Roadha Mihaaru
"ފާސްޓް އެންޑް ފިއުރިއަސް" އަށް ބޮޑު ޖޫރިމަނާއެއް

"ފާސްޓް އެންޑް ފިއުރިއަސް"ގެ އުފެއްދުންތެރިން އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

27 ނޮވެމްބަރ 2023

ސްޓަންޓް ޖައްސާ މީހެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން "ފާސްޓް އެންޑް ފިއުރިއަސް"ގެ އުފެއްދުންތެރިން އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ސްޓަންޓް ޖައްސާ މީހެއްގެ ބޮލަށް ލިބުނު ގެއްލުމަކާ ގުޅިގެން "ފާސްޓް އެންޑް ފިއުރިއަސް"ގެ އުފެއްދުންތެރިން އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި ޖޯ ވަޓްސް ކިޔާ އެ މީހާ އަށް އަނިޔާވީ 2021 ވަނަ އަހަރު ޕްރިމިއާ ކުރި "ދަ ފާސްޓް އެންޑް ފިއުރިއަސް 9: ދަ ފަސްޓް ސާގާ"ގެ ޝޫޓިންގައި އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގަ އެވެ. އެ މަންޒަރު ނެގީ އިނގިރޭސިވިލާތުގައި ހުންނަ ވާނާ ބްރަދާސްގެ ސްޓޫޑިއޯގަ އެވެ.

އެ މަންޒަރު ނަގަން އޭނާ ސްޓަންޓެއް ޖައްސަނިކޮށް އަށް މީޓަރު މަތިން ކޮންކްރީޓު ގަނޑެއްގެ މައްޗަށް ވެއްޓި ބޮލުގެ ނާށިގަނޑަށް ގެއްލުން ލިބުނީ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށްފައި ނުވާތީކަން އެ މައްސަލައިގެ ތަހުގީގުން އެނގުނެވެ. އެހެންވެ، އެ މައްސަލަ އިނގިރޭސިވިލާތުގެ ލޫޓޮން މެޖިސްޓްރޭޓްސް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި ވޮޓްސް ދުނިޔޭގައި ހުރީ ހަމަ ކިރިޔާކަން، ހުށަހަޅާފައިވާ މެޑިކަލް ހެކިތަކުން އެނގެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތަކުގައި ހުށަހެޅި އެހެން ހެކިތަކުން އެނގުނު ގޮތުގައި އެ ހާދިސާ ހިނގީ ވޮޓްސްގެ ގައިގައި އައްސާފައި އޮތް ސޭފްޓީ ލައިން (ވާގަނޑު) ދޫވެގެންނެވެ. އަދި ސްޓަންޓް ޖެއްސުމުގެ ކުރިން އެ ވާގަނޑު ޓެސްޓުނުކޮށް ބޭނުންކުރިކަން ވަނީ އެނގިފަ އެވެ. އެ ކަންކަމުގައި އިހުމާލުގައި އޮތް ކަމަށް އެ ފިލްމުގެ އުފެއްދުންތެރިން ވެސް ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.

އެ ކަންކަމަށް ބަލައި ކޯޓުން ނިންމީ އެ ފިލްމުގެ އުފެއްދުންތެރިން އެއް މިލިއަން ޑޮލަރު ޖޫރިމަނާކުރުމަށެވެ.

މި ފިލްމުގެ އުފެއްދުންތެރިން ނުވަތަ ޕްރޮޑިއުސަރުންގެ ތެރޭގައި މި ފިލްމުގައި ލީޑު ރޯލު ކުޅުނު ވިން ޑީސެލް އާއި ފިލްމުގެ ޑައިރެކްޓަރު ޖަސްޓިން ލިންގެ އިތުރުން ފަސް މީހަކު ހިމެނެ އެވެ.