Roadha Mihaaru
ޖޯކާގެ ސީކުއެލްގެ މަސައްކަތް ފަށައިފި

ޖޯކާގެ ސީކުއެލްގެ މަސައްކަތް ފަށައިފި

09 ޖޫން 2022

ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ވާކީން ފީނިކްސް ލީޑް ރޯލުން ފެނުނު ސައިކޮލޮޖިކަލް ތުރިލާ "ޖޯކާ"ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

ޑީސީގެ އެންމެ ފާހަގަކުރެވޭ އެއް ވިލަން ކެރެކްޓާ އަށް ބިނާކޮށް، ވަކީން ތައްޔާރުކުރި ފިލްމު "ޖޯކާ"ގެ ފުރަތަމަ ބައި ރިލީޒްކުރީ 2019 ވަނަ އަހަރުގަ އެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީތަކެއް ހޯދުމަށް ފަހު، އޮސްކާގައި ވެސް އެ ފިލްމު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެކަމާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް އުފައްދާނެ ކަމަށް ޑައިރެކްޓަރު ޓޮޑް ފިލިޕްސް ބުންޏެވެ. އެއަށް ފަހު، ޓޮޑް ވަނީ ދާދި ފަހުން އެ ފިލްމުގެ ޓީޒާ ފޮޓޯއެއް އާންމުކޮށްފަ އެވެ.

އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯއަކުން ޖޯކާގެ ސްކްރިޕްޓުގެ ބޭރުގަނޑު ފެނެ އެވެ. އަދި އެ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ އިޝާރާތްކުރި އެވެ.

ޖޯކާގެ އާ ފިލްމަކީ ވެސް ނަފުސާނީ ގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާނެ ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލުން ވާކީން ފެންނާނެ ކަމަށް ބުނެފައިވާއިރު، އިތުރު ކާސްޓެއް އާންމުކޮށްފައެއް ނުވެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން މިހާރު ފަށާފައިވާއިރު އެ ފިލްމު ނެރޭނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.