Roadha Mihaaru
ބަނގްލަދޭޝްގައި ގުދަނެއް ގޮވައި 25 މީހުން މަރުވެއްޖެ

ބަނގްލަދޭޝްގައި ގުދަނެއް ގޮވައި 25 މީހުން މަރުވެއްޖެ

05 ޖޫން 2022

ބަނގްލަދޭޝްގެ އިރުދެކުނު އައްސޭރީގެ ބަނދަރު ރަށެއް ކަމަށްވާ ޗިޓަގޮންގެ ކައިރީގައި އޮންނަ ސިޓަކުންޑާ އަވަށުގައި ހުރި މުދާ ރައްކާކުރާ ގުދަންތަކެއްގެ ތެރެއިން ގުދަނެއްގައި މިއަދު ފަތިހު އަލިފާން ރޯވެ ގޮވުމުގެ ސަބަބުން، މަދުވެގެން 25 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ބަނގްލަދޭޝްގެ އިރުދެކުނު އައްސޭރީގެ ބަނދަރު ރަށެއް ކަމަށްވާ ޗިޓަގޮންގެ ކައިރީގައި އޮންނަ ސިޓަކުންޑާ އަވަށުގައި ހުރި މުދާ ރައްކާކުރާ ގުދަންތަކެއްގެ ތެރެއިން ގުދަނެއްގައި މިއަދު ފަތިހު އަލިފާން ރޯވެ ގޮވުމުގެ ސަބަބުން، މަދުވެގެން 25 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ގުދަން ގޮވުމުގެ ހާދިސާ ހިނގީ، އެ ގުދަނުގައި އަލިފާން ރޯވުމުގެ ސަބަބުން، އަލިފާން ނިއްވާ މީހުން އައިސް އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ސަރަހައްދުގެ ބައެއް މީހުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ހުރި ގުދަންތަކުގެ ތެރެއިން ބައެއް ގުދަންތަކަކީ، އެކި ބާވަތުގެ ކެމިކަލް ކޮންޓޭނަރުތައް ގުދަންކޮށްފައި ހުރި ތަންތަނެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ ގުދަން ގޮވުމުގެ ސަބަބުން، އެތައް ކިލޯމީޓަރެއްގެ ދުރުގައި ހުރި އިމާރާތްތަކަށް ވެސް ގުޑުން އަރައިގެން ދިޔަ އެވެ. މި ހާދިސާގައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ ގިނަ މީހުންގެ ހާލަތު ވަރަށް ނުރައްކާ ކަމަށް ހޮސްޕިޓަލްތަކުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑު ވަނީ 60 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ފިހިފަ އެވެ.

ބަނގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ، އެ ގުދަނުގައި މަސައްކަތްކުރާ މީހުންނާއި އަލިފާން ނިއްވާ މީހުންނާއި ފުލުހުންނެވެ. ގުދަން ގޮވިތާ އެތައް ގަޑިއިރެއްވީއިރު ވެސް، އަލިފާން ނިއްވާ މީހުންނާއި ފުލުހުންނާއި އާންމުން ކުރަމުންދާ މަސައްކަތުން ވެސް އަލިފާންގަނޑު ނިއްވައިލެވޭ ގޮތެއް ނުވެ އެވެ.

ގުދަންތައް ހުރި ސަރަހައްދު ބަލަހައްޓާ ޑިރެކްޓަރު މުޖީބުއްރަހްމާން ވިދާޅުވި ގޮތުގައި އެ ގުދަންތަކުގައި މަސައްކަތްކުރާ މީހުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 600 އަށް އަރާނެ އެވެ.

އަލިފާނުގެ ހާދިސާތައް ހިނގުމަކީ ބަނގްލަދޭޝްގައި އާންމު ކަމަކަށްވާއިރު، އާންމުން ދަތުރުކުރި ފެރީ ބޯޓެއްގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި އެވެ. އަދި ވެރިރަށް ޑާކާއާ ކައިރީގައި ހުރި ފެކްޓަރީއެއްގައި މިދިޔަ އަހަރު ކުރީކޮޅު ހިނގި އަލިފާނުގެ ހާދިސާއެއްގައި 52 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި އެވެ.