Roadha Mihaaru
ރަޝިޔާ ހަމަލާ ދޭ ކެމިކަލް ޕްލާންޓުގައި 800 އާންމުން

ރަޝިޔާ ހަމަލާ ދޭ ކެމިކަލް ޕްލާންޓުގައި 800 އާންމުން

12 ޖޫން 2022

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު އެންމެ ވަރުގަދަ ކޮށްފައިވާ ސަރަހައްދުގައި ހުރި ކެމިކަލް ޕްލާންޓަށް ރަޝިޔާ ސިފައިން ހަމަލާތައް ދެމުން ދާއިރު، އެ ޕްލާންޓްގެ ތެރޭގައި އާންމުންގެ 800 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޔޫކްރޭނުން ބުނެފި އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު އެންމެ ވަރުގަދަ ކޮށްފައިވާ ސަރަހައްދުގައި ހުރި ކެމިކަލް ޕްލާންޓަށް ރަޝިޔާ ސިފައިން ހަމަލާތައް ދެމުން ދާއިރު، އެ ޕްލާންޓްގެ ތެރޭގައި އާންމުންގެ 800 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޔޫކްރޭނުން ބުނެފި އެވެ.

ޔޫކްރޭނުން އެ ބުނާ ކެމިކަލް ޕްލާންޓަކީ، އިރުމަތީ ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިހާރު އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުންދާ ސެވެރޮޑޮނެޓްސްކްގައި ހުންނަ ޕްލާންޓެކެވެ. ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ ސިފައިން އެ ޕްލާންޓަށް ހަމަލާ ދިނުމުގެ ސަބަބުން، އެ ޕްލާންޓްގައި މިހާރު ވަނީ އަލިފާން ރޯވެފަ އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އެ ޕްލާންޓްގައި ރޯވީ، ރަޝިޔާގެ އެއްގަމު ސިފައިންނާއި ޔޫކްރޭންގެ އެއްގަމު ސިފައިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި އެ ޕްލާންޓަށް ވަޒަން އެރުމުގެ ސަބަބުން ތެޔޮ ލީކްވެފައި ހުއްޓައި، ރަޝިޔާ ސިފައިން އެ ޕްލާންޓަށް ބޮން އެޅުމުގެ ސަބަބުންނެވެ. އިރުމަތީ ދޮންބާސް ސަރަހައްދުގެ ތެރެއިން ޔޫކްރޭންގެ އެތެރެއަށް ވަދެގަތުމަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި މިހާރު އެންމެ ވަރުގަދަ އަށް ހަމަލާތައް ދެމުންދަނީ ސެވެރޮޑޮނެޓްސްކްގައި ޔޫކްރޭން ސިފައިން ތިބި ސަރަހައްދުތަކަށެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ސެވެރޮޑޮނެޓްސްކް ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ހިނގައްޖެ ނަމަ، މުޅި ދޮންބާސް ސަރަހައްދު ޔޫކްރޭންގެ ކޮންޓްރޯލްގެ ދަށުން ގެއްލިގެން ދާނެ އެވެ. ސެވެރޮޑޮނެޓްސްކްގެ ގާތްގަނޑަކަށް 98 ޕަސެންޓް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި މިހާރު އޮތީ އެ ސަހަރުގެ ރަށްބޭރުގައިވާ ކުދި އަވަށްތަކެކެވެ.

ރަޝިޔާ ސިފައިން އެ ސަރަހައްދުން ކުރިއަށް ޖެހުމަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާތީ، އެ ސަރަހައްދުގެ އާންމުންގެ ގިނަ ބަޔަކު، ރައްކާތެރިކަން ހޯދުމުގެ ގޮތުން ވަދެ ތިބީ ސެވެރޮޑޮނެޓްސްކްގައި ހުންނަ ކެމިކަލް ޕްލާންޓް ހިންގާ އިމާރާތުގެ އަޑީގައި ހަދާފައި ހުރި ބިންގަރާހަށެވެ. އެ ބިންގަރާހުގެ ތެރޭގައި އާންމުންގެ 800 އަށް ވުރެ ގިނަ މީހުން ތިބި އިރު، މިހާރު އެމީހުންގެ ހާލެއް ނޭނގޭ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ދޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން ކުރަމުން ދާ މަސައްކަތް ހުއްޓުވޭނީ، ޔޫކްރޭނަށް އިތުރު ޒަމާނީ ހަތިޔާރު ލިބިގެންނެވެ. ޔޫކްރޭން ސިފައިންގެ ދިފާއީ ހަމަލާތަކުގެ ސަބަބުން ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް، މިހާރު ވެސް ޔޫކްރޭން ސިފައިންގެ އަތުގައި ހުރި ހަތިޔާރަށް ވުރެ ރަޝިޔާ ސިފައިންގެ އަތުގައި ހުރި ހަތިޔާރު 10 ގުނަ އިތުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.