Roadha Mihaaru

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ކްލިނިކް ހުޅުވައިފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ކްލިނިކް މިއަދު ހުޅުވައިފި އެވެ.

ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ކްލިނިކް ހުޅުވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

15 ޖޫން 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ކްލިނިކް މިއަދު ހުޅުވައިފި އެވެ.

ހިޔާގެ 12 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހުޅުވި "ހިޔާ މެޑިކަލް ސެންޓަރު" ހިންގާނީ ލައިފް ސަޕޯޓު މެޑިކަލް ސާވިސަސް ކުންފުނިންނެވެ. އެ ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ.

ލައިފް ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުމޫން "މިހާރު" އަށް ވިދާޅުވީ ހިޔާ މެޑިކަލް ސެންޓަރުގެ 95 ޕަސެންޓް ހިދުމަތް ދޭނީ އާސަންދައިން ހަމަޖައްސާފައިވާ އަގުތަކުގައި ކަމަށެވެ. އެކަމަކު، އާސަންދައިގެ ހުއްދައެއް އެ ތަނަށް އަދި ނުލިބެ އެވެ. އެ ސްކީމުން ފަރުވާ ހޯދުމަށް މިއަދު ހުށަހަޅާނެ ކަމަށާއި އެ މަސައްކަތް އަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން އާސަންދައިން ދީފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ހިޔާ މެޑިކަލް ސެންޓަރުގެ އެތެރެ: އެ ތަނުން އާއްމު ބަލިތަކަށް ފަރުވާ ދޭނެ.-- ފޮޓޯ: ލައިފް ސަޕޯޓު

ހިޔާ މެޑިކަލް ސެންޓަރުގެ އެތެރެ: އެ ތަނުން އާއްމު ބަލިތަކަށް ފަރުވާ ދޭނެ.-- ފޮޓޯ: ލައިފް ސަޕޯޓު

މައުމޫން ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ސިއްހީ ފަރުވާ ހޯދުމުގެ ދަތިތަކަމަށް، އެ ކްލިނިކާ އެކު ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހިޔާގެ ހަތަރު ފްލެޓުގެ ބޮޑު މިން ހުންނަ މެޑިކަލް ސެންޓަރުގައި ފަސް ކޮންސަލްޓޭޝަން ރޫމް ހުންނާނެ އެވެ. އޭގެ އިތުރުން އެކްސްރޭ، ސްކޭން، ޑެންޓަލް އަދި ކުދި ޕްރޮސީޖާތަކާއި އޮބްޒަވޭޝަންތައް ގެންދާނެ އެވެ.

"ކޯލް ސެންޓަރަށް ގުޅުމުން ލިބޭ އެޕޮއިންޓްމަންޓް ގަޑިއަށް ވަޑައިގަތުމުން ޑޮކްޓަރަށް ދެއްކޭނެ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕޮއިންޓްމަންޓް ލިބޭ ގަޑިއަށް ދިއުމުން، އިތުރު ވަގުތު މަޑުކުރަން ނުޖެހި ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މެޑިކަލް ސެންޓަރު ފޯކަސްކޮށްފައިވަނީ ޕްރައިމަރީ ހެލްތު ކެއާއަށެވެ. ޖެނެރަލް ޑޮކްޓަރުންގެ އިތުރުން އަންހެނުންގެ ބަލިތަކާއި ކުޑަކުދިންގެ ބަލުތަކާއި ނަފްސާނީ ބަލިތަކާއި އެތެރެހަށި އަދި އެހެނިހެން ބަލިތަކުގެ ސްޕެޝަލިސްޓުން އެ ތަނުގައި ތިބޭނެ އެވެ. އޭގެ އިތުރުން ހިލޭ މެޑިކަލް ޗެކަޕާއި ގޭގެއަށް ޒިޔާރަތްކޮށް ބަލި މީހުންގެ ބެލުމުގެ ހިދުމަތް ވެސް އެ ތަނުން ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.