Roadha Mihaaru
ކެމިކަލް ގުދަންތައް ދޭނެ ފަރާތްތައް ކަނޑައަޅައިފި

ކެމިކަލް ރައްކާކުރަން ތިލަފުށީގައި ހެދި ގުދަންތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅައިފި

18 ނޮވެމްބަރ 2019

ކެމިކަލް ރައްކާކުރަން މާލޭގައި ހަދާފައިވާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި އެޅި ގުދަންތައް ދޫކުރާނެ 34 ފަރާތެއް ކަނޑައަޅައި އެއްބަސްވުންތައް ހެދުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް، ތިލަފުށި ހިންގާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކެމިކަލް ރައްކާކުރަން މާލޭގައި ހަދާފައިވާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި އެޅި ގުދަންތައް ދޫކުރާނެ 34 ފަރާތެއް ކަނޑައަޅައި އެއްބަސްވުންތައް ހެދުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް، ތިލަފުށި ހިންގާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) "މިހާރު" އަށް މިއަދު ވިދާޅުވީ، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި ހެދި ގުދަންތައް ދޫކުރާނެ ފަރާތްތައް ކަނޑައެޅީ އެމްއެންޑީއެފުން ކަމަށާއި އެ ފަރާތްތަކާ އެކު އެއްބަސްވުންތައް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"ގުދަންތައް ދޫކުރާނެ ފަރާތްތައް އެމްއެންޑީއެފުން ވަނީ އައިޑެންޓިފައިކޮށްދީފައި. ދެން އެ ފަރާތްތަކާ އެކު އެއްބަސްވުންތައް ހަދަން މިހާރު މަޝްވަރާތައް މިއަންނަނީ ކުރަމުން. ވަރަށް އަވަހަށް އެ ކަންތައްތައް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ގުދަންތަކަކާއި ގެތަކެއްގައި ރޯވެ 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ތިލަފުށި ބަލަހައްޓާ ޖީއެމްއައިޒެޑުން ކެމިކަލް ގުދަންތައް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 9.5 މިލިއަން ރުފިޔާއަށެވެ. އެކުންފުނިން އިއްޔެ ބުނީ ގަދަ ވަޔާއި ވިއްސާރައިގައި، 37 ދުވަސް ތެރޭގައި ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމާފައިވާ ކަމަށެވެ. އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހަދަން އެސްޖޭއާ ހަވާލު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

މި ގުދަންތަކުގެ ސަލާމަތީ ކަންތައްތައް އެމްއެންޑީއެފުން ކަނޑައެޅި މިންގަނޑަށް ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.