Roadha Mihaaru
އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ސިޓީން ހޯދައިފި

އެސޯސިއޭޝަން ކަޕް، ތާރީހީ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ސިޓީން ހޯދައިފި

23 ޖޫން 2022

ރާއްޖޭގެ ވޮލީގެ ތާރީހުގައި ތަފާތު ބަދަލަކާއެކު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ކްލަބް ވެމްކޯ މައްޗަށް ކާމިޔާބު ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ހޯދައިފި އެވެ.

ރާއްޖޭގެ ވޮލީގެ ތާރީހުގައި ތަފާތު ބަދަލަކާއެކު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ކްލަބް ވެމްކޯ މައްޗަށް ކާމިޔާބު ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ހޯދައިފި އެވެ.

ފައިނަލް މެޗެއްގައި ވާދަވެރިކަމުގެ ގޮތުން ފެންނާނެ ހުރިހާ މަންޒަރެއް ފެނުނު މެޗު ސިޓީން ގެންދިޔައީ 3-2 ސެޓުންނެވެ. ހާއްސަކޮށް ފަސް ސެޓަށް ކުޅުނު މެޗުގެ ފަހު ސެޓަކީ ނޭވާ ހިފަހައްޓާލަންޖެހުނު ގިނަ މޮމެންޓްތަކެއް ފެނުނު ސެޓެކެވެ.

ސިޓީން އެ ސެޓް ގެންދިޔައީ 19-17 އިންނެވެ. އެހެންނަމަވެސް އޭގެ ކުރިން ސެޓް ނިންމާނެ ފުރުސަތު އެކި ފަހަރުގެ މަތިން ދެ ޓީމަށް ވެސް ލިބުނެވެ. ހަތަރުވަނަ ސެޓުން ފެށިގެން ދެ ޓީމު ދިޔައީ ވަރަށް ހަމަހަމަ ކޮށެވެ. ފަސްވަނަ ސެޓްގެ ގޭމްބޯލް ޕޮއިންޓަށް ފަހު އެއްފަހަރު ސިޓީ އަނެއް ފަހަރު ވެމްކޯ އަށް މެޗު ނިންމަން ފުރުސަތު ލިބިގެންދިޔަ އެވެ. ވެމްކޯއިން ލީޑް ގޭމް ނިންމަން ޕޮއިންޓަކަށް ބޭނުން ވެފައި ވަނިކޮށް، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޝްވަލް ރާއީ އަށް ސާވިސް ކުރަން ފޮނުވާލި ބޯޅަ އަމާޒުވީ ނެޓަށެވެ.

ސިޓީގެ ކެޕްޓަން އަލީ ހުޒާމް: މިރޭގެ މެޗުގައި އޭނާ ހުރީ ތަފާތު ފޯމެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީގެ ކެޕްޓަން އަލީ ހުޒާމް: މިރޭގެ މެޗުގައި އޭނާ ހުރީ ތަފާތު ފޯމެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަޝްވަލް ރާއީގެ އެ ސާވިސް ނެޓަށް އަމާޒު ވުމުން އޭނާގެ މޫނު މަތިން ވަރަށް ބޮޑަށް މާޔޫސްކަން ފެނިގެންދިޔަ އެވެ. އެ ސެޓްގައި ސިޓީން ހޯދި ފަހު ޕޮއިންޓަކީ ފައިނަލުގެ އެންމެ ފަހު ވަގުތާ ބަލާފައި ދިގު ދެމިގެން ދިޔަ ސީކުއެންސެކެވެ. އެއް ކޯޓުން އަނެއް ކޯޓަށް ބޯޅަ ފޮނުވުމުގައި ވަގުތުތަކެއް ހޭދަވި އެވެ. ސިޓީ އަށް އެ ޕޮއިންޓް ލިބުނީ އެޓީމުން ވެމްކޯގެ ކޯތަށް ފޮނުވާލި ބޯޅަ ވެމްކޯގެ ކުޅުންތެރިޔަކު ރިސީވް ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބޭރަށް ދިއުމުންނެވެ.

ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓް ވެމްކޯއިން ކާމިޔާބު ކުރީ 10 ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. އެ ޓީމުން އެ ސެޓް ގެންދިޔައީ 25-15 އިންނެވެ. ވެމްކޯގެ 25 ވަނަ ޕޮއިންޓަކީ ސިޓީގެ އަލީ ހުޒާމް (ހުޒާންޓޭ) ކުރި ސާވިސް ނެޓަށް އަމާޒުވުމުން ވެމްކޯއިން ލިބުނު ޕޮއިންޓެވެ. އެކަމަކު ދެން ޖެހިގެން އައި ދެ ސެޓް ދެވަނަ ސެޓް ސިޓީން ކާމިޔާބު ކުރި އެވެ. ދެވަނަ ސެޓް ގެންދިޔައީ 25-20 އިންނެވެ. ތިންވަނަ ސެޓް 25-19 އިންނެވެ. ތިންވަނަ ސެޓްގައި ވެމްކޯ ކުޅެމުން ދިޔައީ ތަފާތު ރޫހެއްގަ އެވެ. އެ ޓީމުގެ ވިނީތު ކުމާރު ވެސް ވަނީ ގިނަ ޕޮއިންޓަކެއް ހޯދައިދީފަ އެވެ. އަދި ހުޒާމް ވެސް ފެނުނީ މުބާރާތުގެ އެހެން މެޗުތަކަށް ވުރެ ތަފާތު ކޮށެވެ.

ސިޓީގެ ކޯޗުން ސްޓާފުންނާއި ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީގެ ކޯޗުން ސްޓާފުންނާއި ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަތަރު ވަނަ ސެޓްގައި ވެމްކޯ އަލުން ފޯމަކަށް އެޅުނެވެ. އެ ސެޓް ޕޮއިންޓްތައް ދިޔައީ ކަިރި ކައިރިގަ އެވެ. އެކަމަކު 20 ވަނަ ޕޮއިންޓާ ހަމަށް އަށް ސިޓީން ލީޑްގައި އޮތެވެ. ވެމްކޯގެ ކޮންޓްރޯލްގެ ދަށަށް ސެޓް ގެންދިޔައީ އޭގެ ފަހުންނެވެ. އަޝްވަލް ރާއީ ކައިރި ކައިރީގައި ފޮނުވާލި ހަމަލާތަކުން ގިނަ ޕޮއިންޓްތަކެއް ހޯދައިދިނެވެ. އެ ސެޓް ވެމްކޯއިން ގެންދިޔައީ 25-23 ންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ޕޮލިސް ކްލަބްގެ މާއިޝް އަހްމަދެވެ. އެންމެ މޮޅު ކޯޗަކީ ސިޓީގެ ކޯޗު ހުސަން ޝަރީފް އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިޓީގެ ވިނީތު ކުމާރެވެ.

މުބާރާތުގެ ޑްރީމް ޓީމާއެކު ވީއޭއެމްގެ އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތުގެ ޑްރީމް ޓީމާއެކު ވީއޭއެމްގެ އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތުގެ ޑްރީމް ޓީމް

- ބެސްޓް އައުޓް ސައިޑް އެޓޭކާ، އަލީ ހުޒާމް، ކްލަބް ސިޓީ - ސެކަންޑް ބެސްޓް އައުޓް ސައިޑް އެޓޭކާ، އާދަމް ނަސީމް، ސިފައިންގެ ކްލަބް - ބެސްޓް އޮޕަސިޓް ޕްލޭއާ، ހަސަން ނިލާމް، ގްޑީސް - ބެސްޓް މިޑްލް ޕްލޭއާ: އާދަމް ފައިރޫޒް، ވެމްކޯ - ސެކަންޑް ބެސްޓް މިޑްލް ޕްލޭއާ، ހުސައިން ޔޫސުފް، ކްލަބް ސިޓީ - ބެސްޓް ސެޓަރު: ހުސައިން ޝާހިދު، ސިފައިންގެ ކްލަބް - ބެސްޓް ލިބަރޯ، މުހައްމަދު ނައީމް، ޕޮލިސް ކްލަބް، - މޯސްޓް ޕްރޮމިސިން ޕްލޭއާ، މާއީޝް އަހްމަދު ޕޮލިސް ކްލަބް، - މޯސްޓް ވެލިއުބަލް ޕްލޭއާ، އިސްމާއީލް ސާޖިދު، ކްލަބް ވެމްކޯ، - ބެސްޓް އިންޓަނޭޝަނަލް ޓެލެންޓް: ވިނީތު ކުމާރް، ކްލަބް ސިޓީ، - މޯސްޓް ވެލިއުބަލް ކޯޗު: ހުސައިން ޝަރީފް، ކްލަބް ސިޓީ