Roadha Mihaaru
މާސްކާއި އަންގި ކަނޑުތަކަށް ދިޔަ ނުދީ: ދިރާގު

ދިރާގުގެ މެސެޖެއް: އަންގި އާއި މާސްކު ކަނޑުތަކާއި ފަރުތަކަށް ދިޔަ ނުދީ

08 ޖޫން 2020

އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ޖެހޭ މާސްކާއި އަންގި ފަދަ ތަކެތިން ކަނޑު ފަރުތައް ސަލާމަތް ކުރުމަށް، އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމުގައި އިތުރަށް ސަމާލުވުމަށް ދިރާގުން މިއަދު އެދިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ޖެހޭ މާސްކާއި އަންގި ފަދަ ތަކެތިން ކަނޑު ފަރުތައް ސަލާމަތް ކުރުމަށް، އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމުގައި އިތުރަށް ސަމާލުވުމަށް ދިރާގުން މިއަދު އެދިއްޖެ އެވެ.

ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ނިއު ނޯމަލް އަށް އެންމެން ތައްޔާރުވަމުން އަންނައިރު މާސްކާއި އަންގި ފަދަ ތަކެތި ބޭނުން ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރައްކާތެރި ގޮތުގައި އެ ތަކެތި ނައްތާ ނުލައިފި ނަމަ ކަނޑުގެ ދިރުމަށް ގެއްލުންވެ އިތުރު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފަ އެވެ.

ދިރާގުން ބުނި ގޮތުގައި ކަނޑަށް އުކާލާ ޕްލާސްޓިކް އިތުރުވެފައިވާއިރު މީގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރަމުންދެ އެވެ. ކަނޑުން ދުނިޔޭގެ ވަޔާއި ފެނާއި މޫސުން ހިފެހެއްޓުމުގައި ބޮޑު ދައުރެއް އަދާ ކުރާއިރު ކަނޑުތަކަށް ގެއްލުން ދިނުމަކީ އިންސާނުންނަށް ވެސް ލިބޭ ގެއްލުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން ކަނޑަށް ކުނި އެޅުން ހުއްޓާލައި ފަރުދީ ޒިންމާ އަދާކުރުމަށް ދިރާގުން ވަނީ އެދިފަ އެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިއަހަރު އެ ކުންފުނިން ނެރުނު ކަލަންޑަރު ވެސް ހާއްސަ ކޮށްފައިވަނީ ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ކަނޑުގެ ދުވަހާ ގުޅިގެން ދިރާގުން ކުރި ޓްވީޓެއް--

އެ ކުންފުނިން ވަނީ ޕާލޭ މޯލްޑިވްސްއާ ގުޅިގެން 2016 ވަނަ އަހަރު "ފޯ ދި އޯޝަންސް" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ރީ-ޔޫސެބަލް ކޮތަޅު ތައާރަފުކުރި އެވެ. މި ކޮތަޅުތައް ރާއްޖޭގެ އެކި ރަށްތަކަށާއި ސްކޫލްތަކަށް ދިރާގުން ވަނީ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކޮށް، މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީ ވެސް ދިރާގެވެ. އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދާ ސާފު ކުރުމުގެ އެކި ހަރަކާތްތަކުގައި ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވެ އެވެ.