Roadha Mihaaru
ޔޫކްރޭން ހަނގުރާމަ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި

ޔޫކްރޭން ހަނގުރާމަ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި

15 ޖޫން 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް، ހުޅަނގުގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކާ ހަވާލާދީ ހުޅަނގުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް، ހުޅަނގުގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކާ ހަވާލާދީ ހުޅަނގުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ރަޝިޔާގައި ހުރި، ސޯވިއެޓް ޔޫނިއަން ޒަމާނުގެ ހަތިޔާރުތަކުން ޔޫކްރޭންގެ ސަހަރުތައް އަންދައި އަޅިއަށް ހަދަމުން ދާއިރު، ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ ޒަމާނީ ހަތިޔާރުތަކުގެ އެހީގައި، ޔޫކްރޭން ސިފައިން ގަދައަޅައި މަސައްކަތް ކުރަމުން ދަނީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށެވެ. ނަމަވެސް ރަޝިޔާގެ ވަރުގަދަ އަސްކަރީ ހަމަލާތަކުގެ ކުރިމަތީގައި، ޔޫކްރޭން ސިފައިންނަށް މާ ބޮޑު ކާމިޔާބެއް ނުލިބެ އެވެ.

ހުޅަނގުގެ އަސްކަރީ އަދި ޖާސޫސީ އިދާރާތަކާ ހަވާލާދީ ސީއެންއެން އިން ބުނާ ގޮތުގައި، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކުރިމަތިވާނެ ދިގު މުއްދަތުގެ ގެއްލުންތައް، މިހާރު ކަޑައްތުކުރަމުންދާ މަރުހަލާގައި ކަނޑައެޅޭ ވަރުވާނެ އެވެ. އަދި މިހާރު ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލާއިރު، މި ހަނގުރާމައިން ޔޫކްރޭން ދިފާއުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތްތަކެއް، ކަނޑައެޅުން ހުޅަނގުގެ ގައުމުތަކަށް ވެސް މިދުވަސްކޮޅު މަޖުބޫރުވާނެ އެވެ.

ޔޫކްރޭން ދިފާއުކުރުމުގައި އަސްކަރީ ހަތިޔާރު އެ ގައުމަށް ފޮނުވުމުގެ އިތުރުން، އިގްތިސާދީ ދަތިތައް ފިލުވައިދިނުމަށް ވެސް ހުޅަނގުގެ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން، ގާތްގަނޑަކަށް 50 ގައުމެއްގެ މަންދޫބުންނާ އެކު މިއަދު މަޝްވަރާ ބައްދަލުވުންތަކެއް ފައްޓަވާނެ އެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ އަމާޒަކީ، ޔޫކްރޭނަށް އިތުރު އަސްކަރީ ސާމާނު ފޮނުވުމުގައި އެ ގައުމުތަކުގެ ބައިވެރިވުން އިތުރު ކުރުމެވެ. ރަޝިޔާ އިން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާ އަޅައި ބަލާއިރު، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ލިބޭ ހަތިޔާރުގެ އަދަދު މަދުވުމުން ޔޫކްރޭނުން މިހާރު ވެސް ވަނީ، އިތުރު ހަތިޔާރު ދިނުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައިފަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވި ގޮތުގައި، ރަޝިޔާގެ އަމާޒު ހުރީ ސީދާ ކޮން ކަމެއް ހާސިލްކުރަންކަން އަދިވެސް ޔަގީނެއް ނޫނެވެ. ނަމަވެސް އެ ގައުމުގެ އިރުމަތީ ސަރަހައްދުން ރަޝިޔާ ސިފައިން ހިފާފައިވާ ބިންތައް ރަޝިޔާގެ ބާރުގެ ދަށުގައި އޮތުމަށް ޔޫކްރޭނުން ދޫކޮށްލައިފި ނަމަ، ރަޝިޔާގެ ނުރައްކާ އިތުރަށް ބޮޑުވާނެ އެވެ.

"ޔޫކްރޭންގައި އެކަށީގެންވާ އަސްކަރީ ބާރުވެރިކަމެއް ނެތިއްޔާ، ރަޝިޔާ އަދިވެސް އިތުރަށް ޔޫކްރޭންގެ ބިންތައް ހިފަން މަސައްކަތް ކުރާނެކަން އަހަރެންނަށް ޔަގީން. އަހަރެމެންގެ ކިބައިގައި ހުރި ބާރު އެމީހުންނަށް އަހަރެމެން މިހާރު ސާބިތުކޮށްދީފިން. އަހަރެމެންގެ ހުޅަނގުގެ ބައިވެރިންނާ އެކު، އެ ބާރުވެރިކަން އެ ގޮތުގައި ދެމެހެއްޓުމަކީ، ވަރަށް މުހިންމު ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.