Roadha Mihaaru
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ

09 ޖޫން 2021

ރާއްޖޭގެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް، ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް، ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ ހަމަޖެއްސީ ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި އޮންލައިން ހަފުލާއެއްގަ އެވެ. މި ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޒޫނާ ވަނީ ކަނޑުތަކަ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފަ އެވެ. އޭނާ އަންނަނީ އެ ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ "ކެއާ ފޯ ދި އޯޝަން" އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ މުހިންމު އެއް ތަނބު ކަމަށެވެ. އެހެންވެ، ޒޫނާ ފަދަ އެ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ ލީޑަރެއް ދިރާގު ޓީމާ ގުޅުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒޫނާ ފަދަ މި ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިންސްޕިރޭޝަނަލް ލީޑަރެއް ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް. އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކޮށް، މި ކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިހަށް ވުރެ ބާރަށް ކުރިއަށް ގެންދާނަން" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ކަނޑުތައް ހިމާޔަތް ކުރުމަށް އިސްކަމެއް ދީގެން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން، 2016 ގައި އެ ކުންފުނިން ފެށި "ކެއާ ފޯ ދި އޯޝަން" ކެމްޕޭނުގެ ދަށުން، އެއްފަހަރާ ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ބާރު އަޅައި އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ ކޮތަޅު އެ ކުންފުނިން ތައާރަފުކުރި އެވެ. އަދި ގޮނޑުދޮށާއި ފަރުތައް ސާފު ކުރުމުގެ ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންދެ އެވެ.

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން ދިރާގުގެ ހުރިހާ އޮފީހެއްގައި މިހާރު މަނާ ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ ކުންފުނީގެ ކަލަންޑަރު ވެސް ހާއްސަ ކޮށްފައި ވަނީ ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރި ކުރުން އިތުރު ކުރުމަށެވެ.

ދިރާގުން ބުނިގޮތުގައި، އެ ކުންފުނިން ޒޫނާއާ ގުޅިގެން ރާއްޖޭގެ ކަނޑުތަށް ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލައި އޭނާގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާނެ އެވެ.