Roadha Mihaaru
ކެމިކަލް ގުދަންތައް ފާސްކުރުމަށް އޮޕަރޭޝަނެއް ފަށަނީ

ކެމިކަލް ގެންގުޅޭ ތަންތަން ފާސްކުރުމަށް އޮޕަރޭޝަނެއް ފަށަނީ

26 ސެޕްޓެމްބަރ 2024

ނުރައްކާތެރި ކެމިކަލް ރައްކާކޮށްގެން ގެންގުޅޭ ތަންތަނުގައި ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށަން ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނުރައްކާތެރި ކެމިކަލް ރައްކާކޮށްގެން ގެންގުޅޭ ތަންތަނުގައި ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށަން ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

އެކި ބޭނުންތަކަށް ކެމިކަލް އެތެރެކުރުމަށް ހުއްދަދިނުމައި އެފަދަ ކެމިކަލްތައް ރައްކާކުރުމަކީ ޑިފެންސް މިނިސްޓްރީން ރެގިއުލޭޓު ކުރާ ކަމެކެވެ.

ކެމިކަލް ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް މީހުން ގަވައިދާއި ހިލާފުވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ތަންތަނާއި މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އަންނަ މަހު އެކެއްގައި ފަށާނެ ކަމަށެވެ.

އެ އޮޕަރޭޝަންގައި، ކެމިކަލް ރައްކާކުރާ ތަންތަން ބަލައިފާސްކުރުމާއި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި އަމަލު ކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމުތައް ޒޯންތަކަށް ބަހާލައިގެން ކުރިއަން ގެންދާނެކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަށް ފަހު އެވެ. އެކަކު މަރުވެ ހަތަރު ސަތޭކައެއްހާ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވި އެވެ.