Roadha Mihaaru
އޯޝަން ޑޭ ފާހަގަ ކުރުމަށް ދިރާގުގެ ހަރަކާތްތަކެއް

އޯޝަން ޑޭ ފާހަގަ ކުރުމަށް ދިރާގުން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

08 ޖޫން 2022

ދުނިޔޭގެ އޯޝަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިންނާ އެކު ދިރާގުން ސްނޯކްލިން ސެޝަނެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ އޯޝަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިންނާ އެކު ދިރާގުން ސްނޯކްލިން ސެޝަނެއް ބާއްވައިފި އެވެ.

ދިރާގުން ބުނީ، ކަނޑުއަޑީގެ ރީތިކަން ކުދިންނަށް ދައްކައިދީ، ކަނޑުގެ ދިރުންތައް އެ ކުދިންނަށް ދެއްކުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ކުދިންނަށް ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކަނޑާއި، ކަނޑުގެ ދިރުންތަކާއި، މި ވަގުތުގެ މެރިން އީކޯ ސިސްޓަމްގެ ހާލަތަށް އެ ކުދިން އަހުލުވެރި ކުރުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ ކަމަށް ދިރާގުން ބުނެއެވެ. މި ސެޝަންތައް ގެންގޮސްފައި ވަނީ ދިރާގުގެ އެމްބެސެޑާ ޒޫނާ ނަސީމާ އެކު އެވެ.

ދިރާގުން މިއަދު ކުރިއަށް ގެންދިޔަ ސެޝަނުގައި، ޒޫނާ ވަނީ ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތައް ކުދިންނާ ހިއްސާ ކޮށްފަ އެވެ. އަދި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމާއި، އެންމެން ގުޅިގެން ތިމާވެށި ރައްކާތެރި ކުރުމަށް އެ ކުދިންނަށް ޒޫނާ ނަސޭހަތްތެރިވި އެވެ.

ދިރާގުން ބުނީ އޯޝަން ޑޭ އާއި ގުޅުވައިގެން މި ފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައި މެރިން އިކޯ ސިސްޓަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަހުލުވެރި ކުރުން ކަމަށެވެ. އެގޮތުން އެ ކުދިންނަށް ކަނޑުގެ ދިރުންތަކަށް ދިމާވެފައިވާ ނުރައްކަލާއި ގެއްލުން ފެނި، އެކަންކަން ދެނެގަނެ، އެ ކަންތައްތަކަށް އަހުލުވެރި ކުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކޭ ކަމަށް ދިރާގުން ބުންޏެވެ. އަދި މުސްތަގުބަލުގައި މިމ ކަންތައްތައް ބަދަލު ކުރުމަށް މިހާރު ފުރާވަރުގައި ތިބި ކުދިންނަށް މި ކަންތައްތަކުގެ މުހިންމު ކަމާއި ނުރައްކާ އެނގެން ޖެހޭ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބޭއްވި މި އިވެންޓުގެ ބައިވެރިން ވަނީ ކަނޑުތައް ރައްކާތެރި ކުރުމުގެ ހުވައެއް ކޮށްފަ އެވެ. މި އިވެންޓުގެ ބައިވެރިންނަށް ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ދިރާގުން ވަނީ ރީޔޫޒަބަލް ބޭގްތަކެއް ހަދިޔާ ކޮށްފައެވެ. ދިރާގުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކަނޑާއި، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގައި ކުރެވެން ހުރި ކަންތައްތައް ކޮށް އެ ފަދަ ކަންތައްތަކަށް ބާރު ދޭނެ ކުންފުންޏެއް ކަމަށެވެ.