Roadha Mihaaru
އައްޑޫގައި މީހަކަށް ހަމަލާދޭން އުޅޭ ވީޑިއޯއެއް

އައްޑޫގައި މީހަކު މަރާލި މާރާމާރީގެ ކުރިން އެހެން މީހަކަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް

23 ޖޫން 2022

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށް މަރާލުމުގެ ދުވަސްތަކެއް ކުރިން އެހެން މީހަކަށް ހަމަލާދޭން ބަޔަކު މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށް މަރާލުމުގެ ދުވަސްތަކެއް ކުރިން އެހެން މީހަކަށް ހަމަލާދޭން ބަޔަކު މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި މަރުވީ 21 އަހަރުގެ ޒުވާނެކެވެ. އޭގެ ދެތިން ދުވަހެއް ކުރިން މާރާމާރީއެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.

އައްޑޫގައި ސިލްސިލާ މާރާމާރީތައް އިތުރުވެ އެ ސިޓީގެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފިހާރައެއްގެ ބޭރުގައި ހަރުކޮށްފައިވާ ސީސީޓީވީގެ ފޫޓޭޖުން ފެންނަ ގޮތުގައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 12:30 ހާއިރު ބަޔަކު މީހަކަށް ހަމަލާދޭން އުޅެ އެވެ.

އޭގައި ފެންނަނީ ފިހާރަ ކައިރީ ހުރި ސައިކަލެއްގެ މަތީގައި މީހަކު އިށީނދެގެން އެތަނުގައި ހުރި އެހެން މީހަކާ ވާހަކަ ދައްކަން ހުއްޓާ ދެ ސައިކަލެއްގައި ތިން މީހަކު އަންނަ މަންޒަރެވެ. އެމީހުން ސައިކަލު މަޑުކޮށްލީ އަނެއް މީހުން ތިބި ކަންމައްޗާ ދިމާލުގަ އެވެ.

އެކަމަކު އޭގެ ކުރިން އަނެއް ސައިކަލު މަތީގައި އިން މީހާ ތެދުވެ ހިނގައިގަނެ އެވެ. އަދި ކުއްލިއަކަށް އޭނާއާ ދިމާލަށްދާ ތަން ފެނުމުން ބާރަށް ދުވެފައި ގޮސް ފިލަ އެވެ.

އޭނާ ދުވެފައި ގޮސް ފިލަން ވަނީ ކޮންތަނަކަށް ކަމެއް ސީސީޓީވީ ފޫޓެޖަކަށް ނާރަ އެވެ. އެމީހާ އަތުވޭތޯ ހަމަލާދޭ މީހުން ދުއްވައިގަތް ނަމަވެސް ދެތިން ސިކުންތެއް ފަހުން އެމީހުން އަނބުރާ އައިސް ސައިކަލަށް އަރައިގެންދާ މަންޒަރު ކެމެރާ އިން ފެނެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި އޮތީ ވާރޭވެހުމުގެ ސަބަބުން ފެން ހެދިފަ އެވެ. ބެލެވޭ ގޮތުގައި އެހެންވެ އޭނާ އަތުލާން ނޫޅެ އެތަނުން ފިލީ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހާ ބުނީ އެއީ ފޭދޫ އެވާގްލޭޑްސް ކުރިމަތީގައި ހިނގި ހާދިސާއެއް ކަމަށެވެ.

އޭނާ ބުނީ އެ ދުވަހު އެތަނުގައި މަޑުކޮށްގެން ހުރި ނަމަ އޭނާގެ ފުރާނަ ދުއްވާލާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖާ އެއްކޮށް ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމަށެވެ. އެކަމަކު މައްސަލަ ނުބަލައި ބޭރުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވެ ޒުވާނަކަށް ހަމަލާދީ މަރާލިއިރު އޭނާ މަރާލީ އޭނާއަށް ފުލުފުލުގައި ދިން މަރުގެ އިންޒާރުތައް ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްގެން ވެސް މައްސަލަ ނުބަލާ އޮއްވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާގެ ޕޯސްޓުުގައި ބުނީ ފޭދޫގެ ހާލަތު ބޮއްސުންލައި ރަށުގެ މީހުންނާއި މުޅި މުޖުތަމައު ބިރުވެރިކަމެއްގައި ވަނީ ގަމު ޕޮލިހުންގެ އިހުމާލުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިދިޔަ މަހުގެ 9 ގައި މައްސަލަ ރިޕޯޓްކޮށްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.