޓްތަކުން "ރާއްޖެތެރޭ މީހުންނަށް" ބައި އަޅާފައިވާ ކަމަށެވެ. ރަށްރަށުގައި ގޯތި ބެހިއިރު މާލޭ ސަރަހައްދުގައި އޮތީ ހަމައެކަނި ފްލެޓް ކަމަށާއި ބިމެއް ދޫކުރިޔަސް އަނެއްކާ އެންމެންނަށް ބަހަންވީތޯ އެ މީހުން ސުވާލު އުފައްދަ އެވެ.

"...މިހާރު އިއުލާނުކޮށްފައި ފްލެޓް ވެސް މުޅި ރާއްޖެ އަށް؟ ހިޔާ ފްލެޓްތަކުން 40 ޕަސެންޓް ކުރިޔާ މާލެ މީހުންނަށް. ފުދޭ..؟" މީހަކު ސުވާލު އުފެއްދި އެވެ.

"ރަށުން ގޯތި ދޫކޮށްގެން ނުވޭ. މާލެ އިން ގޯތި ބޭނުންވޭ. މާލޭ މީހުންނަށް ވީމާ މާލެ އިން ގޯތި ލިބިގެންނެއް ނުވޭ. ރަށަކުން ވެސް ގޯތި ލިބިގެން ނުވޭ."

އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނީ މާލޭ މީހުންނަށް ގޯތި ދޫކުރަން ވީމަ އެހާ ގިނަ ޝަރުތުތައް އޭގައި ހުރި ކަމަށް ބުނެ އެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށާއި އެހެންކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތައް ހަނިނުކުރެވޭނެ ކަމަށް ވިދާޅުވެ، ގޯތި ދޫކުރުމުގެ އުސޫލުގައި މާލެ ރަށްވެއްސެއްގެ ގޮތުގައި ބަޔާންކުރާ ބައި ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އެ މައްސަލާގައި ވެސް މީހުންގެ ކަންބޮޑުވުމަކަށްވީ މިވީހާ ދުވަހެއްގައި ރަށްރަށުން ގޯތި ދޫކުރިއިރު އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މާލޭ މީހުންނަށް ނޯންނައިރު އެ މައްސަލަ ކޯޓަށް ނުވެއްދީ ކީއްވެތޯ އެވެ.

ގޯތީގެ އިތުރުން ފްލެޓްގެ މައްސަލާގައި ވެސް ވަނީ މާލޭ މީހުންނާއި ރަށްރަށުގެ މީހުންގެ މެދުގައި ދެބަސްވުން ބޮޑުވެފަ އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑުއިރު އެ ފްލެޓްތައް މާލޭ މީހުންނަށް ހާއްސަކުރުމުގެ ބަދަލުގައި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ނަަމަ، ފްލެޓަށް ކުރިމަތިލެވޭތީ ކަންބޮޑުވުން ބޮޑެވެ.

އަނެއް ކަމަކީ ފްލެޓަށް ޕޮއިންޓް ދޭ އުސޫލުގައި ދަރިން ތިބޭ މިންވަރަށް ޕޮއިންޓްދޭން ހިމަނާފައިވާތީ އެވެ. ކައިވެނިކޮށްގެން އެތައް ޒަމާނެއްވެފައިވާ ދަރިން ނުލިބޭ މީހުންގެ ހައްގަށް އުނިކަން ލިބޭ ކަމަށް ބުނެ ބައެއް މީހުން ނުރުހުން ފާޅުކުރި އެވެ.

"މިނިސްޓަރު އަސްލަމަށް، މާތް ކަނލާގެ ރަސްކަންފުޅަށްޓަކައި، އަބަދު ދަރިންގެ ޕޮއިންޓް ނުލާބަލަ، އަހަރެމެން ދެމަފިރިން ލިބޭހާ ފައިސާއެއް ބޭހަށް ހަރަދުކޮށް އަތްމަތި ހުސްވެއްޖެ. ދަރިއަކުނު ލިބިގެން، ފްލެޓު ވެސް ނުލިބޭ. މިހާރު މިހިރަ މުސްކުޅިވަނީ. ދިރި އުޅޭނެ ގޯއްޗެއް ރަށަކުން ނުލިބޭ. ފްލެޓެެއް ނުލިބޭ. އުމުރު ހުސް މިވަނީ ހަމަ ގާނޫނާ ގަވައިދާ އެއްގޮތަށް އުޅެ، އަތުންފައިން މަސައްކަތް ވެސް ކޮށްގެން، މުސްކުޅިވެ ގައިބާރު ދޫވާ ދުވަހު ވަންނާނެ ގެޔެއް ނެތް." މީހަކު ބުންޏެވެ.

މިހާރު ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އަންނަ އަހަރުގެ ތެރޭގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް، އަދި ފްލެޓް ލިބޭ މީހުންނަށް ލިޔުން ހަވާލުކުރާނެ އެވެ.